ކިތަންމެކުޑަ ޢަމަލެއް ކަމުގައިވިޔަސް ދާއިމީގޮތަކަށް އެކަމެއް ކުރެވޭނަމަ ﷲގެ ހަޟްރަތުގައި އެއީ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް ކަމުގައި ވެދާނެއެވެ. އިންސާނާ ވަރުބަލިވެ ފޫހި ވެއްޖައުމަށްދާންދެން ﷲ އެމީހެއްގެ ޢަމަލު ބައްލަވާވޮޑިގަތުމުގައި ދެމިވޮޑިގެނވެއެވެ.
((أخرج البخاري في صحيحه قال حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى حَدَّثَنَا يَحْيَى عَنْ هِشَامٍ قَالَ أَخْبَرَنِي أَبِي عَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا وَعِنْدَهَا امْرَأَةٌ)) އުއްމުލް މުއުމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލުﷲ ﷺ އެކަމަނާގެ ގެކޮޅަށް ވެދެވަޑައިގެންނެވިއެވެ. އަދި އެކަމަނާގެ އަރިހުގައި އަންހެން ކަނބަލަކު ވާތީ ދެކެވަޑައިގެން ސުވާލު ދެންނެވިއެވެ. ((قال:- مَنْ هَذِه؟)) މިއީ ކޮންބޭކަނބަލެއްތޯއެވެ؟ ((قَالَتْ : فُلَانَةُ،)) ޢާއިޝާގެފާނު ދެންނެވިއެވެ. "އެވެނި ބޭކަނބަލެކެވެ." ((تَذْكُرُ مِنْ صَلَاتِهَا،)) ވަރަށް ގިނައިން ނަމާދުކުރައްވާ އުޅުއްވާ ބޭކަލބަލެކެވެ. ((قَالَ: مَهْ،)) އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވީ "މަހް"އެވެ. [(މިއީ ހިތްހަމަ ނުޖެހުމުން ބުނެއުޅޭ ބަހެކެވެ.) ބަހުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއީ ކަމެއް ހުއްޓާލާ ދޫކޮށްލުމުގެ މާނައިގާ ނުރުހުންތެރި ކަމާއެކު ބުނެ އުޅޭ ބަހެކެވެ. (މިހެން އިތުރު އެކަލޭގެފާނު ހަދިޘްފުޅުކުރެއްވީ، އެކަނބަލެއް އެކުރައްވާ ގިނަ ޢަމަލު ހުއްޓާލާށޭ ބުނުމުގެ ޞީޣާއެއްގައެވެ. އެއީ އެކަނބަލަކަށް ދަތިފުޅު ވެދާނެތީއެވެ. އަދި އެކަނބުލޭގެ ޢުމުރުން ދުވަސްވެ ގައިބާރުދާ ދުވަހު އެކަމެއްގައި ދެމިނުހުރެވިދާނެ ތީއެވެ.] ދެން އެކަލޭގެފާނު އަމުރުކުރެއްވީ ((عَلَيْكُمْ بِمَا تُطِيقُونَ)) ތިޔަބައިމީހުންގެ މައްޗަށް އޮތީ ކުޅަދާނަވާ މިންވަރަށް އަޅުކަން ކުރުމެވެ. [މާނައީ އަޅުކަމުން ތިމާގެ ނަފްސަށް ބުރަނުކުރާށެވެ. އެހެނީ އަމިއްލަ ނަފްސަށް ތިމާ އަޅުކަން ތަކްލީފު ކޮށްފިނަމަ، ދާދި އަވަހަށް އެކަމެއްގެ ބުރަބޮޑުވެ އެކަމުގެމަތިން ފޫހިވެ އެޢަމަލެއް މުޅިންހެން ދޫކޮށްލެވިދާނެއެވެ.]، ((فَوَاللَّهِ لَا يَمَلُّ اللَّهُ حَتَّى تَمَلُّوا،)) ﷲ ގަނދެއްވާ ވިދާޅުވަމެވެ! ތިޔަބައިމީހުން ފޫހިވެއްޖައުމަށްދާންދެން، ﷲ ތިޔަބައިމީހުންގެ ޢަމަލުތަށް ބެއްލެވުމުގައި ދެމިވޮޑިގެންވެއެވެ. ((وَكَانَ أَحَبَّ الدِّينِ إِلَيْهِ مَادَامَ عَلَيْهِ صَاحِبُهُ)) އަދި ﷲ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ އެ ޢަމަލެއް ކުރުމުގައި މީހަކު ދެމިހުންހުންނަ ޢަމަލެވެ. [މާނައީ ކިތަންމެ ކުޑަ ޢަމަލެއްވިޔަސް އެ ޢަމަލެއް ކުރުންމަތީ ތިމާ ދެމިހުންނަ ޢަމަލެއް، އެއްފަހަރާ އަރާ ފޯރިއެއްގައި ކޮށްލާ (ޢަދަދުގެ ގޮތުން) ގިނަ ޢަމަލަކަށްވުރެ ހެޔޮވެގެންވެއެވެ.]
ބަޔާންވެދިޔަ ޙަދީޘުން އެނގެނީ ތިބާގެ ޢަމަލުތަކާ އެއްވަރުގެ ޘަވާބެއް ދެއްވުމުގައި ﷲ ދެމިވޮޑިގަންނަވާނެކަމެވެ. ތިބާ ވަރުބަލިވީކަމުގައި ވެއްޖެނަމަ ﷲ ދެން ތިބާއަށް ދޭނީ ކޮން އަޖުރެއްތޯއެވެ. އެއިލާހު އެއީ ފޫހިވުމެއް ނުވަތަ ވަރުބަލިވުމެއް ނުވާ ރަސްކަލާންގެއެވެ. وَلَقَدْ خَلَقْنَا السَّمَاوَاتِ وَالأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِنْ لُغُوبٍ (ق: 38). މާނައީ:- "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ."
ހަމަ އެފަދައިން ހޭދަކުރުމުގައި މީހަކު، ތެލެތޯންއެއްގައި ނުވަތަ ޗެރިޓީ އިވެންޓެއްގައި ދިހަ ހާސް ރުފިޔާ ހަދިޔާ ކޮށްފައި ދެން ދުވަހަކުވެސް އެއްޗެއް ހަދިޔާ ނުކޮށް ހުރުމަށްވުރެ ކޮންމެ ހުކުރު ދުވަހަކު ޞަދަޤާތުގެ ގޮތުގައި ދިހަ ރުފިޔާ ދޭމީހާވެސް ﷲ ހަޟްރަތުގައި މާ ހެޔޮކަން ބޮޑުވެދާނެއެވެ.
އަދި މިޙަދީޘްފުޅުން ލިބޭ އަނެއް ފިލާވަޅަކީ ﷲއަށް ކިޔަމަންތެރިވުމުގައި ތިމާއަށް ނުވާވަރުން ކަންކަން ކުރަން ނޫޅުމެވެ.
ޢަބްދުﷲ އިބްނު ޢަމްރޫ އިބްން ޢާޞް، ދެންނެވިއެވެ. ތިމަން ކޮންމެ ދުވަހަކު ރޯދަ ހިފާނީއެވެ. އަދި ނިދުމެއްނެދި ކޮންމެ ރެއަކު ރޭއަޅުކަން ކުރާނީއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. ކަލޭގެފާނު އެފަދައިން ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ އާދޭހެވެ! ދެން ޙަދީޘްފުޅު ކުރެއްވިއެވެ. ކަލޭގެފާނަށް ތިޔަކަމަށް ކުޅަދާނަވެގެން ނުވެއެވެ. ދެން އިރުޝާދު ދެއްވީ ކޮންމެ މަހެއްގައި 3 ދުވަހު ރޯދަ ހިއްޕެވުމަށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަނާއަށް ތިޔައްވުރެ ގިނައިން ރޯދަހިފޭނެއެވެ. ދެން ޙަދީޘްފުޅު ކުރެއްވިއެވެ. ހޯމަ ބުރާސްފަތީގައި ރޯދަ ހިތްޕަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަނާއަށް ތިޔައްވުރެ ގިނައިން ރޯދަހިފޭނެއެވެ. ދެން ޙަދީޘްފުޅު ކުރެއްވިއެވެ. ދެދުވަހުން އެއްދުވަހު ރޯއްދަ ހިތްޕަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަނާއަށް ތިޔައްވުރެ ގިނައިން ރޯދަހިފޭނެއެވެ. ދެން ޙަދީޘްފުޅު ކުރެއްވިއެވެ. އެއަށް ވުރެ ގިނަ ނުކުރަށްވާށެވެ. އެއީ ދާވޫދުގެފާނު ރޯދަ ހިތްޕެވި ގޮތެވެ. ޢަބްދުﷲ އިބްނު ޢަމްރޫ އިބްން ޢާޞް މުސްކުޅި ފުޅުވެ ގައިބާރު ދެރަވުމުން ދެދުވަހުން އެއްދުވަހު ރޯދަ ހިތްޕެވުމަށް އުނދަގޫވެވަޑައިގަތެވެ. އަދި ވިދާޅެވިއެވެ. އެދުވަހު ނަބިއްޔާ ﷺ ދެއްވި ލުއިގައި ހިތްޕެވުނު ނަމައެވެ.
އެހެންކަމުން މީގެން އިނގިގެން ދަނީ އަޅުކަން ކުރުމުގައި ވެދުމިން ގެން ގުލުން ބުއްދިވެރި ކަމުގައެވެ. ގިނަކުރުމެއް އަދި މަދު ކުރުމެއްނެތި ކިތަންމެ ކުޑަކަމެއް ނަމަވެސް ދާއިމީ ގޮތަކަށް ކުރެވޭތޯ ބަލާށެވެ!
رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حقން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرةން رحمةއެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمةތައް ދެއްވާ ރަސްކަލާނގެއެވެ.




