އެމް.ޑަބްލިޔު.އެސް.ސީ އިން 2020 ވަނަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ޚަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ އެ ކުންފުނީގެ އޮޕަރޭޓިން އެނޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައި ވަނީ 838.9 މިލިއަން ރުފިޔާ ކަމުގައި ވީނަމަވެސް، މިކަމަށް ޚަރުދު ކުރެވިފައިވާ މިންވަރު 541 މިލިއަން ރުފިޔާއަށް ކުޑަކުރެވިފަވާ ކަމަށެވެ.
މިއީ، 2019 ވަނަ އަހަރުގެ ކުންފުނީގެ ހިންގުމުގެ ޚަރަދާއި އަޅާބަލާއިރު %14 ކުޑަ އަދަދެކެވެ.
ކުންފުނީގެ ހިނގުމުގެ ޚަރަދުތައް މިފަދައިން ކުޑަކުރެވިފައި ވަނީ، ޚަރަދު ކުޑަކުރުމުގެ ގޮތުން، ޚާއްސަކޮށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން، ކުންފުނީގެ މެނޭޖްމަންޓުން ރޭވުންތެރިކަމާއި އެކު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ގެންގުޅުއްވި ހިކުމަތްތެރި މާލީ ސިޔާސަތު ތަކުގެ ސަބަބުންކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
2020 ވަނަ އަހަރުގެ އެ ކުންފުނިން ކޮށްފައިވާ ޚަރަދުތަކަށް ބަލާލާއިރު، އިންޖިނިއަރިންގ، މެނުފެކްޗަރިންގ، ފެނާއި ނަރުދަމާގެ ޚިދުމަތްތައް، އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތައް ފުރަތަމަ ކުއާޓަރގައި 177.4 މިލިއަން ރުފިޔާ، ދެވަނަ ކުއާޓަރ ގައި 130.7 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓަރ ގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓަރގައި 94.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެކުންފުނިން ވިދާޅުވީ 2019 ވަނަ އަހަރުގެ ޚަރަދުތަކާއި އަޅާބަލާއިރު، 2020 ވަނަ އަހަރުގައި އިންޖިނިއަރިންގ ދާއިރާއިން ކުރެވިފައިވާ ޚަރަދުތައް %6 ކުޑަކުރެވިފައިވާއިރު، މެނުފެކްޗަރިންގ ގެ ޚަރަދުތައް %14 ކުޑަކުރެވިފައިވާކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާގެ ޚަރަދުތައް %16 ކުޑަކުރެވިފައިވާއިރު، ފެނާ ނަރުދަމާގެ ޚިދުމަތައް ކޮށްފައިވާ ޚަރަދުތައް %15 ކުޑަކުރެވިފައިވާކަމަށެވެ.
ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކުގައިވެސް، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅުއްވި ހަރުދަނާ އަދި ހަމަ އެހާމެ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައް ތަކެއް ކުރެވިފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެގޮތުން ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމާއި، ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައި ދިނުމުގެ އިތުރުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމައްޓަކައި، ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށާއި، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެދަށުން މިފަދަ ކަންކަމަށް ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.
"2020 ވަނަ އަހަރުވެސް ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ ކުންފުނީގެ މައިގަނޑު ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ. މި ގޮތުން، މެދުކެނޑުމެއްނެތި ރައްކާތެރި ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާކަމީ މި ކުންފުނިން އުފަލާއި އެކު ފާހަގަ ކުރާކަމެކެވެ. އަދި ހަމަ މިއާއިއެކު، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި ޕްރޮޖެކްޓްތައް ވަނީ ހިންގިފައެވެ." އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ ވަނީ ސަރުކާރުން، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝަރޫޢު ތަކުގެ ދަށުން، ދެރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު ނިންމައި، 5 ރަށެއްގެ ޢަމަލީ މަސައްކަތް ފަށައި، އަދި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫޢު ފެށުމަށް ތައްޔާރުވެފައެވެ.
ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތުން ވަނީ ކޮވިޑް-19 ގެ ދަތި އުނދަގޫ ހާލަތާއި އެކުގައިވެސް، ކުންފުނީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެނދިއުމުގައާއި، ކުންފުނީގެ ލަނޑު ދަނޑިތައް ޙާސިލް ކުރުމުގައި، ކުންފުނީގެ ހިތްވަރުގަދަ، ހީވާގި މުވައްޒައްފުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.




