ވަގުންނަށް ފުރުސަަތުނުދީ ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ވައްކަމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ކޮންމެ ފަރުދަކުވެސް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއްކަމަށާއި ވަގުންނަށް ފުރުސަތު ނުދިނުމަށް ކޮންމެ ފަރުދަކަށްވެސް ތިމާ ގެންގުޅޭ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރެވިދާނެކަމަށެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، މުދަލަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ހިނގާފައިވާ ވައްކަމުގެ މައްސަލަތައް ހިމެނޭކަމަށާއި، އެގޮތުން ތަޅުދަނޑި ޖަހާފައި ހުއްޓައި ސައިކަލު ވަގަށް ނެގުމާއި، ސައިކަލު ޕޮކެޓުގައި ފޯނު ފަދަ ތަކެތި ބަހައްޓާފައި ސައިކަލު ޕާކުކޮށްފައި ދިއުމުން ވަގަށްނެގުމާއި، ސައިކަލު މަޑިދަށުގައި ތަކެތި ބެހެއްޓުމުން ވަގަށް ނަގާފައިވާ މައްސަލަތަކުގެ އިތުރުން ގެދޮރު ތަޅުނުލާ ހުއްޓައިވަދެ ވައްކަންކޮށްފައިވާ މައްސަލަތައްވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
ހެދޭ ކުޑަކުޑަ އެންމެ ގޯހަކުންވެސް، ވައްކަންްކުރާ މީހުންނަށް ފުރުސަތު ލިބި ތިމާގެ އަގުބޮޑު އެއްޗެއް ގެއްލިދާނެކަމަށް ވިދާޅުވެ ފުލުހުންވަނީ އެފަދަ ހާދިސާއެއް ހިއްސާކޮށްފައެވެ.
”މޫދަށް އެރެންދިޔަ ބައެކެވެ. އެންމެންގެ ފޯނުތަކާއި ވޮލެޓުތައްވެސްލީ އެތަނުން އެކަކު ގެންގުޅުނު ދަބަހަށެވެ. އަދި ދަބަސް ބޭއްވުމަށްފަހު އެންމެންވެސް މޫދަށް އެރުނެވެ. ވަގުތަކީ އެ ސަރަހައްދުގައި މީހުންވެސް ގިނަ ވަގުތެކެވެ. ދުވާލުގެ ވަގުތެވެ. ބައިގަޑިއެއްހާއިރު މޫދުގައި ހޭދަކުރުމަށްފަހު އައިސް ބެލިއިރު ދަބަސް އޮތެވެ. އެހެން ނަމަވެސް ދަބަހުގައި، އެންމެ ފޯނެއްވެސް އަދި އެންމެ ވޮލެޓެއްވެސް ނެތެވެ. ކޮންމެ މީހަކުވެސް ގެންގުޅުނީ އެންމެ ފަހުގެ ސްމާޓް ފޯނެވެ. ވޮލެޓުގައި ފައިސާގެ އިތުރުން ކޭޝް ކާޑުތަކާއި އެހެނިހެން ކާޑުތައްވެސް ހުއްޓެވެ. ދަބަހުން އެތަކެތި ނެގިތަން ފެނުނު އެއްވެސް މީހަކު ހުރިތޯ އެވަގުތު އެތާގައިތިބި އެންމެންގާތު އެހިއެވެ. އެހެންނަމަވެސް އެ މަންޒަރު ފެނުނު އެއްވެސް މީހަކާ ދިމައެއް ނުވިއެވެ. މިއީ ކުޑަކުޑަ މިސާލެއް" ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ވައްކަމުގެ 4552 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި ފާއިތުވި އަހަރު 3581 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މިހާތަނަށް ވައްކަމުގެ 178 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ވައްކަމުގެ މައްސަލަތައް އިތުރުވިޔަ ނުދިނުމާއި މިފަދަ މައްސަލަތައް މަދުކުރުމަށް މާލެއާއި އަތޮޅުތަކުގައި ފުލުހުން ގެންދަނީ ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ.
ފުލުހުން ވިދާޅުވީ ވައްކަމުގެ މައްސަލަތަކަކީ އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނޫނީ ހުއްޓުވޭނެ ކަންކަމެއް ނޫންކަމަށާއި، ފުރަތަމަ ކަމަކީ ފަރުދީ ޒިންމާ އަދާކުރުންކަމަށެވެ.
"ގެންގުޅޭ އަގުބޮޑު ފޯނާއި ލެޕްޓޮޕް، ވޮލެޓް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ގެންގުޅޭ ފަރާތުގެ ޒިންމާއެކެވެ. ބޭރުތެރޭގައި އުޅޭއިރު މިފަދަ އަގުބޮޑެތި ތަކެތި އެހެން މީހުންނަށް ފެންނާނެހެން ހާމަކޮށްފައި ނުބެހެއްޓުން ބުއްދިވެރިއެވެ. އަދި ގޭގައި ހުންނަ އަގުބޮޑެތި ތަކެތިވެސް ހާމަކަންބޮޑު ގޮތެއްގައި ބެހެއްޓުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ހަނދާންނެތިގެންވެސް ގޭ ދޮރު ތަޅުނުލާ ބެހެއްޓިދާނެއެވެ. ގެއިން ބޭރަށް ކުޑަ ވަގުތުކޮޅަކަށް ދިޔަ ނަމަވެސް ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރަންވާނެއެވެ. ބޭރުގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ އެހެން ތަނެއްގައިވިޔަސް ތަޅުދަނިޑި ނުބާއްވާށެވެ. މޫދަށް އެރޭއިރުވެސް ވައްކަން ކުރާ މީހުންގެ އަތުޖެހޭގޮތަށް ދަބަސް، ފޯނު އަދި ވޮލެޓުވިޔަސް ނުބާއްވާށެވެ. ސައިކަލު ޕާކުކޮށްފައި ދިއުމުގެ ކުރިން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރާށެވެ. ސައިކަލު ޕޮކެޓުގައި ނުވަތަ މަޑިދަށުގައިވެސް އަގުބޮޑެތި ތަކެތި ނުބަހައްޓާށެވެ." ފުލުހުން ވިދާޅުވިއެވެ.
މީހަކު ނުވަތަ ބަޔަކު ވައްކަމުގެ އަމަލެއް ހިންގާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަވެސް 3322111، 3322112 ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި މައުލޫމާތު ހިއްސާކުރާށެވެ. އަތޮޅުތެރޭގައި ނަމަ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންވަނީ އެދިލައްވާފައެވެ.




