2019 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 16482 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، ފާއިތުވި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ 12787 މައްސަލައެކެވެ.
މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެެރެއިން މާލެ ސަަރަހައްދުން 8060 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ އަހަރު އަތޮޅުތަކުން 4727 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު އަދަދު ވަނީ މަދުވެފައެވެ.
އެގޮތުން ވައްކަމުގެ 4551 މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 3581 މައްސަލައެކެވެ. މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު 2186 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށައެޅިފައިވަނީ މަސްތުވާތަކެތީގެ 1425 މައްސަލައެކެވެ. މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކަށް ބަލާއިރު، 2019 ވަނަ އަހަރު 467 މައްސަލަ އެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 394 މައްސަލައެވެ.
ފުލުހުން ވިދާޅުވިގޮތުގައި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ބިރުދައްކައިގެން ފައިސާ ފޭރުމުގެ 13 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 11 މައްސަލައެކެވެ. އަދި ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމުގެ 21 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 9 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. ފޭރުމުގެ އެހެނިހެން 449 މައްސަލައެއް 2019 އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު މިފަދަ 328 މައްސަލަ ހުށަހެޅިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ޓްރެފިކް މައްސަލަތަކަށް ބަލައިލާއިރު 2019 ވަނަ އަހަރު ޓްރެފިކް އެކްސިޑެންޓްގެ 2323 މައްސަލައެއް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ހުށަހެޅިފައިވަނީ 1390 މައްސަލައެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކަނޑު މަތީގެ އެކްސިޑެންޓްގެ 172 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށައެޅިފައިވަނީ 86 މައްސަލައެކެވެ.
ޓްރެފިކް އެކްސިޑެންޓް ތަކުގައި 2019 އަހަރު ފަސް މީހަކު ނިޔާވެފައިވާއިރު މިދިޔަ އަހަރު މީހަކު ނިޔާވެފައެއް ނުވެއެވެ. މީގެއިތުރުން ކަނޑުމަތީ އެކްސިޑެންޓްތަކުގައި 2019 ވަނަ އަހަރު މީހަކު ނިޔާވެފައިވާއިރު ފާއިތިވެ ދިޔަ އަހަރު މީހަކު ނިޔާވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.



