ފުލުހުންގެ އައު އެކަމަޑޭޝަން އިމާރާތުގެ ބިންގާ އަޅައިފި

ފުލުހުންނަށް ހާއްސަކޮށްގެން ދޫނިދޫގައި އަޅާ އެކަމަޑޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެެވެ.

މިއަދު ހެނދުނު ދޫނިދޫގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން އަދި ދޫނިދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެލެއްވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މުއައްސަސާއެއް ކުރިއަރައި ދިއުމަށްޓަކައި ނުވަތަ ހިދުމަތް ފުރިހަމަކުރުމަށްޓަކައި ދެކަމެއް ބޭނުންވާކަމަށް ވިދާޅުވިއެވެ.

އެގޮތުން މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ގާބިލްކަމާއި ހުނަރު އުފައްދައި އެކަމަށް ދޭ އަހަންމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމްވެ، ހާސިލްވެފައިހުރުމަކީ މުހިންމުކަމެއްކަން މިނިސްތަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ، މިއަދު ބިންގާ އެޅިގެންދާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއި ފަސޭކަމެއް ގެނެސްދީ، މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އިމާރާތަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މިއަދު ބިންގާ އެޅުނު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ހަ ފަންގިފިލައަށް އިމާރާތްކުރާ އިމާރާތެކެވެ. މި އިމާރާތުގައި މެސްރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއްވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ