ފާއިތުވި ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ މިންވަރު ދަށްވެ، އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު މައްޗަށް ޖެހިލައިފިއެވެ.
ފާއިތުވި ޑިސެންބަރުމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު 2019 ވަނަ އަހަރުގެ ޑިސެންބަރުމަހާ އަޅާބަލާއިރު 40 އިންސައްތަ ދަށްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް ސަރވިސްއިން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުން 2019 ވަނަ އަހަރު ޑިސެންބަރު މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިންޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ޑިސެންބަރު މަހު މިއަދަދު ވަނީ 2.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
އެހެންކަމުން ފާއިތުވި ޑިސެންބަރުމަހު އިމްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ ވެސް 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 ޕަސެންޓު ވަނީ ދަށްވެފަ އެވެ.
2019 ވަނަ އަހަރުގެ ޑިސެންބަރު މަހު 359 މިލިއަން ރުފިޔާ ދަޢުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެންބަރު މަހު މި އަދަދު ވަނީ 252 މިލިއަން ރުފިޔާއަށް ދަށްވެފައިކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޑިސެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 459 މިލިއަން ރުފިޔާ އެވެ. މިިއީ 2019ގެ ޑިސެމްބަރު މަހު އެކްސްޕޯޓުކުރި މުދަލުގެ އަގާ އަޅާބަލާއިރު އަށް ޕަސެންޓު އިތުރު އަދަދެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 426 މިލިއަން ރުފިޔާ އެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއާއި، ޔޫއޭއީ އަދި މެލޭޝިޔާއިންނެވެ. އެގޮތުން ޗައިނާއިން ވަނީ 408 މިލިއަން ރުފިޔާގެ މުދާއެތެރެކޮށްފައެވެ. އަދި ޔޫއޭއިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މެލޭޝިޔާއިން އެތެރެކޮށްފައިވާ މުދާ އުޅޭނީ 360 މިލިއަން ރުފިޔާގައެވެ.
ފާއިތުވި ޑިސެންބަރު މަހު އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. ތައިލޭންޑަށް 70 އިންސައްތަ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، ޖަރުމަނުވިލާތަށް ވަނީ 5 އިންސައްތަ މުދާ އެކްސް ޕޯޓް ކޮށްފައެވެ.