އިންޑިޔާގެ ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ބޮޑެތި ކުންފުނިތަކަށް ވަދެވޭގޮތަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ޤާނޫނާ ދެކޮޅު ހެދުމުގެ ގޮތުން އެޤައުމުގެ ދަނޑުވެރިން ކުރަމުންދާ މުޒާހަރާތައް، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެންވަނީ ވަރުގަދަ ކޮށްފައެވެ. އިންޑިޔާގެ ޖުމްހޫރީ ދުވަހު ދަނޑުވެރިން ބޭއްވި ޓްރެކްޓަރު ޕެރޭޑު ހޫނުވެ، ވަރުގަދަ މުޒާހަރާއަކަށް ބަދަލުވެފައިވާއިރު ދިއްލީ އާއި ދިއްލީގެ ވަށައިގެން ހުރި އެކި ސަރަޙައްދުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
މި މުޒާހަރާތަކުގެ ތެރެއިން އިއްޔެ، މުޒާހަރާގެ ބައެއް އިސް ބައިވެރިން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް ކޮށްފައެވެ. އެއް ދުވަހުގެ ނިޔަލަށް ހައިހޫނުކަމުގެ ހަޅުތާލު ކުރިއަށް ގެންދަން އެފަރާތްތަކުން ފެށިއިރު، އެކަން ދިމާވެފައިވަނީ އެޤައުމުގެ މިނިވަންކަމުގެ ބާނީ އަދި ސުލްހަވެރި އުސޫލުތައް ބޭނުންކޮށްގެން ދެކޮޅުވެރިކަން ދައްކާ ކާމިޔާބު ހޯދި މަހާތުމާ ގާންދީގެ މަރަށް އަހަރު ފުރޭ ދުވަހާއެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަހުން ފެށިގެން މުޒާހަރާތައް ހޫނުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި މި މުޒާހަރާތަކުގެ ތެރެއިން އެކަކު މަރުވެފައިވެއެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ 400 އެއްހާ ފުލުހުންނަށް އަނިޔާވެފައިވާކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަނިޔާވެފައިވަނީ މުޒާހަރާގެ ކިތައް ބައިވެރިންނަށްކަމެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައިނުވިނަމަވެސް، ކަރުނަ ގޭހާއި މުގުރި ބުރީގެ އަމާޒަކަށްވި ބައެއް ބައިވެރިންގެ ގައިން ލޭއޮހޮރިފައިވާ މަންޒަރުވެސް ފެނިފައިވެއެވެ.
މި މުޒާހަރާތައް މައިތިރިކުރުމުގެ ގޮތުން ދިއްލީގެ ބޭރުން އޮންނަ ބައެއް ސަރަޙައްދުތަކުން އިންޓަނެޓުގެ ޚިދުމަތްވެސް ކަނޑާލާފައިވެއެވެ. އެގޮތުން، އާދީއްތަ ދުވަހުގެ ރޭ 11 ޖެހުމާ ހަމައަށް ދިއްލީ ބޭރުގެ ވަރަށް ގިނަ ސަރަޙައްދުތަކުން ވަނީ މި ޚިދުމަތް ކަނޑާލާފައެވެ.
އިންޑިޔާގެ ދަނޑުވެރިކަމުގެ ސިނާއަތަށް ގެނައި ބަދަލާ ބެހޭގޮތުން އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ އިން ވިދާޅުވެފައިވަނީ އެއީ އެޤައުމުގެ ދަނޑުވެރިކަމުގެ ސިނާއަތު ޒަމާނީ ކުރުމަށް ވަރަށް މުޙިއްމު ބަދަލެއްކަމުގައެވެ.



