އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމްޕީޗްމަންޓް މައްސަލައަށް އިތުރު ދެ ޤާނޫނީ ވަކީލުން ހަމަޖައްސަވައިފިއެވެ. މި މަހު ސެނެޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިމްޕީޗްމަންޓް މައްސަލައަށް އައު ދެ ވަކީލުން އައްޔަންކޮށްފައިވަނީ ކުރިން ވަކީލުންކަން ކުރަމުން ދިޔަ ދެ މީހުން އެކަމުން ވަކިވުމުންނެވެ.
އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ މަތިގެ، ސެނެޓުގައި އިމްޕީޗްމަންޓް މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަނީ، ތިރިގެ، ހައުސް އޮފް ރިޕްރަޒެންޓޭޓިވްސް އިން ޓްރަމްޕް އިމްޕީޗް ކުރަން ނިންމުމުންނެވެ. މި އަޑުއެހުންތަކުގައި ވަކީލުކަމަށް އައްޔަން ކުރި ދެ މީހުންނަކީ ޑޭވިޑް ޝޯއެން އަދި ބްރޫސް ކެސްޓަރ އެވެ.
ޓްރަމްޕްގެ އޮފީހުން ނެރުއްވި ބަޔާނެއްގައި މިކަން ހާމަކުރައްވާފައިވާއިރު، ޓްރަމްޕްގެ ވަކީލުކަން ކުރަން ލިބުމަކީ ޝަރަފެއްކަމަށް ދެ ވަކީލުންވެސް ބުނެފައިވެއެވެ. އަދި މިއީ މުޅި އެމެރިކާގެ ޤާނޫނު އަސާސީއަށް ކުރިމަތިވާ އިމްތިހާނެއްކަމަށާއި، އަދި މިއީ ވަރުގަދަ އަދި އެހާމެ ވިލުންވެރި ޤާނޫނު އަސާސީއެއްކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، ޤާނޫނު އަސާސީއަށް ކާމިޔާބު ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.
ޖަނަވަރީ 20 ވަނަ ދުވަހު އެމެރިކާގެ ރިޔާސީ ދައުރެއް ނިންމަވާލެއްވި ޓްރަމްޕް އިމްޕީޗް ކުރުމަށް ހައުސް އިން ނިންމާފައިވަނީ ރައީސްކަމުގައި ހުންނަވައިގެން، ކޮންގްރެސްގެ އިމާރާތަށް އޭނާގެ ސަޕޯޓަރުން ވަނުމަށް ހިތްވަރު ދެއްވާ ދެއްކެވި ވާހަކައިގެ ސަބަބުންނެވެ. އެދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކޮންގްރެސް އަށް ވަދެގަނެ، އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުންދީ، ލޫޓުވާފައެވެ.
ކޮންގްރެސް އަށް ވަދެގަނެ ދިން ގެއްލުމަކީ މުޅި އެމެރިކާގެ ޑިމޮކްރަސީ އަށް ދިން ގެއްލުމެއްގެ ގޮތުގައި އެޤައުމުގެ ގިނަ ސިޔާސީ ފަރާތްތަކުން ސިފަކޮށްފައިވެއެވެ. އަދި އެއީ ސެޕްޓެމްބަރު 11 ގެ ހަމަލާއަށްފަހު ދިން އެންމެ ވަރުގަދަ ހަމަލާގެ ގޮތުގައިވެސް ސިފަކޮށްފައިވެއެވެ.
ޓްރަމްޕް އަކީ ވެރިކަމުގެ ދައުރުގައި ދެފަހަރަށް އިމްޕީޗްކުރެވުނު ހަމައެކަނި އެމެރިކާގެ ރައީސެވެ. އަދި އެއީ ވެރިކަން ނިމުމަށްފަހު އިމްޕީޗްމަންޓް އަޑުއެހުމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެޤައުމުގެ ހަމައެކަނި ރައީސްވެސްމެއެވެ.