މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ދެވަނައިގައި އޮތް، އެމަޒޯން ކުންފުނީގެ ވެރިޔާ އަދި ބިލިއަނަރ ޖެފް ބޭޒޮސް އެ ކުންފުނީގެ ސީއީއޯ ކަމުން ވަކިވާން ނިންމައިފިއެވެ.
މީގެ 27 އަހަރު ކުރިން ޖެފް ބޭޒޮން އުފެއްދި އީ-ކޮމާސް މާރކެޓް ޕެލްޓްފޯމް ކަމުގައިވާ އެމަޒޯންގެ ސީއީއޯގެ މަގާމުން އެކަހެރިވާން ނިއްމާފައިވާކަން މިދިޔަ އަންގާރަ ދުވަހު އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނިވި ސިޓީއަކުން ޖެފް ވަނީ އަންގާފައެވެ.
ސީއީއޯގެ މަޤާމުން ޖެފް ބެޒޯސް އެކަހެރިވުމާއެކު، އެ ކުންފުނީގެ ވެރިޔާގެ މަޤަމާއި ދެން ހަވާލުވާނީ، އެ ކުންފުނީގެ ހެޑް އެންޑީ ޖޭސީ އެވެ. އެންޑީ މި މަޤާމާއި ހަވާލުވާނީ މި އަހަރުގެ ތިންވަނަ ކުއާޓާގައެވެ.
އެއާއެކު، 57 އަހަރުގެ ޖެފް ބެޒޯސް، ދެން ހަވާލުވާނީ، އެމަޒޯން ކުންފުނީގެ ބޯޑުގެ އެކްޒިކިއުޓިވް ޗެއާމަން ގެ މަޤާމާއެވެ.
ޖެފް ހާމަކޮށްފައިވާ ގޮތުގައި، ސީއީއޯ ކަމުން އެކަހެރިވަނީ، އޭނަގެ އެހެން "ޕެޝަން"ތަކަށް ނުވަތަ އާ ކަންތައްތަކަށް ގިނަ ވަގުތު ހޭދަކުރުމުގެ މަޤުސަދުގައެވެ.
އެމަޒޯންގެ އިތުރުން، ބްލޫ އޮރޖިން އަދި ދަ ވޮޝިންގްޓަން ޕޯސްޓަކީވެސް ޖެފް ގެ ދެ ކުންފުންޏެވެ. އަދި މީގެ އިތުރުން، ޗެރިޓެބަލް ދެ ކުންފުނި ކަމުގައިވާ ދަ ޑޭ ވަމް ފަންޑް، އަދި ބޭޒޮސް އާތް ފަންޑަކީވެސް ޖެފް ފައްޓަވާފައިވާ މަސައްކަތެކެވެ. އެގޮތުން ކުރިއަށް އޮތް ތަނުގެ މި މަސައްކަތްތަކަށް އިތުރަށް ސަމާލުކަން ދޭނެކަމަށް ޖެފް ބުނެފައިވެއެވެ.
އޮންލައިންކޮށް ފޮތް ވިއްކާ ކުންފުނުންޏެއްގެ ޖެފް ބެޒޯސް މި ކުންފުނި އުފައްދަވާފައިވަނީ 1994 ވަނަ އަހަރުއެވެ. އަދި އޮންލައިން ވިޔަފާރި ފުޅާވަމުން އައިސް 2017 ވަނަ އަހަރު ގްރޯސަރީ ސްޓޯ ޗެއިންއެއްވެސް އެމަޒޯންގައި ވަނީ ހުޅުވާފައެވެ.



