ރިލްވާންގެ މަރާއި ގުޅިގެން، ބައެއް ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ މަރު ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިލްވާން މަރާލި މައްސަލައިގެ ރިޕޯޓުގައި ހިމެނޭ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ މެންބަރު މިސްބާހް އައްބާސް ވިދާޅުވީ މިހާތަނަށް އައި އިރު އެ މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކަށް ރާއްޖޭން ބޭރަށް ނުދެވޭ ގޮތައް ޕާސްޕޯޓް ހިފަހައްޓައި އަދި އެ ފަރާތްތަކާއި މެދު އިތުރަށް ދެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން ގެންދާ ކަމަށެވެ.
ރިޔާސީ ކޮމިޝަނުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުންގެންދާ މައްސަލައަކީ އަހްމަދު ރިލްވާން އަބްދުﷲ ގެ މައްސަލަ ކަމަށާއި އެ މައްސަލައިގައި މަސައްކަތް ކުރަމުން ގެންދަނީ ރަނގަޅު ކާމީޔާބީތަކެއް ހާސިލުކުރެވޭނެ ކަމުގެ އުންމީދުގައި ކަމަށް މިސްބާހް އައްބާސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެ އަމަލު ހިންގުމުގައި ހުރިހާ މަރުހަލާއެއްގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން. މިހާތަނަށް އައި އިރު ކޮމިޝަނުން ބަލަމުންދާ ބައެއް މައްސަލަތަކުގެ ރިޕޯޓު ވާނީ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައި. އޭގެ އިތުރަށް ކޮމިޝަނުން ބަލަމުން ގެންދިޔަ ބައެއް މައްސަލަތަކުގައި ފުލުހުންގެ ތަހުގީގު ކުރިއަށް ގެންގޮސްފައި އޮތް ގޮތައް ދައުވާކުރުމަށް ފުލުހުންނާ ހަމައަށްވެސް ވާނެ ފޮނުވިފައި." މިސްބާހް އައްބާސް ވިދާޅުވިއެވެ.
މިސްބާހް އައްބާސް އިތުރަށް ވިދާޅުވީ މިހާތަނަށް ބަލަމުން ގެންދާ 27 މައްސަލައިގެ ތެރެއިން ގިނަ މައްސަލަތަކުގައި ވަރަށް ބޮޑު ބައެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.



