ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

އިޓަލީ ސަފީރު އަވަހާރަކޮށްލި ޙަމަލާ މިނިސްޓަރ ޝާހިދު ކުށްވެރިކުރައްވައިފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ކަނޑައަޅާފައި ހުންނެވި އިޓަލީވިލާތުގެ ސަފީރު ލޫކާ އަޓަނާސިއޯ ދަތުރުކުރައްވަމުން ގެންދެވި ކޮންވޯއީއަކަށް އިއްޔެ ދިން ޙަމަލާގައި ސަފީރު އަވަހާރަވުމާ ގުޅިގެން، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެޙަމަލާ ކުށްވެރިކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ސަފީރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާ އެކުގައި ކަމަށާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއަށް އަމާޒުކޮށް ދިން މި ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި ސަފީރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލޫކާ މަރާލާފައިވަނީ އދ. އަށް ނިސްބަތްވާ ކާރެއްގައި ދަތުރު ކުރައްވަނިކޮށް، ކާރަށް ބަޑި ޖަހައިގެންނެވެ. އެ ހާދިސާގައި ލޫކާގެ އިތުރުން، އޭނާއާއެކު ދަތުރު ކުރި އިޓަލީގެ އަސްކަރީ އޮފިސަރަކާއި ޑްރައިވަރު ވެސް ވަނީ މަރުވެފައެވެ. ހަމަލާދިން ސަރަހައްދުގެ ގަވަރުނަރާ ހަވާލާދީ ބީބިސީގައި ބުނެފައިވަނީ، އެ ހަމަލާ ދީފައިވަނީ ހަ މީހެއްގެ ގުރޫޕަކުންނެވެ.

ނަމަވެސް މިހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި ނޭނގެއެވެ.

ކޮންގޯއަށް ކަނޑައެޅި ސަފީރުކަމުގެ މަގާމާ ލޫކާ ހަވާލުވެ ލެއްވީ 2017 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ