ރ. އަތޮޅުގައި ފުލުހުން ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

ރ. އަތޮޅުގެ ރަށްތަކަކީ ކުށްމަދު އަމާން މާހައުލެއް ގާއިމްވެފައިވާ ރަށްތަކަކަށް ހެދުމަށާއި ރ. އަތޮޅުގައި ފުލުހުން ހިދުމަތް ގާއިމްވެފައިނެތް ރަށްރަށުގައި ފުލުހުން ދައުރު ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރ. މާކުރަތުގައާއި ފައިނުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ މަހުގެ 21 ން 25 އަށް އެދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައިވަނީ އެދެރަށުގައި އެކިވަގުތުތަކުގައި ޕެޓްރޯލްކޮށް ކުށުވެ ވެށީގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކޮށްފައެވެ. އަދި އެދެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތުގެ އިތުރުން އެދެރަށުގައި ވިޔަފާރިކުރާ ތަންތަނުގެ މައުލޫމާތު ހޯދައި، އެދެރަށުގައި ދިރިއުޅެމުންދާ ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މީގެއިތުރުން މި ހަރަކާތްތަކުގެ ތެރެއިން ރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކޮށް ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މުހިއްމު މައުލޫމާތު ފޯރުކޮށްދީފައިވާއިރު، ކުށްމަދުުކުރުމަށް ރައްޔިތުންނާއި ފުލުހުންނާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

އެދެރަށުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން މާކުރަތު ސްކޫލުގެ ޓީޗަރުންނަށް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމައްސަލަ ތަކުގަައި އަމަލުކުރަންވީ ގޮތްތަކާއި، ގެވެށި އަނިޔާ އާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައެވެ.

މީގެއިތުރުން މާކުރަތުގައި ހުރި މުއައްސަސާތަކާ ބައްދަލުކޮށް ޓްރެފިކް ޤާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ދީ، ފުލުހުންނާއި މުއައްސަސާތަކާ ގުޅިގެން ކުށްމަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ