ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ އަންނަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ އެދިވަޑައިގެންނެވުމަކަށް، "ކޯވިޑް-19 ދިފާޢު" ގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް މިއަދު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

ހުސްވި ފެބުރުވަރީ މަހުގެ 10 ން 11 އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލް ޢަބްދުﷲ ޝާހިދު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ މި އެދިވަޑަގެންނެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު، ބަނގްލަދޭޝް ސަރުކާރުގެ ފަރާތުން 23 މެންބަރުންގެ ޓީމެއް ފޮނުއްވުމަށް ވަނީ ހަމަޖައްސަވާފައެވެ.

މި ޓީމުގައި 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓަންޓުންނާއި، 1 އެނެސްތިޒިއޮލޮޖިސްޓް ހިމެނެއެވެ. 1 ބަންގްލަދޭޝް މެޑިކަލް ޓީމުގެ މި ދަތުރުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގައި ހުރި ދަތިތަކަށް ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ދިވެހިންނާއި އެހެނިހެން ޤައުމުތަކުގެ މީހުން ހިމެނޭގޮތަށް ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޛުކުރުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މި ޓީމްގެ މެމްބަރުން 2 މަސްދުވަހުގެ މުއްދަތަކަށް ޙަރަކާތްތެރިވަމުންދާނެއެވެ.

ދިވެހިރާއްޖެއިން ދަނީ ކޯވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 120،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައެވެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެކްސިން ދިނުމުގެ ޚިދުމަތް ފަށާފައިވަނީ 2021 ފެބުރުވަރީ 24 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ