މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް 87 ހުށަހެޅުން ހުށަހަޅައިފިއެވެ.
2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 03 މެއި 2021 ގައެވެ. މެއި މަހުގެ ތިންވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.
މިއަހަރު އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 12 ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ؛
(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
(ނ) ސިޔާސީ
(ރ) ޝަރުއީ އަދި ޤާނޫނީ
(ބ) ވިޔަފާރިއާއި އިޤުތިޞާދު
(ޅ) ކުޅިވަރު
(ކ) ފޮޓޯ ޖާރނަލިޒަމް
(އ) ވީޑިއޯ ޖާރނަލިޒަމް
(ވ) އޯޑިއޯ ޖާރނަލިޒަމް
(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
(ފ) ފީޗަރ / ރިޕޯޓް
(ދ) އެންމެ އުންމީދީ ނޫސްވެރިޔާ އެވެ.
އެމްއެމްސީން ބުނިގޮތުގައި މި އަހަރުގެ އެވޯޑަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އިޖުތިމާއީ ދާއިރާ އަށެވެ. އެގޮތުން 21 ފަރާތަކުން އެ ދާއިރާ އަށް ވަނީ ކުރިމަތިލާފައެވެ. ދެން އެންމެ ގިނަ މީހުން ކުރިމަތިލީ ފީޗާ ލިޔުމުގެ ދާއިރާ އަށް ކަމަށްވާއިރު އެ ދާއިރާ އިން މި އިނާމަށް 17 މީހަކު ކުރިމަތިލާފައިވެއެވެ.
އިތުރު ދާއިރާތަކަށް ބަލާލާއިރު، ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)، ސިޔާސީ އަދި ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާއަށް 9 ހުށަހެޅުމެއްވަނީ ލިބިފައެވެ. ޝަރުއީ އަދި ޤާނޫނީ ދާއިރާއަށާއި، ފޮޓޯ ޖާރނަލިޒަމް ދާއިރާއަށް 6 ހުށަހެޅުމެއް، ކުޅިވަރު ދާއިރާއަށް 5 ހުށަހެޅުމެއް، ވީޑިއޯ ޖާރނަލިޒަމް ދާއިރާއަށް 3 އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް 2 ފަރާތެއްވަނީ ހުށަހެޅުން ހުށަހަޅާފައެވެ.
މީގެއިތުރުން އޯޑިއޯ ޖާނަލިޒަމް އަދި ނިއުސް ގްރެފިކްސް ދާއިރާ އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.




