ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ އާ ޓްރެއިލާއެއް މީގެ އެއް ހަފްތާކުރިން ވަނީ ދައްކާލައިފައެވެ.
މި ޓްރެއިލާއާއެކު، މިފަހަރުގެ ފިލްމްގައި ފެނިގެންދާ ބޮޑު ސަޕްރައިޒެއްވެސް ހާމަވިއެވެ. އެގޮތުން މިފަހަރުގެ ފިލްމްގައި ރެސްލަރ ޖޯން ސީނާވެސް ފެނިގެންދާއިރު، އާ ޓްރެއިލާގައި ޖޯން ސީނާގެ ކެރެކްޓަރ "ޖޭކޮބް" އަކީ ޑޮމިނިކް (ވީންޑީސަލް) ގެ ބޭބެކަން ހާމަކުރިއެވެ.
އަދި މިފަހަރުގެ ފިލްމްގައި ޑޮމިނިކް އާއި ޖޭކޮބްގެ ކުރިމަތިލުން ފެނިގެންދާއިރު، ވީން ޑީސަލްގެ އިތުރުން އޭނަގެ 10 އަހަރުގެ ފިރިހެން ދަރިފުޅު ވިންސެންޓް ވެސް ފެނިގެންދާނެއެވެ.
މިއީ ވިންސެންޓް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. އެގޮތުން ފިލްމްގައި ވިންސެންޓް އަދާކުރަނީ ވީން ޑީސަލް ކުޅޭ ކެރެކްޓަރ، ޑޮމިނިކްގެ ކުޑައިރުގެ ބައިތަކެވެ.
މިފަހަރުގެ ފިލްމްގައިވެސް ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ތަރިންތައް އެމީހުން ކުޅެފައިވާ ރޯލުން ފެނިގެންދާނެއެވެ. އެހެންނަމަވެސް "ޑްވޭން ޖޯންސަން(ދި ރޮކް)" އެއް މިފަހަރުގެ ފިލްމްގައި ފެނިގެނެއް ނުދާނެއެވެ.
ވިން ޑީޒަލްގެ އިތުރުން ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ތަރިންގެ ތެރެއިން، މިޝެލް ރޯޑްރީގްއޭޒް، ޓައިރީޒް ގިބްސަން، ޖޯރޑާނާ ބްރިއުސްޓާ، ކްރިސް ބްރިޖެސް، ނެތެލީ އެމްނުއެލް، ހެލެން މިރެން، އަދި ޗާލީޒް ތްރެން، ފިލްމްގެ 9 ވަނަ ބައިން ފެނިގެންދާނެއެވެ.
މީގެ އިތުރުން، ފިލްމްގެ އާ ކާސްޓުންގެ ތެރޭގައި ހިމެނެނީ، ޖޯން ސީނާ ގެ އިތުރުން، ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އާއި އޮޒުނާ އެވެ.
ފާސްޓް އެންޑް ފިއުރިއަސްއަކީ ޔުނިވާސަލް ޕިކްޗާސް އިން ގެނެސްދޭ އެންމެ ބޮޑު ފިލްމު ފްރެންޗައިޒް އެވެ. މި ފިލްމްގެ ފުރަތަމަ ބައި ރިލީޒްކުރީ 2001 ވަނަ އަހަރުއެވެ.



