ތ. ވޭމަންޑޫ ކްލަސްޓާރ އާއި ގުޅުންހުރި މީހަކު އެ އަތޮޅުގެ ހިރިލަންދޫން ޕޮޒިޓިވް ވެއްޖެއެވެ.
ހިރިލަންދޫ ހެލްތު ސެންޓަރުން ބުނީ، ވޭމަންޑޫ ކްލަސްޓާރ އާއި ގުޅިގެން ނެގުނު ސާމްޕަލްގެ ތެރެއިން ފޮނުވުނު ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ޕޮޒިޓިވްވެފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު ފޮނުވުނު ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލްއެއްކަމަށްވެސް އެ ސެންޓަރުން މަޢުލޫމާތުދެއެވެ.
އަދި ޕޮޒިޓިވްވި މީހާ ހުރީ ހޯމް ކަރަންޓީނުގައި ކަމަށާއި، އެއީ ވޭމަންޑޫ ކްލަސްޓާރ އާއި ގުޅިގެން ހޯމް ކަރަންޓީނު ކުރެވިފައިވާ ފަރާތެއްކަމަށްވެސް ހިރިލަންދޫ ހެލްތު ސެންޓަރުންވަނީ ބުނެފައެވެ.
ވޭމަންޑޫ ކްލަސްޓާރއާއި ގުޅިގެން ހިރިލަންދޫން މިހާތަނަށް 150 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ހިރިލަންދޫއިން ކޮވިޑް 19 ކޭސްއެއް ފެނިފައިވާތީ, ކުދިބޮޑު އެންމެން ގުޅިގެން މިކަމުން އަރައިގަތުމަށް ކަމާއިބެހޭ ފަރާތްތަކުގެ ލަފާގެމަތިން މަސައްކަތް ކުރުމަށާއި، ފަރުދީ ޒިންމާ އަދާކުރުމަށްވެސް ހެލްތު ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.
ވޭމަންޑޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެރަށުން ޑޮކްޓަރަށް ދެއްކުމަށް މާލެ ފޮނުވާލި ދެމީހަކެވެ. އެއީ ޒުވާން ފިރެހެނަކާއި އުމުރުން ދުވަސްވީ އަންހެނެކެވެ. ވޭމަންޑޫ މިހާރުވެސް އޮތީ މޮނިޓަރިންގގެ ހާލަތުގައެވެ.
https://feshun.wonstasite.com/118344