މާވެލް ސިނެމަޓިކް ޔުނިވާސްގެ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯބި ހޯދި ސުޕަހީރޯ ފިލްމް، "ކެޕްޓަން އެމެރިކާ"ގެ 4 ވަނަ ބައެއް މާވެލް އިން އުފައްދަން އުޅޭ ކަމަށް ހޮލީވުޑްގެ ޙަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
ހޮލީވުޑްގެ ޙަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ދަ ހޮލީވުޑް ރިޕޯޓާ" އިން މި ވާހަކަ އިއުލާންކޮށްފައިވަނީ، މާވެލް އިން ދާދިފަހަކުން ނިއްމާލި ފޭސް 4 ގެ ސީރީޒެއް ކަމަށްވާ "ދަ ފެލްކަން އެންޑް ދަ ވިންޓާ ސޯލްޖާ" ގެ ފަހު އެޕިސޯޑު ރިލީޒްކުރި ދުވަހުއެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ކެޕްޓަން އެމެރިކާ"ގެ 4 ވަނަ ބައި ގެނެސްދޭނީ، "ދަ ފެލްކަން އެންޑް ދަ ވިންޓާ ސޯލްޖާ" ޝޯވެސް ގެނެސްދިން ފަރާތް ކަމުގައިވާ މެލެކަމް ސްޕެލްމެން އެވެ.
"ދަ ފެލްކަން އެންޑް ދަ ވިންޓާ ސޯލްޖާ"، މި ސީރީޒް އަކީ، މާވެލް ފޭސް 3 ގެ ފިލްމް "އެވެންޖާސް އެންޑް ގޭމް" އަށް ފަހު، އޭގެ ހަ މަސް ދުވަސް ފަހުން ހިނގާ ކަންކަން ދައްކުވައިދޭ ސީރީޒްއެކެވެ. މި ސީރީޒް ގައި ފެނިގެންދަނީ މާވެލްގެ ކެރެކްޓަރ ސޭމް ވިލްސަން ( ދަ ފެލްކަން) އާއި ބަކީ ބާރންސް ( ވިންޓަރ ސޯލްޖާ) އެވެ.
"އެވެންޖާސް އެންޑް ގޭމް" ފިލްމްގައި ސްޓީވް ރޯޖާ ކެޕްޓަން އެމެރިކާގެ މަޤާމުން ރިޓަޔާ ވުމަށްފަހު، ޝީލްޑް ހަވާލުކުރަނީ ސޭމް ވިލްސަން އަށެވެ. އަދި "ދަ ފެލްކަން އެންޑް ދަ ވިންޓާ ސޯލްޖާ"ގައި ދައްކުވައިދިނީ މި ޝީލްޑާއެކު، ސޭމް ކެޕްޓަން އެމެރިކާގެ ލަޤަބު ހޯދާ ގޮތެވެ.



