ގިނަ ބަޔެއްގެ މަޤުބޫލުކަން ހޯދައިފައިވާ ބިރުވެރި ފިލްމް "ކޮންޖިއުރިން" ސިލްސިލާގެ 3 ވަނަ ބައިގެ ޓްރެއިލާ ދައްކާލައިފިއެވެ.
2 މިނެޓާއި 51 ސިކުންތުގައި މި ޓްރެއިލާއިން، ބިރުވެރި އަދި ސިއްސައިގެންދާފަދަ މަންޒަރުތައް ފެނިގެންދެއެވެ.
"ކޮންޖިއުރިން" ސިލްސިލާގެ ކުރީގެ ދެ ފިލްމްވެސް ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާއިރު، މިފަހަރުގެ ފިލްމްގައިވެސް ކިޔައިދޭނީ ހަޤީގީ ހާދިސާއެކެވެ. އަދި ފިލްމުގެ ހުރިހާ ބަޔަކުންވެސް ފެނިގެން ގޮސްފައިވާ "އެޑް" އަދި "ލޮރެއިން" މި ފަހަރުގެ ފިލްމްގައިވެސް ފެނިގެންދާއިރު، މިއީވެސް ހަގީގީ ދެމީހުންގެ ދިރިއުޅުމުގެ މައްޗަށް ހަދާއިފައިވާ ކެރެކްޓަރ ތެކެކެވެ.
މި ފިލްމް އެންމެ ފުރަތަމަ ރިލީޒްކުރަށް ހަމަޖެހުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ފިލްމްގެ މަސައްކަތް މަޑުޖެހި، މިހާރު ފިލްމް އަޅުވަން ޝެޑިއުލްކޮށްފައި އޮތީ މިއަހަރުގެ ޖޫން 4ގައެވެ.
"ކޮންޖިއުރިން" ގެ ކާމިޔާބީއަށްފަހު، މި ފިލްމުގެ ތެރެއިން ކުރިފަޅައިގެން އޭގެ އެއް އަހަރު ފަހުން ނެރުނު "އެނަބެއްލޭ" ގެ ފުރަތަމަ ބަޔަށްވެސް ވަނީ ބޮޑު ފޭން ބޭސް އެއްލިބިފައެވެ. އަދި "އެނަބެއްލޭ" ސިލްސިލާގެ 2 ވަނަ ބައި 2018 ވަނަ އަހަރު ރިލީސްކޮށްފައިވާއިރު، އެ ފިލްމަކީ އެ އަހަރު ނެރުނު އެންމެ ކާމިޔާބު ބިރުވެރި ފިލްމެވެ.




