ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަން ބޭފުޅުން ހަރުއަޑުން ގޮވަމުންދަނީ ރައީސް ނަޝީދަށް އިންސާފު ނުލިބޭވާހަކަ އާއި އެމްޑީޕީ ސަރުކާރުން އިންސާފަށް ހުރަސްއަޅާ ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ވާސިލުވުން އަވަސް ކުރުމަށާއި، ހަމަލާއަށް ފަންޑުކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
"އިންސާފުގެ ދަތުރުގެ އޮޑި ކަނޑު ފެތުނީތޯ؟ ރައީސް ނަޝީދު ފެކްޝަން ބޭފުޅުން ހަރުއަޑުން ގޮވަމުންދަނީ ރ.ނަޝީދަށް އިންސާފު ނުލިބޭވާހަކަ. އެމްޑީޕީ ސަރުކާރުން އިންސާފަށް ހުރަސްއަޅައޭ.. ތެދު ނަމަ ރައްޔިތުން ޤަބޫލުކުރާނެ ތޯ މިސަރުކާރުން ރައީސް ޔާމީނަށް އިންސާފު ލިބިދާނެ ކަމަށް." މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމް.އެން.ޑީ.އެފުން އެންގި" މި ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ލިޔެފައިވާ އާޓިކަލާއި ގުޅިގެން ވަކިވަކި ސިފައިން ރައްޔިތުން މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައި ވަނިކޮށް ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ނުކުރެވޭނެކަމުގައި އެމްއެންޑީއެފް އިން ބުނެފައި ވަނިކޮށެވެ.
އެމްއެންޑީއެފް އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް، ސިފައިންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމަށެވެ.
އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި، އިޚްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ބޮން ގޮއްވާލިއިރު ކައިރީ ތިބި ސިފައިންނަށް ބަސް ބުނެވެން ޖެހޭނެ ކަމަށެވެ.




ހިޔާލު
ޢަދި ނުފެތެ. ޙަމަ ފެނުމަތީ .ބައެއްފަހަރު ފެނުން ކަޓައި ގެން ގޮސް އުދުހެވޭ. ޙިކިފަސް ތަނެއް އަތު ޖެހެންދެން ދަތުރުމަތީ.