ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ހައްޔަރުކުރި އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިހެން ބުނީ، ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ތިން މީހަކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިކަމަށް ރިޕޯރޓްކޮށްފައި ވަނިކޮށެވެ. އެގޮތުން މިއަދު ކޮށްފައިވާ ރިޕޯރޓްތަކުގައިވާ ގޮތުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައި ވަނީ ފަހުމީ އަލީއާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ ތިން މީހުންނެވެ. އެތިން މީހުންވެސް ހައްޔަރު ކޮށްފައި ވަނީ ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންއެއްގައެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް އަށް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހެއްގެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލާއި ޙަވާލާދީ "ސީއެންއެމް" ގައި ބުނެފައިވަނީ ފުލުހުން ހަރުކަށިފިކުރާއި ދެކޮޅަށް ހިނގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އެމީހުން ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަކީ ރައީސް ނަޝީދުއަށް ދިން ހަމަލާ އާ ގުޅިގެން ހައްޔަރުކުރި ބައެއް ނޫންކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި ވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެއިން ނުކުމެގެން ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައެވެ. އެމަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް އެމަނިކުފާނު ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ނަޝީދަށް ދިން ހަމަލާގައި ތުހުމަތުކުރެވޭ 3 މީހަކު ދޫކޮށްލައިފި




