އެމެރިކާގެ ދެކުނުން ގަލްފް އޮފް މެކްސިކޯގައި އުފެދުނު ބާރުގަދަ އައިޑާ ތޫފާން ނިއު ޔޯކު ސިޓީއަށް އަރާފައިވާއިރު، އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
ނިއު ޔޯކް ސިޓީގެ މޭޔަރ ބިލް ދެ ބްލާސިއޯ ބުނީ، މި ތޫފާން އަސަރު އެ ސިޓީއަށް ކޮށްފައިވާއިރު، މިއީ މިހާތަނަށް ފަހުގެ ތާރީހެއްގައި އެ ސިޓީއަށް ކުރިމަތިވި އެންމެ ވަރުގަދަ ތޫފާން ކަމަށެވެ.
ތޫފާން "އައިޑާ"ގެ ސަބަބުން ނިއު ޔޯކަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހި، މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި މަގުތައް އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މި ތުފާންގެ ސަބަބުން ނިއުޔޯކްގެ ހާލަތު މިހާރު އޮތް ގޮތް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަށް މީހުން މީސްމީޑިއާގައި ދައުރުކުރަމުން އަންނައިރު، ސަބްވޭ ސްޓޭޝަންތަކުގަޔާއި އަދި މީހުންގެ ގެތަކުގައި ފެންގަނޑު ވަންނަ މަންޒަރުތައް ފެނިގެންދެއެވެ.
I’m declaring a state of emergency in New York City tonight.
We’re enduring an historic weather event tonight with record breaking rain across the city, brutal flooding and dangerous conditions on our roads.
— Mayor Bill de Blasio (@NYCMayor) September 2, 2021
އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ނިއު ޖާޒީގައިވެސް ތޫފާން "އައިޑާ"ގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ތޫފާންގެ ސަބަބުން ނިއު ޖާޒީން ގެނބިގެން މީހަކު މަރުވި ކަމުގެ ރިޕޯޓުވެސް ވަނީ ކޮށްފައެވެ. އަދި ނުވަ ވަރަކަށް ގެ ތޫފާންގެ އަސަރުކޮށް އެއްކޮށް ނެތިގޮސްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ނިއު ޖާޒީގެ ޓައުންއެއްގައި ހުންނަ ޕޯސްޓަލް އިމާރާތެއްގެ ފުރާޅު ވަނީ ވެއްޓިފައެވެ. އެ ޓައުންގެ ފުލުހުން ބުނީ، އިމާރާތުގެ ފުރާޅު ވެއްޓުނުއިރު މީހުންވެސް އިމާރާތް ތެރޭގައި ތިބި ކަމަށެވެ. އެމީހުންނަށް ވަނީ އެކިވަރުގެ އަނިޔާލިބިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، ނިއު ޔޯކް ގެ ސެންޓްރަލް ޕާކަށް ގަޑިއިރެެއްގެ ތެރޭގައި 3.15 އިންޗިއަށް ވާރޭ ވެހުނުކަން ރެކޯޑުކުރެވިފައިވާ ކަމަށެވެ.
ނިއު ޔޯކް އަދި ނިއު ޖާޒީގައިވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ފުލުހުން ވަނީ މަގުތަކަށް ނުނުކުތުމަށް މީހުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިވަގުތު ގިނަ ސަބްވާ އަދި ޓްރެއިން ސްޓޭޝަންތައްވެސް އެ ސަރައްދުތަކުގައި ވަނީ ބަންދުކޮށްފައެވެ.
އެމެރިކާގެ ދެކުނުން ގަލްފް އޮފް މެކްސިކޯގައި އުފެދުނު ބާރުގަދަ އައިޑާ ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސަރަހައްދަކީ އެމެރިކާގެ އިރު ދެކުނުގެ ސްޓޭޓެއްކަމަށްވާ ލޫޒިއާނާއެވެ. އެ ސަރަހައްދަށް މި ތޫފާންގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިދިޔަ އާދިއްތަ ދުވަހު ވަނީ ތޫފާނުގެ ދަރަޖަ ވަނީ ގިންތި-4 އަސް މަތިކޮށްފައެވެ.
ތޫފާން އައިޑާ ލޫޒިއާނާ އަށް އަރައި ލިބުނު ބޮޑެތި ގެއްލުންތަކުގެ ލިބިފައިވާއިރު، އެތައް ލައްކައެއް މީހުންގެ ގެދޮރުން ވަނީ ކަރަންޓުކެނޑިފައެވެ.
ލޫޒިއާނާ އަށް އެރީ އެމެރިކާގެ ތާރީޚުގައި އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާންތަކުގެ 5 ވަނަ ތޫފާންއެވެ. ލޫޒިއާނާގެ ބައްރަށް ތޫފާން، "އައިޑާ" އެރުމަށްފަހު މިހާރު އެތޫފާނުގެ ވައިވަނީ މަޑުވާން ފަށާފައެވެ.




