ތާލިބާނުން އަފްޣާނިސްތާނުގައި ވަގުތީ ސަރުކާރެއް އިއުލާންކޮށްފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފާ އެ ގައުމު މިހާރު ކޮންޓްރޯލު ކުރަމުން އަންނަ ހަނގުރާމަވެރި ޖަމާއަތް ތާލިބާން ޖަމާއަތުން އަފްޢާނިސްތާނުގައި ވަގުތީ ގޮތުން އާ ސަރުކާރެއް އިއުލާންކޮށްފިއެވެ.

ތާލިބާނުން އިއުލާންކުރި އާ ސަރުކާރުގައި ގައި ބޮޑުވަޒީރަކަށް އައްޔަން ކޮށްފައި ވަނީ އެ ޖަމާއަތުންގެ ބާނީ ކަމުގައިވާ މުއްލާ މުޙައްމަދު ހަސަން އަހޫންދުއެވެ. އަދި އެ ޖަމާއަތުން އެކުލަވާލި މި ސަރުކާރުގައި ގިނައިން ހިމެނެނީ އެ ޖަމާއަތުގެ މެންބަރުންނެވެ.

އެގޮތުން ޑެޕިއުޓީ ލީޑަރަކަށް އައްޔަންކޮށްފައިވަނީ މުއްލާ އަބްދުލްޣަނީ ބަރަދަރު އެވެ. އަބްދުލްޣަނީ ބަރަދަރު އަކީ ގަތަރުގައި ތޯލިބާނުންގެ ސިޔާސީ އޮފީސް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.

މީގެ އިތުރުން، އިންޓީރިއާ މިނިސްޓަރަކަށް އައްޔަން ކޮށްފައި ވަނީ އެފްބީއައިއިން އެންމެ ހޯދަން ބޭނުން ވެފައިވާ ހައްގާނީ ނެޓްވޯކްގެ ލީޑަރެއް ކަމުގައިވާ ސަރާޖުއްދީން ހައްގާނީ އެވެ. ހައްގާނީ ނެޓްވޯކަކީ، އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ވާ ޖަމާއަތެކެވެ.

ތާލިބާނުން އެކުލަވާލި އާ ސަރުކާރުގެ އިތުރު ވަޒީރުންނަށް ބަލާއިރު، ޑިފެންސް މިނިސްޓަރަކަށް އައްޔަންކޮށްފައިވަނީ ތާލިބާން ގެ ފައުންޑަރެއްކަމުގައިވާ މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުޤޫބްއެވެ. އަދި ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ އާމިރު ހާން މުއްތަގީއެވެ.

ތޯލިބާނުން އެކުލަވާލި އާ ސަރުކާރަށް ޖުމްލަ 33 މެންބަރުން ހަމަޖައްސައިފައިވާއިރު، އަދި އިތުރު މަގާމުތަކަށް އިތުރު މީހުން އައްޔަންކުރާނެ ކަމަށް ތާލިބާން ޖަމާއަތުން ވަނީ ބުނެފައެވެ. މިހާރު މަޤާމުތަކަށް އިއުލާންކޮށްފައިވާ މީހުންނަކީ އެ ޖަމާއަތުގައި ހިމެނޭ ހަރު މެންބަރުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ