ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) ކެމްޕެއިން ލޯންޗުކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ސާފް ޗެމްޕިއަންޝިޕްގެ ކެމްޕޭން "މަގޭ މަހަލްދީބް" ލޯންޗްކޮށްފި

މިއަހަރު ރާއްޖޭގައި ބާއްވާ 13 ވަނަ ސާފްޗެމްޕިއަންޝިޕް މުބާރާތުގެ ރާއްޖޭގެ ޕްރޮމޯޝަނަލް ކެމްޕެއިން "މަގޭ މަހަލްދީބް" ރޭ ލޯންޗްކޮށްފި އެވެ.

ރޭ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުރިއަށްދިޔަ ކުލަ ގަދަ ރަސްމިއްޔާތެއްގައި ސާފް ޗެމްޕިއަންޝިޕް ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސްގެ އިތުރުން ދައުލަތުގެ އެހެން ވުޒާރާތަކުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މިރޭގެ ރަސްމިއްޔާތުގައި، ސާފް ޗެމްޕިއަންޝިޕްގެ ރަސްމީ ލޯގޯ އާއި މެސްކޮޓާއި، ތީމް ނަން އަދި ބްރޭންޑިންގެ އިތުރުން މިބާރާތުގެ ރަސްމީ ލަވަ ވެސް ވަނީ ދައްކާލައިފަ އެވެ.

މި ފަހަރުގެ ކެމްޕޭންގެ ރަސްމީ ނަމަކީ "މަގޭ މަހަލްދީބް" އެެވެ. އަދި "ރެޑް ސްނެޕާ" އާ ގުޅުވައިގެން ރަތް މަހެއް ރަމްޒުކޮށްދޭ "ސްނެޕާ" ވެސް ވަނީ ރޭގެ ރަސްމިއްޔާތުގައި އިފްތިތާހްކޮށްފައެވެ. އޭގެ އިތުރުން "އަހަރަމެންގެ ފަހަރު" ގެ ނަމުގައި 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރުމަށް ކުރި ދަތުރުގެ ވާހަކަތައް ހިމެނޭ ފޮތެއް ވެސް ވަނީ ލޯންޗް ކޮށްފައެވެ.

މުބާރާތުގެ ކޯ ސްޕޮންސާ އަކީ އެސްޓީއޯ އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެެވެ. މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑެވެ. މި ޕާޓުނަރުންނާއެކު ރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިވެސް ކޮށްފައެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 - 15 އަށެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. އަދި ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއިން މިހާތަނަށް ވަނީ 2 ފަހަރަކު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނަކީވެސް ރާއްޖެއެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. އެހެންނަމަވެސް، އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ