އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސާފް ޗެމްޕިއަންޝިޕް މެޗުތަކުގެ ޓިކެޓް މިއަދު ވިއްކަން ފަށައިފައިވާއިރު، ކޮންމެ މީހަކަށް ގިނަވެގެން ފަސް ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
އަންނަ އޮކްޓޯބަރު މަހު 1 ގައި ފަށާ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ޓިކެޓް ވިއްކަން ފަށައިފައިވާއިރު، މިއަދު ޓިކެޓް ވިއްކާނީ އެ ދުވަހު ކުޅޭ ދެ މެޗަށް އެކަންޏެވެ.
އެފްއޭއެމް އިން ބުނީ، އެންމެ ގިނަވެގެން މީހަކަށް ވިއްކާނީ 5 ޓިކެޓް ކަމަށާއި، ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްތަކުގެ މެޗުތައް ބަލަން ދަނޑަށް ވަންނައިރު ކޮންމެ ފަރާތަކުންވެސް ކޯވިޑް-19ގެ ދެ ޑޯޒް ކޮށްފައިވާ ވެކްސިން ކާޑާއި އައިޑީ ކާޑު ވެސް ގެންދަން ޖެހޭގޮތަކަށް އެފްއޭއެއް އިން ވަނީ އުސޫލު ކަނޑައަޅައިފައެވެ. އަދިދަނޑަށް މެޗު ބަލަން ވަނުމަށް ފަހު ނުކުމެވޭނީ މެޗު ނިމުމުން ކަމަށްވެސް އެފްއޭއެމް އިން ވަނީ ނިންމައިފައެވެ.
ހުކުރު ދުވަހު ސާފް ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވާއިރު، އެދުވަހު ހަވީރު ވާދަކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ. އަދި އެރޭ ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލްއެވެ.
އޮލިމްޕަސް ކުރިމަތީގައި ބަހައްޓާފައިވާ ޓިކެޓް ކައުންޓަރުން މިއަދު ވަނީ ހުކުރު ދުވަހު އޮންނަ މި ދެ މެޗަށް ޓިކެޓްތައް ވިއްކަން ފަށައިފައެވެ. ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75ރއެވެ.




