ޔުނައިޓެޑް އެއާލައިން ވެކްސިން ޖަހަން ދެކޮޅު ހެދި ސްޓާފުން ކަނޑާލަނީ

އެމެރިކާގެ ޔުނައިޓެޑް އެއާލައިންގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ވެކްސިން ޖަހަން ދެކޮޅު ހެދުމުން ވަޒީފާއިން ކަނޑާލަން ނިންމައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް މި އެއާލައިން އިން ވަނީ ކޮވިޑް ވެކްސިން ޖަހައިފިކަމުގެ ހެކި ނުވަތަ ވެކްސިން ކާޑު ހުށަހެޅުމަށް މުވައްޒަފުންނަށް އަންގައިފައެވެ. އެގޮތުން އެތާގައި މަސައްކަތް ކުރާ 67000 އެއްހާ މުވައްޒަފުންގެ ތެރެއިން ބޮޑު ބައެއް ވަނީ ވެކްސިން ޖެހިކަމުގެ ހެކި ހުށަހަޅައިފައެވެ.

ނަމަވެސް 593 މުވައްޒަފުން ވެކްސިން ޖަހަން ދެކޮޅު ހަދެމުން ވަޒީފާއިން ވަކިކުރުމަށް ނިންމައިފައިވާ ކަމަށް ބީބީސީ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ޔުނަައިޓެޑް އެއާލައިން ހާމަކުރި ގޮތުގައި އެންމެންގެ ރައްކާތެރިކަމަށް ޓަކައި އެ އެއާލައިންގައި މަސައްކަތް ކުރާ އެމެރިކާ މުވައްޒަފުންނަށް ވެކްސިން ފުރިހަމަކުރުމަށް ވާނީ އަންގައިފައެވެ.

އެގޮތުން ވެކްސިން ނުޖަހާ މުވައްޒަފުން ކަނޑާލަން ޖެހުމަކީ ވަރަށް އުނދަގޫ ނިއްމުމެއް ކަމަށާއި، ނަމަވެސް އެންމެ އިސްކަމެއް ދޭނީ ޓީމުގެ ރައްކާތެރިކަމަށް ކަމަށް އެއާލައިން އިން ބުނެފައިވެއެވެ.

އެއާލައިން އިން ބުނީ މުވައްޒަފުން ވަކިކުރުމުގައި ޔޫނިއަން އެގްރީމެންޓްގައި ވާ ގަވާއިދުތަކަށް ބަލާނެ ކަމަށެވެ. އެހެންކަމުން އެކަން ނިއްމުމުގައި މަހެހެއްހާ ދުވަސް ހޭދަވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އެ އެއާލައިން އިން ކަނޑައަޅައިފައިވާ ހަރުކަށި އުސޫލުތަކާއި ދެކޮޅަށް އިތުރު ދެހާހެއްހާ މުވައްޒަފުން މައްސަލަ ހުށަހަޅައިފައިވާ ކަމަށްވެސް އެއާލައިން އިން ބުނެފައިވެއެވެ.

އެހެންކަމުން އަންނަ އޮކްޓޯބަރު މަހު 2 ގައި މި މުވައްޒަފުން ވަގުތީގޮތުން މުޒާރަ ނުދޭގޮތަށް ވަޒީފާއިން އެކަހެރިކުރަން އެ އެއާލައިން ނިންމި ނަމަވެސް، އެއާލައިންގެ އެ އުސޫލަށް ގޮންޖަހާލާ ހަ މުވައްޒަފަކު ކޯޓަށް މައްސަލަ ލުމާއެކު އެ ނިންމުން ވަނީ ބާތިލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ