ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 މީހަކު މަރުވެއްޖެއެވެ.
މި ބިންހެލުން އައީ ރޭ މެންދަމުގެ ވަގުތެއްގައި ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް ކަމުގައިވާ ބަލަޗިސްޓަން ޕްރޮވިންސްގެ އަވަށެކެވެ.
އޮފިޝަލުންނާއި ހަވާލާދީ ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަދި އިތުރުވެދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. މި ބިންހެލުމުގައި 20 މީހުން މަރުވިކަމަށް މިހާރު ރިޕޯޓުކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ ބިންހެލުމުގެ ސަބަބުން ޒަހަމްވެފައެވެ.
މީގެ އިތުރުން މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނިގޮތުގައި، ޕާކިސްތާނުގެ މި ސަރަހައްދަށް ބިންހެލުން އައީ 5.7 މެގްނެޓިއުޑްގެ ބާރުމިނުގައި 9 ކިލޯމީޓަރު އަޑިއަށެވެ. އަދި ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ މެންދަމު 03:00 ކަންހާއިރުއެވެ.
ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ މީހުން ދިރިއުޅޭ ގިނަ ގެތަކެއް ވަނީ ވެއްޓިފައެވެ. އެގޮތުން 100 އަށްވުރެ ގިނަ ގެތަށް ވަނީ ވެއްޓިފައެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުން އަދިވެސް ދަނީ ކުރަމުންނެވެ.
މި ބިންހެލުމުގައި 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާިއރު، ގިނަ އަދަދެއްގެ މީހުންނަށް ހޮސްޕިޓަލުގައިވެސް އަންނަނީ ފަރުވާދެމުންނެވެ.




