ޖެހިލުންވުން އީވާންގެ މޫނުމަތިން ފައުޅުވެލިއެވެ. ހަދާނެ ގޮތެއް ޚުދު އޭނާއަކަށްވެސް ނުވިސްނުނެވެ. ގަދަކަމުން ހިނިތުންވެލަން އުޅުނަސް އެކަންވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. އީކްގެ ލޮލުގައިވީ ސުވާލުގެ ނަޒަރެކެވެ. އޭނާގެ ހިތަށް އަރާނެ އެއްޗަކާއި މެދުގައި ވިސްނަމުންދިޔަ އީވާނަށް އިސްއޮބައިލެވުނީ ކުއްލިއަކަށެވެ. އިތުރަށް އީކްގެ މޫނަށް ބަލަން އޭނާއަށް ކެތްނުވީއެވެ. ކުޑަކޮށްވެސް އެހިތުގެ ހާލު އޭނާގެ ދެލޮލުން ބޭޒާރުވާކަށް އީވާން ނޭދެއެވެ.
ހައިރާންކަމާއެކު އީވާނަށް ބަލަންހުރި އީކްގެ މޫނުމަތިން ހިނިތުންވުން ފިލައިދިޔައެވެ. ތުންފަތް ހަފައިލުމާއެކު އެދެލޮލުން މީގެކުރިން ފައުޅުވާންހުރި ވިދުން މަޑުމަޑުން ފަނޑުވެގެން ދިޔައެވެ. އަވަސް ހަރަކާތަކާއެކު އޭނާ ކޮޓަރީ ތެރެއަށް ދެމިގަންނަމުން ބެލްކަނީގެ ދޮރު ލައްޕައިލިއެވެ. ހިތުގެ ހިނގުން އަވަސްވެފައިވީކަންވެސް އީކްއަށް އިހުސާސުވީ ދެނެވެ. މޭގައި ފިރުމައިލަމުން ހަށިފުރައި ނޭވައެއް އޭނާއަށް ދޫކޮށްލެވުނެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ލަސްލަހުން އީކް އައިސް އެނދުގައި އިނށީނެވެ. ހަގީގަތުގައި އޭނާއަށް ބަލަހައްޓައިގެން ހުރި އީވާން ފެނުމުން އީކް ހާސްވީއެވެ. އެވަގުތު ހަދާނެ ގޮތެއް ނޭނގި އޭނާގެ ސިކުނޑި ވިސްނައިގަތީ ކުއްލިއަކަށެވެ. ކުރެވޭ ނުކުރެވޭ ކަމެއްވެސް އީކްއަށް އިހުސާސުނުވިއެވެ. ހަމަޖެހުނުއިރު މީހާ ހުރީ ކޮޓަރީގައިކަންވެސް އީކްއަށް ދެނެގަނެވުނީ މާފަހުންނެވެ. ދެފަރާތަށް ބޯހޫރުވައިލެވުނީ އެހެންވެއެވެ. އެކި ކަންކަމާއި މެދުގައި ވިސްނުން ހިންގަމުން ވަރުބަލިވެފައިވި ހަށިގަނޑު އެނދުމަތީގައި ދަމައިލިއެވެ. އެގޮތުގައި އޮއްވައި ނިދީގެ ފުން އަރާމު ކަނޑުގެ ތެރެއަށް އޭނާ ޣަރަގުވެގެން ދިޔައީ ދާދި އަވަހަށެވެ. ވިސްނުންތަކާއި ޚިޔާލުތައް ހިނދުކޮޅަކަށް މަޑުޖެހިލުމާއެކު އެމޫނުމަތިން ފައުޅުވަމުންދިޔަ މާޔޫސްކަން މަޑުމަޑުން ފިލައިގެންދިޔައެވެ.
ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު އީވާން އަނެއްކާވެސް އީކްގެ ކޮޓަރިން ނުކުމެވެން ހުންނަ ބެލަކަންޏަށް ނަޒަރު ހުއްޓައިލިއެވެ. އީކް ފެންނަން ނެތުމުން އޭނާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އީކް އެތަނުން ދިޔައީ އޭނާގެ ސަބަބުންކަން ވިސްނި އީވާން ދެރަވިއެވެ. އެހިތަށް ލިބުނު ކުޑަ ހަމަޖެހުންވެސް އޭނާގެ ސަބަބުން ނެތިދިޔައީއޭ ހީވެ އީވާންގެ ހިތުގައި ރިއްސައިލިއެވެ. އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ޖެހިގެންހުރި ގަސްދޮށުގައި ބަހައްޓައިފައިހުރި ކުޑަ ބެންޗާއި ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. އެތަނުގައި އިނށީންނަމުން ވަށައިގެން ފެންނަމުންދިޔަ ހިތްގައިމުކަށް ހިތާއި ނަފުސު ދޫކޮށްލިއެވެ. އެއާއެކު އީކްގެ ލޯބި ސޫރަ ދެލޯކުރިމަތިން ސިފަވެ އީވާނަށް ހިނިތުންވެލެވުނެވެ. މާޒީގެ ސޮފުހާތައް އުކައިލަމުން އީވާން ދެލޯމަރައިލިއެވެ.
ނާއިފާއި ހައިތަމާއި ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން އެންމެ ކުޑައިރުއްސުރެވެސް އީވާނާއި އީކް އެކަކު އަނެކަކު ދަނެއެވެ. ދެމެދުގައި ކުޑައިރު އުފެދިގެންދިޔައީ ވަރުގަދަ ގުޅުމެކެވެ. އީކްއަކީ އީވާންގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި އޭރު ދުށްޓެވެ. އެހެނަސް އަމްލާގެ ބަލިހާލަތާއެކު ރާއްޖެ ދޫކޮށް ނިއުޒިލޭންޑަށް އައުން ވެގެންދިޔައީ އެގުޅުން ހީނަރު ކުރުވި ކަމަކަށެވެ. ދޭތެރަކުން ހައިތަމްއާއި އީކް އެމީހުނަށްކުރާ ޒިޔާރާތުން މަޑުމަޑުން ހީނަރުވަމުންދިޔަ ގުޅުން އަނެއްކާވެސް ބަދަހިވިއެވެ.
އީވާންގެ ހިތުގައި އީކްއަށްޓަކައި ލޯބީގެ ވިންދެއް ޖަހައިލީ ކޮންއިރަކު ކަމެއް ބުނެދޭކަށް ހަގީގަތުގައި އޭނާ އަށްވެސް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ އީކްއަކީ އަބަދުވެސް އެހިތަށް ޚާއްސަ ކުއްޖެއްކަމެވެ. ޒުވާން ވަމުންއައި އެހިތުގެ އިހުސާސުތައް ދުވަހެއް ދުވަހަކަށް ފުންވަމުންދިޔަކަމެވެ. އެއިހުސާސުތައް އީކްގެ ކުރިމަތީގައި ބަންޑުން ކޮށްލަން ބޭނުންވިއަސް އީވާނަށް އެހިތްވަރު ނުލިބުނީއެވެ. އީކްގެ އެކުވެރިކަން ގެއްލިދާނެތީ ޖެހިލުންވީއެވެ. ކޮންމެ ސިފައެއްގައި ނަމަވެސް އޭނާގެ ޙަޔާތުގައި އީކް ހުރުމަށް އެދެވުނުވަރުން އަމިއްލަ އިހުސާސުތައް ފައުޅުކޮށް އެނަފުސުގެ އެދުން އިސްކުރަން އީވާނަށް ނުކެރުނީއެވެ. އީކް އޭނާއާއި މެދުގައި ދެކޭގޮތް އެއްގޮތަކަށްވެސް ލަފާކުރާކަށް އީވާނަކަށް ނޭނގުނެވެ. އަމިއްލަ ހިތުގެ ހާލު ބަޔާންކުރަން ޖެހިލުންވެ ފިނޑިވީ އެހެންވެއެވެ. އޭނާގެ ސަބަބުން ދެއާއިލާ ދެމެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގަން އީވާން ނޭދެއެވެ.
ޟަމީރުގެ އެދުން ފައުޅުކުރަން އީވާން ނުކުޅެދިފައި ވަނިކޮށް، ވިޔަފާރީގެ ކަންކަމުގައި މާބޮޑަށް ބުރަވުމުގެ ސަބަބުން އެތައް ދުވަހެއް ވަންދެން ހައިތަމްއަށް އީކް ގޮވައިގެން ނިއުޒިލޭންޑަށް ނުދެވި ހޭދަވިއެވެ. ނާއިފް ވެސް އުޅުނީ އެފަދަ ހާލެއްގައިކަމުން ހައިތަމްއަށް ޒިޔާރާތްކުރުން އެވަގުތު އޭނާއަށްވެސް ދަތިވިއެވެ. މާޔޫސްކަން އީވާންގެ ޅަހިތުގައި ވަށައިލީ ދެނެވެ. އީކް ނުފެނި ހޭދަވާންފެށި ކޮންމެ ދުވަހެއް، އެހިތުގައި އީކްގެ މައްޗަށް އޮތް ފުން ލޯބި އީވާނަށް އިހުސާސުކޮށްދިނެވެ. ކެތްތެރިވުމަށް ދަތިވެ ބޭޤަރާރުކަމުގައި އޭނާއަށް އެތައް ދުވަހެއް ހޭދަކުރަން ޖެހުނެވެ.
ފުރިހަމަ ހަތަރު އަހަރަށްފަހު އީވާނާއި އީކް ބައްދަލުވީ، އީކްގެ އަށާރަވަނަ އުފަންދުވަހު ހައިތަމް އޭނާ ގޮވައިގެން ނިއުޒިލޭންޑަށް ދިޔަފަހަރުއެވެ. އޭރު ދިމާނުވާތާ އެތައް ދުވަހެއް ވުމާއެކު، ދެމީހުންވެސް ފުރާފުރިހަމަވެ ޒުވާން ވެފައި ތިބުމުން ދެމެދުގައި ލެވިގެންދިޔައީ ލަތުވެތިކަމުގެ ބޯފާރެކެވެ. އެފާރު ފުނޑުފުނޑުކޮށްލާން އީވާން މަސައްކަތްކުރިއެވެ. ކުރީގައިއޮތް ގާތްކަން އުފައްދަން އޭނާ ބޭނުންވިއެވެ. އެހެނަސް އީކްގެ މިޒާޖަށް ވެރިވެފައިވި މަޑުމައިތިރިކަމާއި ލަދުރަކިކަން އެކަމަށް ހުރަސްއެޅިއެވެ. ދަރިފުޅުގެ ހިތުގެ ހާލު ނާއިފަށް އެންމެ ފުރަތަމަ އިހުސާސުވީ އެފަހަރުއެވެ. އީކްދެކެ އީވާންވާ ލޯބި އެއްވެސް ފޮރުވުމެއްނެތި އެދެލޮލުން ފައުޅުވާންހުރިއިރު، ދަރިފުޅުގެ ހިތުގެ އެދުން އޭނާއަށް ވަކި ސިއްރުވާނެ ހެއްޔެވެ؟ ހިތަށް ލިބުނު ފޮނިމީރުކަމުގައި އީވާނާ ވަކިން ބައްދަލުކޮށް އެވާހަކަ ނާއިފް ދެއްކިއެވެ. ލަދުގަތް ނަމަވެސް ބައްޕަގެ ކުރިމަތީގައި ހިތުގެ ހާލު އީވާން ބަޔާންކުރީ އެހެންވެއެވެ. އެކަމުން ނާއިފްގެ ހިތަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފަލެވެ. ހައިތަމްއާ ދެމެދުގައިވި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ އާއިލީ ގުޅުމަކަށް ބަދަލުކޮށްލަން ލިބުނު ފުރުސަތު ގެއްލުވައިލާކަށް ނާއިފް ނޭދުނެވެ. އެހެނަސް...
ހުރިހައިކަމެއް ބަދަލުވެ ދިޔައީ ހީވެސްނުކުރާފަދަ ގޮތަކަށެވެ. އީކްގެ ކައިވެންޏަށް އެދި ހައިތަމްގެ ގާތުގައި އެވާހަކަ ދައްކަން ނާއިފާއި އީވާން ތައްޔާރުވި ރޭގައި އެމީހުނަށް ލިބުނީ އަޑުއަހަން ފަސޭހަ ޚަބަރެއް ނޫނެވެ. ނާއިފަށް އެވާހަކަ ނުދެއްކެނީސް ހައިތަމް ހާމަކުރީ އޭނާ އެދެބަފައިންނަށް އުފައުވެރި ޚަބަރެއް ދޭން އޮތްކަމެވެ. އެކުވެރިޔާގެ އެދުން އެއްގޮތަކަށްވެސް ނޭނގޭ ހާލު ހިނިއައިސްފައި ހައިތަމް ހާމަކުރީ އީކް މީހަކާއި އިންނަން އުޅޭކަމެވެ. ކުޑަކޮށްވެސް އެކަމުގެ ހިލަމެއްވެސް ވެފައި ނެތުމުން އީވާނަށް ލިބުނީ ކުއްލި ޝޮކެކެވެ. އެޚަބަރާއެކު ނާއިފްއަށް ލޯބިވާ ދަރިފުޅަށް ބަލައިލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ދަރިފުޅުގެ ހިތުގެ އެދުން ފުރިހަމަކޮށްދިނުމަށް ބޭނުންވިއަސް އެކަމަށް ނުކުޅެދިފައިވާ ހާލުއެވެ.
ޖެހިގެންއައި ދުވަހު އަލުން ހައިތަމްއާ އެވާހަކަ ދައްކަން ނާއިފް ނިންމީ އީވާން ކުރަމުންދިޔަ ހިތާމަ ދެކުމަށް ކެތްނުވެގެންނެވެ. އެހެނަސް އެކަމަށް ހުރަސްއެޅީ ޚުދު އީވާނެވެ. އޭނާގެ ސަބަބުން އީކް ކުރަން ހަމަޖެހިފައިވި ކައިވެނި ރޫޅޭކަށް އެއްގޮތަކަށްވެސް އީވާން ނޭދުނެވެ. އީކްގެ މޫނުމަތިން ފެނުނު އުފައުވެރިކަން އޭނާ އެކައިވެންޏާ ރުހޭކަން ހާމަކޮށްދެއެވެ. އެއްގޮތަކަށްވެސް އޭނާގެ ސަބަބުން އެލޯބި ހިނިތުންވުން ގެއްލޭކަށް އީވާން ބޭނުމެއްނުވިއެވެ. އެހިތުގައިވީ އެއްވެސް އަމިއްލަ އެދުމެއް ނެތް ސާފު ތެދުވެރި ލޯތްބެކެވެ. އަމިއްލަ ނަފުސުގެ އުފައުވެރިކަމަށްވުރެ ލޯބިވާގެ އުފައުވެރިކަން އޭނާއަށް މުހިންމުވީއެވެ. ހިތުގައިވި ލޯބީގެ މައްޗަށް އީކްގެ ހަމަޖެހުން އޭނާ އިސްކުރީ އެހެންވެއެވެ. ޒަޚަމްވެ ލޭއޮހޮރެމުންދިޔަ ހިތުގައި އަތްއަޅައި ބާރުކޮށްލަމުން އޭނާ ހިނިތުންވީ އެހިތުގެ މަލިކާއަށްޓަކައެވެ. ލޯބި ޤުރުބާންކުރީ އީކްގެ ހައްގުގައެވެ. އީކްގެ ހިތުގައި މާކިންއަށްޓަކައި ފިޔަޖަހައިލި ލޯތްބަށް ފުރުސަތުދެމުންނެވެ. އެލޯތްބަށް ޤަދަރު ކުރަމުންނެވެ. ދަރިފުޅުގެ އެޤުރުބާނީ ދެކެން ނާއިފަށް ކެތްނުވިއަސް އޭނާއަށް އިތުރުގޮތެއް ނެތެވެ. އީވާންގެ ނުރުހުމުގައި އެކަމާއިގެން ކުރިއަށްދާން ނާއިފްވެސް ބޭނުންނުވީއެވެ. ދުރުގައިހުރެ އަމިއްލަ ދަރިފުޅު ކުރަމުންދިޔަ ހިތާމަ ދުށުމަށް މަޖުބޫރުވީއެވެ. ދަރިފުޅުގެ ހިތްތިރިކަމާއި ހިތްވަރާއި މެދުގައި ފަޚުރުވެރިވިއަސް އެހިތް ރޮމުންދިޔައީ، އެކަނިމައި އެކަނި އީވާން ކުރަމުންދިޔަ ހިތާމަ ވިސްނޭތީއެވެ.
އީކްގެ ކައިވެންޏަށް ރާއްޖެގޮސް އެނބުރި އައިތަނާ އީވާންގެ ހާލަތު ދަށަށްދާން ފެށީ ކުއްލިއަކަށެވެ. ކުރަމުންއައި ހިތްވަރުއެލި މީހާ މުޅިން ބަލިކަށިވެގެން ދިޔައީ އެހިތުގައި އޮތް ކުޑަކުޑަ އުއްމީދުވެސް ފަނޑުވެ ނިވިގެންދިޔައީމައެވެ. މާޔޫސްކަން ހަތަރެސްފަރާތުން ވަށައިލި ހިނދު، ނަފުސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށް އީވާން ވެގެންދިޔައެވެ. ނާއިފް އެތައް ނަސޭހަތެއްދީ އެތައް ހިތްވަރެއް ދިނުމަށްފަހު އެކަމަށް ފަރުވާ ހޯދަން އީވާން އެއްބަސްވިއެވެ. އޭނާއާއި ޝަމްއަލްއާ ދިމާވީ އެހިސާބުންނެވެ. އީވާންގެ ސައިކޭޓްރިސްޓްގެ ގޮތުގައި ޝަމްއަލް މަސައްކަތް ކުރިއަސް، ދުވަހެއް ދުވަހަކަށް އެދެމެދުގައި އޮތް އެކުވެރިކަންވެސް އައީ ބަދަހިވަމުންނެވެ. އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ޝަމްއަލް ވެގެންދިޔައީ އުމުރުގައިވެސް މާބޮޑު ފަރަގެއް ދެމެދުގައި ނެތުމުންނެވެ. ހިތުގެ ހާލު އެއްވެސް ފޮރުވުމެއްނެތި އީވާނަށް ހިއްސާކޮށްލެވޭ ހަމައެކަނި މީހަކަށް ޝަމްއަލްވީ ވެސް އެހެންވެއެވެ. ގެނބެމުންދިޔަ އަނދިރިކަމުން އީވާން ސަލާމަތް ކުރުމުގައި އެންމެ އިސްރޯލެއް އަދާކުރީ ޝަމްއަލްއެވެ. އެތައްދުވަހެއްގެ ހިތްވަރުން އަލުން ދިރިއުޅުމާއިގެން ކުރިއަށް ދިއުމުގެ އުއްމީދު އާލާވެގެން ދިޔައެވެ. އޭނާގެ ހާލަތު ހުރިގޮތުން ކޮލެޖުން ނެގި ޗުއްޓީ މެދުކަނޑައިލުމަށްފަހު މަސައްކަތުގައި އީވާން މަޝްއޫލުވީވެސް ހުސްވަގުތު މާގިނަވުމުން ބޭކާރު ޚިޔާލުތައް ކުރެވޭތީއެވެ.
ޖެހިލި ވައިރޯޅިއަކާއެކު ގަހުގައި ދޮންވެފައިހުރި ފަތެއް އީވާންގެ އުނގަށް ވެއްޓުމުން ސިހިފައި އޭނާ ވަށައިގެން ހޯދައިލިއެވެ. މާޒީގެ ޚިޔާލުތަކަށް ގެއްލިފައި އޭނާއަށް އެތަނުގައި އިނދެވުނީ ކިހައި އިރެއް ވަންދެންކަމެއްވެސް ނޭނގެއެވެ. އެވަގުތު އެދިމާލަށް އައި މޭރީ އީވާނަށް ގޮވައިލީ ސައިބޯން އައުމަށް ނާއިފް އެބަ ގޮވާކަމަށް ބުނުމަށެވެ. އީވާން ބޯޖަހައިލުމާއެކު އެނބުރި އައިކޮޅަށް މޭރީ ހިނގައިގަތެވެ. ފުންނޭވައެއް ފަޒާގެ ތެރަށް ދޫކޮށްލަމުން އީވާން މޫނުގައި އަތްހިންގައިލިއެވެ. އީކްއާ ކުރިމަތިލާން ޖެހުމުން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އޭނާއަށް ވެރިވިއެވެ. ދެމެދަށް ވެރިވެފައިވި ދުރުކަން ކޮންމެވެސް ގޮތަކުން ނައްތައިލުމަށް ވިސްނަމުން އިންތަނުން ތެދުވެ ގެއާދިމާލަށް އީވާން ލަސްހިނގުމެއްގައި މިސްރާބުޖެހިއެވެ.
* * * * *
ފާއިތުވެ ދިޔަ ދެދުވަހުވެސް އީކް ގިނަވަގުތު ހޭދަކުރީ ކޮޓަރީގައެވެ. އެއްވެސް މީހަކާއި ބައްދަލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. މީހުންގެ ތެރޭގައިއުޅުމުން އޭނާއަށް ނޭނގޭ ހާސްކަމެއް ވެރިވަނީއެވެ. ހައިތަމް އެތައް ވާހަކައެއް ދައްކައި އެތައް އާދޭހެއް ކުރުމުންވެސް ކޮޓަރިން ނުކުތުމުގެ ޚިޔާލެއް އީކް ނުކުރިއެވެ. މާޔޫސްވެފައި އޭނާ އެވާހަކަ ދެއްކީ ނާއިފް ގާތުއެވެ. ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް އަޑުއަހަން ބޮޑުކޮޓަރީގައި ހުރި ސޯފާގައި އީވާން އިނަސް، އެކަމާއި ވިއްދައި އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ހައިތަމްގެ އަޑުގައިވި ކަންބޮޑުވުމާއި މާޔޫސްކަން އީވާނަށް އިހުސާސުވިއެވެ. ޚުދު އޭނާގެ އަމިއްލަ ހިތްވެސް ވަނީ އެފަދަ ހާލެއްގައެވެ. އީކް އުޅެމުންދިޔަ ގޮތުން އީވާނަށްވެސް ވަނީ ހިސާބެއްގެ ހިތްދަތިކަމެއް ވެރިވެފައެވެ. އެކިގޮތްގޮތަށް ވިސްނުމަށްފަހު އެރޭގެ ވަގުތެއްގައި އީކް ގޮވައިގެން ގެއިން ބޭރަށް ދިއުމަށް އީވާން ނިންމިއެވެ. އެޚިޔާލާއި މެދުގައި އެއްވެސް ޔަގީންކަމެއް ނެތަސް ހިތްވަރުއެލުވާލައި ދުރުގައި ހުންނާކަށް އީވާންގެ ޟަމީރު އެއްބަހެއް ނުވިއެވެ. އިންތަނުން ތެދުވަމުން ގެއިން ނުކުމެ ކާރުގައި އޭނާ މިސްރާބުޖެހީ އީކްއަށް ހަދިޔާއެއް ގެނައުމުގެ ނިޔަތުގައެވެ. އެކި ފިހާރަތައް ބަލަމުންދިޔަ އީވާންގެ މޫނުގައިވީ އަޖައިބެއްފަދަ އަސަރުތަކެކެވެ. އީކްއަށް ކަމުދާނެ އެއްޗަކާއި މެދުގައި ވިސްނަމުން އެތައް އިރަކު، އެކި ފިހާރަތަކަށް ވަނުމުގައި އީވާން ހޭދަކުރިއެވެ.
އިރުއޮއްސުނު ވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާއަޑަށް ހަމަހިމޭންކަމުގައި އެނދުގައި އޮތް އީކް އެދިމާލަށް ބަލައިލިއެވެ. ތެދުވެ ކޮޓަރީގެ ދޮރު ހުޅުވަން ބޭނުންނުވިއަސް އެމީހަކު އިރުއިރުކޮޅާ ޓަކަޖަހަމުންދިޔަ ގޮތުން ދޮރުނުހުޅުވަނީސް ނުހުއްޓާނެކަން ވިސްނި އޮތްތަނުން އީކް ތެދުވިއެވެ. މަޖުބޫރުވެފައިހުރި މީހަކު ފަދައިން އައިސް ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ކުރިމަތީގައިހުރި އީވާން ފެނިފައި އީކްއަށް ވެރިވީ ހައިރާންކަމެވެ. ސުވާލުގެ ނަޒަރަކުން އެއްފަހަރު ހިނިއައިސްފައިހުރި އީވާނަށް އަދި އަނެއްފަހަރު އޭނާގެ އަތުގައި ނޫކުލައިން ފާރުސަލް ކޮށްފައިއޮތް ބޮޑު ހަދިޔާއަށް އީކް ބަލައިލިއެވެ.
"އަހަރެން ވަންނަންތަ؟" ޖެހިލުންވުން އެއްފަރާތް ކޮށްލަމުން އީވާން އަހައިލިއެވެ. އިރުކޮޅަކު އީވާންގެ މޫނަށް ބަލަންހުރުމަށްފަހު ދޮރު ބޮޑަށް ހުޅުވައިލަމުން އެތެރަށް އީކް ހިނގައިގަތެވެ. އެއީ އޭނާއަށް ކޮޓަރިއަށް ވަނުމަށްދިން ހުއްދައެއްކަމަށް ބަލައި އީވާންވެސް އީކްގެ ފަހަތުން ކޮޓަރީތެރަށް ވަނެވެ.
"އަހަރެން ދެކެ ނުރުހިފަތަ؟" މަޑުމަޑުން އީކް ހުންނަން ފެށުމުން އީވާން އަހައިލީ ދެމެދަށް ވެރިވެފައިވި ހިމޭންކަން ފޫއަޅުވައިލަމުންނެވެ. އީވާނަށް ބަލައިލަމުން އީކް ދެފަރާތަށް ބޯހޫރުވައިލިއެވެ.
"ދެން ކީއްވެ އަބަދު ކޮޓަރީގަ އޮންނަނީ؟ މިތާ ބަންދުވެ އޮވެ ވިސްނާ ފިކުރުކުރުމުން މީހާގެ ނަފުސަށް ލިބޭނީ އިތުރު ނުތަނަވަސްކަމެއް.. އަހަރެން އަދިވެސް ދެކެނީ ތީ އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާ ގޮތުގަ.. އެހެންވީމަ އީކް ތިގޮތަށް އެކަނިވެރިކަމުގައި މުޅި ދުވަސް ހޭދަކުރާކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވޭ.. ހިނގާ މިރޭ އަހަންނާއެކު ބޭރަށް ގޮސްލަން.. ތާޒާ ވައިކޮޅެއް ލިބެނިކޮށް ތިހިތަށް ހަމަޖެހުންވެސް ލިބިދާނެ.. ޕްލީޒް.. ނޫނެކޭ ނުބުނައްޗޭ.. އީކްގެ ކުރިމައްޗަށް އަހަރެން އައިސް މިހުރީ ވަރަށް އުއްމީދާ އެކު.." ހިންދިރުވައިލަމުން ލަސްލަހުން އީވާން ބުންޏެވެ. އީވާންގެ ވާހަކަތަކުން އީކްއަށް ލިބުނު ހައިރާންކަން އެމޫނުމަތިން ފައުޅުވަމުންދިޔައެވެ. ހުއްޓުން އަރައިފައި އޭނާ ހުއްޓައި އަތުގައިއޮތް ޕާރުސަލް އީވާން ދިއްކޮށްލިއެވެ.
"މީ އީކްއަށް އަހަރެން ގެނާ ހަދިޔާއެއް.. ހީކުރަން ކަމުދާނެކަމަށް.. އަދި އަހަރެންގެ އެދުމާއި މެދު ވިސްނާނެކަމަށް.. މިރޭ 8 ޖަހާއިރު އަހަރެން ތައްޔާރުވެގެން އީކްގެ އިންތިޒާރުގަ ގަރާޖު ކައިރީ ހުންނާނަން.. ހޮޕް.. ޔޫ ވިލް ކަމް.." އީވާންގެ ވާހަކަތަކާއެކު އީކްއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. މަޑު ތުރުތުރެއް އުފެދިފައިވި އަތް ކުރިއަށް ޖައްސައިލަމުން އެޕާރުސަލްގައި އީކް ހިފިއިރު އެދެލޮލުން ފައުޅުވަމުންދިޔައީ ނުތަނަވަސްކަމެވެ. ހަދާނެގޮތަކާއި މެދުގައި އޭނާ ވިސްނައިލި ކަހަލައެވެ.
(ނުނިމޭ)
!Please follow my facebook page for more story related posts. Thank you



