ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (9)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

އަށްވަނަ އަދަދާއި ގުޅޭ

ދެލޯކުރިމަތިން ފެންނަމުންދިޔަ މަންޒަރަކީ ހަގީގަތެއްބާވައޭ އީވާންގެ ހިތަށް އެރިއެވެ. އޭނާގެ ހަނދާނުގައިވި ފަރި އަންހެންކުއްޖާގެ ބަދަލު އޭނާގެ ކުރިމަތީގައިހުރީ މިލައި މޯޅިވެފައިވާ މަލެއްފަދައެވެ. އެއްވެސް ދިރުމެއް އެމަލުގައި ނުވެއެވެ. ފިޔަތައް މޯޅިވެ ފުނޑުފުނޑުވާން ގާތްވެފައިވީ ކަހަލައެވެ. ހިތުގައި ބިންވަޅުނެގިފައިވި އީކްގެ ސޫރައާއި ކުރިމަތީގައި ފެންނަންހުރި އީކްއާ އީވާނަށް އަޅައިކިޔައިލެވުނީ ބޭއިޚުތިޔާރުގައެވެ. ހަށިގަނޑު އަނަރޫފަވެފައިވާއިރު، ދެކޯވެސްވަނީ ވަޅުވަދެފައެވެ. ކަރާއި ދިމާލުން ތިރީގައިހުރި ކަށިގަނޑު ހާމަކަން ބޮޑު ގޮތެއްގައި ފައުޅުވާން ހުއްޓެވެ. ވަރުބަލިކަން ވެރިވެފައިވި ދެލޮލުގައި ރަސްކަންކުރަމުންދިޔައީ ހިތާމައާއި ހިތްދަތިކަމެވެ. ހިތުގައި ފުނިޖެހިފައިވި ޝަކުވާއެވެ. ދެލޯ ވަށައިގެން ލެވިފައިވި ކަޅުކުލައިގެ ފަށަލައިން އީކްގެ ހަށިގަނޑު ނިންޖާއި ދުރުވެފައިވި މިންވަރު އަންގައިދެއެވެ. ދެލޮލުގެ ކަނުގައި ފައުޅުވާންހުރި ތެތްކަން އިޝާރާތްކުރަމުން ދިޔައީ ގަދަކަމުން ފޮރުވަން މަސައްކަތްކުރަމުންދިޔަ ކަރުނައަށްކަން ގައިމެވެ. ހަޔާތާއި މެދުގައި މާޔޫސްވެ ގޮތްހުސްވެފައިވި މިންވަރު އެމޫނުމަތިން އެއްވެސް ފޮރުވުމެއްނެތި ސާފުކޮށް ހާމަވާން ހުއްޓެވެ. އެތައް ދުވަހަކު ބަލިއެނދުގައި އޮވެފައި ގަދަކަމުން ތެދުވެއުޅޭ މީހެކޭ އީކްއެކޭ އެއްވެސް ތަފާތެއް ނެތެވެ. ފުރާނަހުއްޓަސް އެހަށީގައި އެއްވެސް ދިރުމެއްނެތެވެ. އީކްގެ ސޫރައަށް ބަލަން އިތުރަށް އީވާނަށް ކެތްނުވީ ކަންނޭނގެއެވެ. އެމޫނުން ނަޒަރު ވަކިކޮށް އިސްޖަހައިލުމާއެކު ކަރުނަތައް އެދެލޮލަށް ބޮނޑިވެގަތީ ހިތަށް ކުރުވި ފުން އަސަރުންނެވެ.

އީވާންގެ މޫނަށް ވެރިވި ކޮންމެ އަސަރެއް ނާއިފް ދުށްޓެވެ. ދަރިފުޅުގެ ހާލާއި މެދުގައި އޭނާ ހަމްދަރުދީވާގޮތް ވިއެވެ. އެއްވެސް މީހަކަށް ނޭނގުނަސް އީވާން އީކްދެކެ ލޯބިވާ މިންވަރު އޭނާއަށް އިހުސާސުވެއެވެ. އެދަރިފުޅުގެ ހިތުގައި އަޅާ ވޭން ވިސްނެއެވެ. އެހާލުގައި ހުއްޓައި އީވާންގެ ކުރިމައްޗަށް އީކް ގެންނަން އޭނާއަށް ދަތިވިއަސް އެކަން އޭނާ ކުރީ އެކުވެރިޔާގެ ހައްގުގައެވެ. އިސްޖެހިފައިހުރި އީވާންގެ ގާތަށް ޖެހިލަމުން އޭނާގެ ގައިގައި ކުޑަކޮށް ނާއިފް ބައްދައިލިއެވެ. ބަލައިފި ކޮންމެ މީހަކަށްވެސް ހީވަނީ ދުވަސްކޮޅަކު ދަރިފުޅާއި ދުރުގައިހުރެފައި އަލުން ބައްދަލުވުމުން އޭނާ ކުރިކަމެއް ހެންނެވެ. އެހެނަސް ހަގީގަތަކީ އީވާންގެ ހިތަށް ކުރަމުންދިޔަ އަސަރު ވިސްނި ނާއިފް އޭނާއަށް އެއަމަލުން ކުޑަވިއަސް ހިތްވަރެއް ދޭން ބޭނުންވީކަމެވެ.

ނާއިފްގެ ގައިގައި ބައްދައިލަމުން ކަރުނަތައް ގަދަކަމުން އީވާން ދިރުވައިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަން އީވާން މަސައްކަތް ކުރިއެވެ. ބައްޕައަށް ގޮވައިލައި ހާލު އަހުވާލު އޮޅުންފިލުވިއެވެ. ނާއިފްއާ ދުރަށްޖެހިލި ވަގުތު ހައިތަމްވެސް އައިސް ނާއިފް އެކޭ އެއްފަދައިން އީވާންގެ ގައިގައި ބައްދައިލަމުން މަޑުމަޑުން އޭނާގެ ކޮނޑުގައި އަތުން ޖަހައިލިއެވެ. އަދި އެތެރަށް ހިނގައިގަތް ނާއިފްގެ ފަހަތުން ދިއުމަށް އޭނާވެސް އުޅުނެވެ. ހުއްޓުން އަރައިފައި ހުރި އީކްއަށް ގޮވައިލަމުން އައުމަށް ހައިތަމް ބުނެލިއެވެ.

"ބޭބެ ދާންވީނު އެތެރަށް.. އަޅުގަނޑު މިދަނީ އީކް ގޮވައިގެން.." ހައިތަމްއަށް ނަޒަރެއް ދެމުން އަވަސް އަވަހަށް އީވާން ބުންޏެވެ. އެންމެ ރަނގަޅޭ ބުނެ ހައިތަމް އެތެރަށް ވަންނަން ހިނގައިގަތެވެ. އޭނާގެ އިޝާރާތާއެކު އެތަނުގައި ހުއްޓިހުރި މޭރީވެސް އެތެރަށް މިސްރާބުޖެހިއެވެ. އޭރު ގޭގައި އުޅޭ ދެ ފިރިހެން ޚާދިމަކު ހައިތަމްމެންގެ ފޮށިތައް ހިފައިގެން ގެއަށް ވެއްދުމުގެ މަސައްކަތުގައި އުޅުނެވެ.

"އީކް.." ބުދެއްހެން ހަރަކާތެއްވެސް ކޮށްލުމެއްނެތި ހުރި އީކްގެ ކުރިމަތީގައި ހުއްޓެމުން މަޑުމަޑުން އީވާން ގޮވައިލިއެވެ. އެއަޑުގައި އެއްފަހަރައި އެތައް ޖަޒުބާތެއް އެކުލެވިގެން ދިޔައެވެ. ފައިތިލައަށް ހުއްޓައިލައިގެންހުރި ނަޒަރު ލަސްލަހުން އީވާންގެ މޫނަށް އީކް ހުއްޓައިލިއެވެ. ކުރިން ހުންނަ ގާތްކަމެއް އެބެލުމުގައި ނެތެވެ. ބީރަށްޓެއްސަކާއި ދިމާއަށް ބަލަމުންދިޔަ ފަދައެވެ. އީވާންގެ ހިތަށް އެކަމުން ތަދުވިއަސް އެއަސަރު ފޮރުވައިލަމުން އޭނާ ހިނިތުންވެލިއެވެ. އެމޫނަށް ބަލަން ދަތިވެ އަނެއްކާވެސް އީކް އިސްޖަހައިލީއެވެ.

"ކިހިނެއް؟" ދެންވެސް ވާހަކަދެއްކީ އީވާނެވެ. ހަމަހިމޭންކަމާއެކު އިރުކޮޅެއް ހޭދަވުމަށްފަހު އީކް ކުޑަކޮށް ބޯޖަހައިލީ ރަނގަޅޭ ބުނެލާފަދަ ގޮތަކަށެވެ. އީކްގެ އެކުޑަ އަމަލުގައިވި މަޖުބޫރީ އީވާންގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. އެކަނިވެލަން ބޭނުންވެފައި އެއަންހެންކުއްޖާ ހުރިކަހަލައެވެ. ހިނދުކޮޅަކަށްވެސް އީކް އެކަނި ދޫކޮށްލާކަށް އީވާންގެ ހިތެއް ނުރުހެއެވެ. ނަމަވެސް އެއީ އޭނާއަށް އަދި ލިބިގެންވާ ހައްޤެއްނޫންކަން އޭނާ ދަނެއެވެ. އަންނާށޭ ބުނަމުން ގޭތެރެއަށް އީވާން ހިނގައިގަތީ އެހެންވެއެވެ. ޗާބީދީފައިހުރި ބުދެއްހެން އީވާންގެ ބަހަށް ކިޔަމަންވެ އޭނާގެ ފަހަތުން އީކް ހިނގައިގަތެވެ.

އެގެއަކީ އީވާންގެ މަންމައަށް ހަދިޔާއެއްގެ ގޮތުން ނާއިފް ގަނެދީފައިވާ ގެއެކެވެ. ބޮޑު ގޯތީގެ މެދެއްހައި ހިސާބުގައި ތިންބުރިއަށް ނަގައިފައިވި އިމާރާތް ހުރިއިރު، ގޯތީގެ ވަށައިގެންވީ ހުސް ފެހިކަމެވެ. އީވާންގެ މަންމަ އަމްލާ އަކީ ގަސްއިންދުމަށް ނުހަނު ލޯބި ކުރި މީހެކެވެ. ޖާގައިގެ ގޮތުން ތަނަވަސް ގޯއްޗެއް ނާއިފް ގަތީ އެހެންވެއެވެ. ކެންސަރު ބަލީގައި އަމްލާ ނިޔާވެދިޔައީ އީވާންގެ އުމުރުން 10 އަހަރުއެވެ. އޭރުއްސުރެ އަބަދުވެސް އަމްލާ ހައްދަން ފަށައިފައިވާ ބަގީޗާއަށް ނުހަނު ބޮޑު ސަމާލުކަމެއް ނާއިފް ދެއެވެ. ހަގީގަތުގައި އެމީހުންގެ ދިރިއުޅުން ނިއުޒިލޭންޑަށް ބަދަލުކުރަން ޖެހުނު މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކީވެސް  އަމްލާގެ ބައްޔެވެ. އަމްލާއަކީ ރާއްޖޭގެ އަންހެނަކާއި ނިއުޒިލޭންޑްގެ ފިރިހެނަކަށް ލިބުނު ތިންކުދިންގެ ތެރެއިން އެންމެ ހަގުކުއްޖާއެވެ. ނާއިފާއި އަމްލާ ދިމާވީ ތައުލީމު ހާސިލްކުރަން ނާއިފް ނިއުޒިލޭންޑްގެ ކޮލެޖަކަށް އައިސް އުޅުމުގެ ތެރޭގައެވެ. ދެއާއިލާގެ ރުހުމުގައި ލޯބިން ކުރެވުނު ކައިވެންޏެކެވެ. ބައްޕަ ނިޔާވުމަށްފަހު އޭނާގެ ވިޔަފާރިއާ ނާއިފް ހަވާލުވީއެވެ. ކައިވެންޏަށްފަހު އޭރު ރާއްޖެއަށް ދިރިއުޅުން އެއްކޮށް ބަދަލުކުރީ އެހެންވެއެވެ. އެހެނަސް އަމްލާގެ ބަލިހާލު ހުރިގޮތް އެނގުނުފަހުން އޭނާގެ އާއިލާގެ އެދުމަށް ނާއިފަށް މަޖުބޫރުވީ ރާއްޖޭގެ ދިރިއުޅުން ދޫކޮށް ނިއުޒިލޭންޑަށް ބަދަލުވާށެވެ. ބައްޕަގެ ވިޔަފާރީގެ ހިއްސާތައް އެތަނުގައިވެސް މަދެއްނޫނެވެ. ވިޔަފާރީގެ އެންމެ އިސް އޮފީސް ނިއުޒިލޭންޑަށް ބަދަލުކޮށް އެތަނުގައި ދިރިއުޅެން ފެށުނީ އެހިސާބުންނެވެ. އަމްލާ ނިޔާވުމަށްފަހުވެސް އެނބުރި ރާއްޖެއައުމުގެ ގަސްދެއް ނާއިފް ނުކުރީ އަނބިމީހާގެ ހަނދާންތަކުން ފުރިފައިވި އެގެ ދޫކޮށްލަން ބޭނުންނުވުމުންނެވެ. އޭނާގެ އާއިލާގައި އިތުރު މީހަކުވެސް ނެތުމުގެ ސަބަބުން އެނބުރި ރާއްޖެއަށް ދިރިއުޅުން ބަދަލުކުރުން ނާއިފަށް މުހިންމުވެސް ނުވީއެވެ.

ބޮޑު ކޮޓަރީގެ ސޯފާގައި ވާހަކަދައްކަންތިބި ނާއިފާއި ހައިތަމްގެ ނަޒަރު ގޭގެ ދޮރުން ވަދެގެންއައި އީވާނާއި އީކްއަށް ހުއްޓުނެވެ. އިސްޖެހިފައި ހުއްޓަސް އީކްގެ މޫނުން ފައުޅުވަމުންދިޔައީ ނުތަނަވަސްކަމެވެ. އީކްގެ ހަރަކާތްތަކަށް ބަލަން އިނދެ ހައިތަމް އީވާނަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދި އީކް އޭނާގެ ކޮޓަރިއާ ހަމައަށް ގެންދިއުމުގެ ހުއްދަ އީވާނަށް ދިނެވެ. ކުރިން އެގެއަށް އައިސް އުޅޭއިރު އެދެމެދުގައިވީ އެކުވެރިކަމާއި ގާތްކަން ނުފެނުނަސް އޭގެ ސަބަބު ކޮންމެ މީހަކަށްވެސް ވިސްނޭތީ އެކަމާއި ވިއްދައި އެއްވެސް އެއްޗެއް ބުނާކަށް އެކަކުވެސް ބޭނުމެއްނުވިއެވެ.

ކުދިކުދި ފިޔަވަޅުތަކެއްގައި އީވާންގެ ފަހަތުން އައިސް ލިފްޓަށް އީކް އެރިއެވެ. ލިފްޓްގެ ދޮރު ލެއްޕުމާއެކު ތިނެއް ޖަހައިފައިވި ފިތަށް އީވާން އޮބައިލިއެވެ. ލިފްޓް އައިސް ތިންވަނަ ފަންގިފިލައަށް ހުއްޓުމުން ދޮރުން ނުކުމެގެން އީވާން ހިނގައިގަތީ ފަހަތުން އީކް އާދޭތޯ ޔަގީންކޮށްފައެވެ. ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަމުން އުނދަގޫވިއަސް އެކަމާއި މެދުގައި ނުވިސްނަން އީވާން ނިންމިއެވެ. އީކްގެ ހާލު އޭނާއަށް އޮޅިފައެއްނެތެވެ. އަމިއްލަ ހިތަށް ވިސްނައިދެމުން އީވާން އައިސް ހުދުކުލައިން ފަރުމާކޮށްފައިހުރި ބޮޑު ލަކުޑި ދޮރެއް ހުޅުވައިލަމުން އެއްފަރާތެއްގައި މަޑުކޮށްލިއެވެ.

އީވާން ގާތުގައި ހުއްޓުމުން އޭނާގެ ނަމުން އީވާން ގޮވައިލުމާއެކު އިސްއުފުލައިލައި އީކް ބަލައިލިއެވެ. "އީކްގެ ފޭވްރިޓް ރޫމް... ކުރީގަވެސް އޮންނަ ރީތި ވިއު މިހާރުވެސް އޮންނާނެ.. އީކް ވަރަށް ގަޔާވެއެއްނު ބެލްކަނީގަ ހުރެ އެމަންޒަރު ބަލަން.." ދޮރުގައި ހިފަހައްޓައިލައިގެންހުރެ ހިނިއައިސްފައި އީވާން ވާހަކަދެއްކިއެވެ. އޭރު ކޮޓަރީގެ އެތަން މިތަނަށް ވަށައިގެން ނަޒަރު ހިންގަން އީކް ހުއްޓެވެ.

"ބަލާބަލަ.. އިޓްސް ޔޯ ފޭވްރިޓް ކަލާ.. ރޫމްގެ ހުރިހައިތަނެއްގަވެސް މިހުރީ ލައިޓް ބްލޫ ކުލަ.. ކަމަކުނުދޭތަ؟ އެހެން ފަހަރުފަހަރު ސަޕްރައިޒް ދިނަސް، މިފަހަރު އީކް އަންނަކަން އެނގޭތީ އަހަރެން މިހުރީ މިކޮޓަރި ޚާއްސަކޮށް އީކްއަށް ތައްޔާރުކޮށްދީފަ.. ރީއްޗެއް ނޫންތަ؟" ކޮޓަރިތެރަށް ވަންނަމުން އީވާން ބުންޏެވެ. އޭނާގެ ފަހަތުން ވަތް އީކްގެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅުވާކަށް ނެތެވެ. އުފައުވެ ހިނިތުންވެލަންވެސް އީކް ނުކުޅެދިފައި ހުރިކަހަލައެވެ. ނޫނީ ގަދަކަމުން ހިނިތުންވެލާނެހައި ވަރުވެސް އެހަށީގައި ނެތީއެވެ.

އީކްގެ ހަމަހިމޭންކަން އީވާންގެ ހިތަށް ތަދުކުރިއެވެ. އެހެނަސް ހިތްވަރުއެލުވައިލާކަށް އޭނާ ބޭނުމެއްނުވިއެވެ. އެލޯބި ތުންފަތްމަތިން ގެއްލިފައިވި ހިނިތުންވުން އަނބުރައި ގެންނަން އީވާން ބޭނުންވެއެވެ. އަލުން އެއަންހެންކުއްޖާ ހިނިތުންވެ އުފައުވެފައި ހުންނަތަން ދެކެން އީވާންގެ ހިތް އެދެއެވެ. ކޮންމެފަދަ ޤުރުބާނީއެއް ވެގެންވެސް އެކަން ކާމިޔާބުކުރަން އީވާން ނިންމިއެވެ.

"ބަލާބަލަ... މިހުރީ ކުޑަ ބުކް ޝެލްފްއެއް.. އީކްގެ އެންމެ ފޭވްރިޓް ހުރިހައި ފޮތްތަކަކުން ފުރާލާފަ.. އެހުރި ދޮރުތެރެއިން ލާފަ ވަދެވޭގޮތަށްހުރި ކުޑަ ކޮޓަރި، އަހަރެން އެހުރީ ލައިބްރަރީއެއް ގޮތަށް ތައްޔާރުކޮށްފަ.. އެތަނުގަވެސް ހުންނާނީ ހުސްވެސް އީކް ކިޔުމަށް ޝައުޤުވެރިވާކަހަލަ ފޮތްތައް.. ކުޑަ ސްޓަޑީ ޓޭބަލްއަކާ ލޭމްޕްއެއްވެސް އިންނާނެ.. އެކަނި ހުރެ ފޮތެއް ކިޔާލަން ބޭނުންނަމަ އެތަނުގައިވެސް ހުރެވޭގޮތަށް.. ދެން މިހުރީ މިނި ފްރިޖްއެއް.. ފިލްޑް ވިތް އެވްރިތިންގް ޔޫ ލަވް.. އެއްޗެއް މަދުވިއަސް ނޫނީ ބޭނުންވިއަސް އަހަންނަށް އަންގާލާ.. އިރާދަކުރެއްވިއްޔާ ވަގުތުން ގެނެސްދޭނަން.." ހިތްހަމަޖެހިފައި ކޮޓަރީގެ އެތަން މިތަނަށް ބަލަމުން އީވާން ވާހަކަދައްކަމުން ދިޔައެވެ. ޝައުޤުވެރިކަން އީކްގެ މޫނުމަތިން ފައުޅުނުވިއަސް އީވާން ދައްކަމުންދިޔަ ކޮންމެ ދިމާލެއް އޭނާ ބަލަމުންދިޔައެވެ. ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް މޫނުމަތިން ފަނޑުކޮށް ފައުޅުވާން ހުއްޓެވެ. އިރުކޮޅަކު އީކްއަށް ބަލަން ހުރުމަށްފަހު އީވާން އޭނާގެ ފަސްއިންތަށިގަނޑުގެ ތެރޭގައި އަތް ހިންގައިލިއެވެ.

"ސޮރީ.. ވަރަށް ވަރުބަލިވެފަ ދޯ ތިހުރީ.. އީކް އެއްވެސްކަމެއް ކުރާނެކަމެއް ނެތް އިނގޭ... އަހަރެން މޭރީ ފޮނުވާނަން.. އީކްގެ ހުރިހައި އެއްޗެއް ކޮޓަރީގައި އޭނާ ތަރުތީބުކޮށްދޭނެ.. އަރާމުކޮށްލަން ބޭނުންވަންޏާ މަޑުކޮށްލިއަސް އެންމެ ރަނގަޅު.. ސައިބޯން ވީމަ ބޭބެ އަންނާނު އީކް ބަލާ ދޯ.. އެންމެ ރަނގަޅެއްނު.. އެއްޗަކަށް ދަތިވިއަސް އަހަރެން ގާތު ބުނައްޗޭ.." މިފަހަރު އީވާންގެ ވާހަކަތަކަށް އީކް ބޯޖަހައިލިއެވެ. ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިލަމުން ހިނިތުންވެލުމަށްފަހު އެތަނުން ދިއުމަށް އީވާން ހިނގައިގަތެވެ. އިތުރަށް ދައްކާނެ ވާހަކައެއް ޚުދު އީވާނަށްވެސް ނުވިސްނުނީ ކަހަލައެވެ. ކޮޓަރިން ނުކުމެ އީވާން ދޮރުލައްޕައިލުމާއެކު ލަސްހިނގުމެއްގައި އައިސް އީކް އެނދުގައި އިނށީދެލިއެވެ.

ދެއަތް އެނދުމަތީގައި ވިއްދައިލުމާއެކު އޭނާ އިސްއޮބައިލިއެވެ. ހުރިހައިއިރު ހިފަހައްޓަން މަސައްކަތްކުރަމުންދިޔަ ކަރުނަތައް ދެލޮލުން އޮހެރެންފެށީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ކޮންމެ ތަނެއްގައި ހުއްޓަސް މާކިންގެ ހަނދާންތައް އޭނާއަށް އުނދަގޫކުރަނީ އިންތިހާއަށެވެ. ހިތުން އެސޫރަ ފޮހެވޭ އެންމެ ހިނދުކޮޅެއްވެސް ފާއިތުވެ ނުދެއެވެ. ލޯބިވާ ފިރިމީހާގެ އެކިހަނދާންތަކުން އީކްގެ ހިތް ރޮއްވަމަދުންދިޔައީ ދެލޮލުން ހިފެހެއްޓުމެއްނެތި ލޭކަރުނަ ފާއްދަމުންނެވެ. ހިތްވަރުކުރަން މަސައްކަތްކުރިއަސް އޭނާއަށް ގިސްލެވޭގޮތް ވިއެވެ. އެއަޑު ސާފުކޮށް ކޮޓަރީގެ ދޮރުމަތީގައި ހުއްޓިހުރި އީވާނަށް އިވުނެވެ. ހިތަށް ކުރުވި އިންތިހާ އަސަރުން އީވާނަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ކޮޓަރިން ނުކުތެއްކަމަކު އޭނާ ހުރީ އެތަނުން ދާން ބޭނުންނުވެފައެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރީ ފަހަރެއްގައިވެސް އެފަދަ ވޭނީ ރުއިމެއްގެ އަޑު އިވޭނެކަމަކަށް ނޫނެވެ. އެހެނަސް އީކްގެ އަނގައިން ނުކުންނަ ކޮންމެ އާހައަކާއެކު ފިސްފިސްވަމުންދިޔައީ އީވާންގެ ހިތެވެ. ލޯބިވާ ފަރާތް އެފަދަ ހިތްދަތިކަމެއްގައި ބަނދެވިފައިވާތަން ބަލަން ކެތްވާނީ ކާކަށްހެއްޔެވެ؟ އީވާނަށްވެސްވީ އެފަދަ ގޮތެއްކަން ގައިމެވެ. އީކްގެ ރުއިން މެދުކެނޑި އިވެމުންދިޔަ ގިސްގެ އަޑު ހުއްޓުމަކަށް އަންނަންދެން އީވާން ބޭރު ފާރުގައި ލެގިލައިގެން ހުއްޓެވެ. އެހިތާމައިގައި ބައިވެރިވާން ބޭނުންވިއަސް އޭނާއަށް އެފުރުސަތެއް ނެތޭ ހީވެފައެވެ. ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ހޭދަވުމުން، ހިންދިރުވައިލަމުން އީވާން ހަށިގަނޑު ސީދާކޮށްލިއެވެ. އީކް ރުއިން ހުއްޓައިލީކަން އަމިއްލަ ހިތަށް ވިސްނައިދެމުން އެތަނުން ދިއުމަށް އޭނާ މަޑުމަޑުން ހިނގައިގަތެވެ. އިރުއިރުކޮޅުން ފަސްއެނބުރި އެކޮޓަރިއާ ދިމާލަށް އޭނާއަށް ބަލައިލެވެއެވެ. އެންމެ ފަހަރަކު ނަމަވެސް ހިތުގެ މަލިކާ ދުށުމުގެ އުއްމީދުގައި ހުރެއެވެ.

އަތްދަބަސް ތެރެއިން ނެގި ކުޑަ ޓިޝޫ ޕެކެޓް ކަނޑައިލައި އޭގެން ޓިޝޫއެއް އީކް ނެގިއެވެ. އަދި މުޅިމޫނުގައި އެއުނގުޅައިލަމުން ކަރުނައިގެ އަސަރު މޫނުމަތިން ފުހެލިއެވެ. ހަށިފުރައި ނޭވާއެއްލަމުން ވަށައިގެން އޭނާ ނަޒަރު ހިންގައިލިއެވެ. ރޮއެލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތާއި ނަފުސަށް ލިބިއްޖެއެވެ. ޝައުގުވެރިކަމާއެކު އެކޮޓަރީގެ އެތަން މިތަނަށް އޭނާ ބަލަމުންދިޔައެވެ. އިންތަނުން ފޫހިއްލައިލަމުން ކުދި ފިޔަވަޅުތަކެއްގައި އައިސް ކޮޓަރިތެރޭގައިހުރި ފޮތް ހަރުގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. މަޑު ތުރުތުރެއް އެކުލެވިފައި އަތުން ލަސްހަރަކާތަކާއެކު އެހަރުގަނޑުގައި ތަރުތީބުން އަތުރައިފައިހުރި ފޮތްތަކުގައި އީކް އަތް ހިންގައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އީވާން ކުރިން އިޝާރާތްކުރި ދޮރު ހުޅުވައިލަމުން ދޮރުމަތީގައި މަޑުކޮށްލިއެވެ. ދޮރުހުޅުވައިލުމާއެކު ދިއްލުނު ލައިޓުން މުޅި އެކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އީވާން ބުނިފަދައިން ސްޕަންޖް ޖެހި އަރާމު ގޮނޑިއެއްގެ އިތުރުން ސްޑަޑީ ޓޭބަލްއަކާއި ލޭމްޕެއް އެތަނުގެ މެދެއްހައި ހިސާބުގައި ހުއްޓެވެ. އެތެރެއިން ދުވަމުންދިޔަ ލުއި މީރު ވަހާއެކު ދެލޯމަރައިލަމުން އީކްއަށް ނޭފަތް އެތެރަށް ދަމައިލެވުނެވެ. ހިތްހަމަޖެހުން އެކުޑަމޫނުކޮޅަށް ވަގުތުން ވެރިވެގެން ދިޔައެވެ.

ލައިބްރަރީގެ ދޮރުލައްޕައިލުމަށްފަހު އީކް އައިސް ހުއްޓިލީ ކޮޓަރީގައިހުރި އިސްކޮޅުވަރުގެ ބޮޑު ބިއްލޫރި ދޮރުކުރިމަތީއެވެ. ދެފަރާތަށް ކެހޭގޮތަށްހުރި ދޮރު، ކަހައިލަމުން ނުކުމެވެންހުރި ފުޅާ ބެލްކަންޏަށް އީކް ނުކުތެވެ. ވަށައިގެން ފެންނަންހުރި ފެހިކަމަށް އެހިތްދޫވީ ކުއްލިއަކަށެވެ. ދުރުދުރުން ފެންނަންހުރި އުސް ފަރުބަދަތަކުން އެމަންޒަރަށް އިތުރު ހިތްގައިމުކަމެއް ލިބިފައިވިއެވެ. ފަރުބަދަތަކުގެ ކުރީގައި ކޭތްތިލައިފައި، ސަމާސަކޮށްލައިފައިދާ ހުދު ކަފަކޮޅެއްފަދަ ވިލާތަކަށް އީކްގެ ނަޒަރު ހުއްޓުނެވެ. އެދިމާލާއި ދާދި ކައިރީގައި ހުންނަ ވޯޓަރފޯލްއަކުން އޮހެމުންދިޔަ ފެންތަކުގެ އަޑުން މުޅި އެހިސާބު ގުގުމަމުން ދިޔައެވެ. ގުދުރަތީ ހިތްގައިމު ރީތި ރާގެއް އިވެމުންދާފަދައެވެ. ގޯތިތެރޭގައިހުރި ބިޔަގަސްތަކުން އިވެމުންދިޔަ ދޫނިސޫފާ ސޫފީގެ އަޑުވެސް، އެއަޑާއި އެކުވެ އިވެމުންދިޔައީ ހިތަށް ހަމަޖެހުން ގެނުވަމުންނެވެ. ވަށައިގެންވި މާޙައުލަށް އޭނާގެ ހިތާއި ނަފުސު ދޫކޮށްލުމާއެކު ހިކިފައިވި އީކްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާކިންގެ ވަކިވުމަށްފަހު އެއްވެސް މަޖުބޫރުކަމެއްނެތި އެއީ އޭނާއަށް ހިނިތުންވެވުނު ފުރަތަމަ ފަހަރެވެ. އަމިއްލަ ނަފުސަށް ލިބިފައިވީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. ޖެހިލި މަޑުމަޑު ވައިރޯޅިއާއެކު އީކްގެ ފަންއިސްތަށިގަނޑު ވިހުރިގެންދިޔައެވެ. ހިމަހިމަ އިނގިލިތަކުން އިސްތަށިތައް އެއްފަރާތްކޮށްލިއިރު އެތުންފަތުގައިވީ ހިނިތުންވުން އިހުނަށްވުރެ ފުންވެފައިވިއެވެ.

އެއްފަރާތުގައިހުރި ބިޔަ ގަހެއްގެ ނިވަލުގައި އެމަންޒަރު ބަލަންހުރި އީވާނަށްވެސް ބޭއިޚުތިޔާރުގައި ހިނިތުންވެވުނެވެ. އެތަނުގައި އޭނާ ހުއްޓިހުންނަތާ ކިތަންމެ އިރެކެވެ. ބެލްކަންޏަށް ކޮންމެވެސް އިރަކުން އީކް ނުކުންނާނޭ އޭނާގެ ހިތް ބުނަމުންދިޔައީތީއެވެ. އީކްގެ ލޮލުގައި އަޅައި ނުގަންނާނެހެން އެގަހާއި ނިވައިވެހުރެ އެއަންހެންކުއްޖާގެ ކޮންމެ ހަރަކާތެއް އީވާން ބަލަމުންދިޔައީ ހިތުގައި އެހުރިހައިކަމެއް ފޮނި ހަނދާންތަކެއްގެ ސިފައިގައި ރައްކާކުރަމުންނެވެ.  އެމައުސޫމު މޫނުމަތީގައިވި ހިނިތުންވުން އީވާންގެ ހިތަށް ޝިފާއަކަށް ފުދުނެވެ. އީކްއަށްޓަކައި އެވަރުގެ ކަމެއްވެސް ކޮށްދެވުމުން އީވާން އުފާވިއެވެ. މޭގައި ފިރުމައިލަމުން ހުރިދިމާލުން ކުޑަކޮށް ބޭރަށް އޭނާ ޖެހިލިއެވެ. އެއްގޮތަކަށްވެސް ކުރެވުނު ކަމަކާއި މެދުގައި ކުޑަވެސް ޚިޔާލެއް ފިކުރެއް ނެތިހުރެއެވެ. އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި ހުރިވަރުން އޭނާއަށް އެކަން އިހުސާސުވެސް ނުވީއެވެ. ވަށައިގެން ބަލަމުންދިޔަ އީކް، ކުއްލިއަކަށް އެއްލިކަޅިއަކުން އެލޮލުގައި، އެއްފަރާތުގައި ހުރި ބިޔަ ގަސްދޮށުގައި ހިނިއައިސްފައި އޭނާއަށް ބަލަންހުރި އީވާން އަޅައިގަތެވެ. ބޯމަތިން ގޮވައިލި ދޫންޏެއްގެ އަޑަށް ސިހިފައި އީވާނަށް ހޭވެރިކަންވީ ކަހަލައެވެ. ބޯމައްޗަށް ނަޒަރެއް ދެމުން އަލުން އީކްހުރި ދިމާލަށް ބަލައިލިއިރު އީކްގެ ބެލުން ސީދާ އަމާޒުވެފައިވީ އޭނާއަށެވެ. ހަތަރުކަޅި ހަމަވީވަގުތު އީވާންގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައީ އިންތިހާއަށެވެ. ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައި އޭނާ ހުރިއިރު ރޯމަހެއް ތެޅޭފަދައިން މޭގައިއޮތް އޭނާގެ ހިތް ތެޅެމުންދިޔައެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

ހިޔާލު

  1. އާބި

    ޥަރަށް ރީތި ވާހަކަ އެއް

  2. ށ

    ޥަރަ ރިތި

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް