ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަލެކާނޯ އަތުން 0-1 އިން ބަލިވި މެޗަށްފަހު، ބާސެލޯނާގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކޮށްފިއެވެ.
މި ސީޒަނުގައި ބާސާގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ރޭގެ މެޗުގެ ނަތީޖާއާއެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެ ޓީމުން މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން އެންމެ 15 ޕޮއިންޓް ލިބިފައިވާއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސާ ވަނީ ދެފަހަރަށް ދަށްވެފައެވެ.
ރޭގެ މެޗަށްފަހު ބާސާއިން ކޯޗު ކޫމަށް ވަކިކުރަން ނިންމީ ބޯޑު މެންބަރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ. އެ ބައްދަލުވުމަށްފަހު ބާސާއިން ނެރުނު ބަޔާނެއްގައި ރޭގެ މެޗުން ބަލިވުމާއެކު، ކޯމަން ވަކިކުރަން ނިންމިކަން އޭނާއަށް އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާ އަންގާފައިވާ ކަމަށެވެ.
ބާސާގެ ކޯޗުކަމުން ކޫމަން ވަކިކޮށްފައި މިވަނީ، އޭނާ އެ މަޤާމުން ވަކިކުރަން ބާސާގެ ގިނަ ސަޕޯޓަރުންތަކެއް ގޮވާލާފައިވަނިކޮށް، ސަޕޯޓަރުންގެ ޕްރެޝަރާއެކު ވެސްމެއެވެ.
ބާސާގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކޫމަން މަގާމު ގެއްލުނީ އޭނާ އެ މަގާމާއި ހަވާލުވިތާ 14 މަސްދުވަހުގެ ތެރޭގައެވެ.



