ޕޯޗުގަލްގެ ތަރި އަދި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނަގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒަށް އެއްބާމަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ދެމީހުންނަށް މި އުފާވެރި ހަބަރު އިއުލާންކުރީ ރޮނާލްޑޯ އޭނަގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އެއާއެކު ފުޓުބޯޅަ ދުނިޔޭގައި ރޮނާލްޑޯ އާއި އެންމެ ވާދަވެރި ކުޅުންތެރިޔާ ލިއޮނެލް މެސީގެ އަތުގައި އޮތް އިންސްޓަގްރަމްގެ ރެކޯޑެއް ރޮނާލްޑޯ މިވަނީ މުގުރާލައިފައެވެ.
ރޮނާލްޑޯ އާއި ޖޯޖީނާއަށް ލިބެން އުޅޭ އެއްމާބަނޑު ދެކުދިންގެ އަލްޓްރާސައުންޑް ސްކޭން ފޮޓޯއެއް ހިފަހައްޓައިގެން ހުރެ އެ ދެމީހުން ނަގައިފައިވާ ފޮޓޯއެއް އިންސްޓަގްރަމްގައި ހިއްސާކޮށް، ދެމީހުންވެސް ބުނެފައިވަނީ، އެއްމާބަނޑު ދެކުދިން ލިބެން އުޅޭތީ ވަރަށް އުފާވެފައި ހުރި ކަމަށެވެ.
ރޮނާލްޑޯގެ މި ފޮޓޯއަށް 29 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، އީ މިހާތަނަށް އިންސްޓަގްރަމްގައި އެތްލީޓެއްގެ ފޮޓޯއަށް އެންމެ ގިނަ ލައިކްސް ލިބިފައިވާ ފޮޓޯއެވެ. މި މަޤާމް މީގެ ކުރިން އޮތީ މެސީ އަތުގައެވެ. އެއީ މެސީ، ކޮޕާ އެމެރިކާ 2021 ގެ ފައިނަލުގައި ބްރެޒިލް ބަލިކޮށް، އާޖެންޓީނާގެ ސީނިއާ ފުޓްބޯޅަ ޓީމާ އެކު ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާއެކު، ތައްޓާއެކު ނަގާފައިވާ ފޮޓޯ އަށެވެ. އެ ފޮޓޯއަށް މިހާރު 21 މިލިއަނަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

މެސީވެސް އެފަހަރު މި ރެކޯޑް މުގުރާލީ، ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހުއެވެ. އެއީ އެއީ މިދިޔަ އަހަރު މަރުވި ފުޓުބޯޅައިގެ ލެޖެންޑް މެރެޑޯނާއަށް ރޮނާލްޑޯ ދިން ޓްރިބިއުޓް ފުޓޯއެވެ.
36 އަހަރުގެ ރޮނާލްޑޯއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭއިރު، އޭނައަކީ މިހާރުވެސް 4 ކުދިންގެ ބައްޕައެކެވެ. އޭގެ ތެރެއިން 11 އަހަރުގެ ދޮށީ ފިރިހެން ދަރިފުޅާއި އަދި 4 އަހަރުގެ އެއްމާބަނޑު ދެ ފިރިހެން ކުދިންނަކީވެސް ސަރެގޭޓް މެދުވެރިކޮށް ހޯދި ދެކުދިންނެވެ. އަދި އެންމެ ހަގު ދަރިފުޅަކީ ލޯބިވެރިޔާ، ޖޯޖީނާއާއެކު ލިބުނު 3 އަހަރުގެ އަންހެން ދަރިފުޅެވެ.




