ކޮވިޑްގެ އާ ވޭރިއަންޓަކީ ކޮންބޮޑުވުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓަށް އޮމިކްރޮންގެ ނަން ދީ، އެ ވޭރިއަންޓަކީ ކަންބޮޑުވުމެއް ކަމުގައި ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި، މިހާތަނަށް ކުރި ދިރާސާތަކުން މި ވޭރިއެންޓުގައި ގިނަ މިއުޓޭޝަންތައް އެކުލެވޭކަން ފެންނަ ކަމަށެވެ. ނަމަވެސް މި ވައިރަސްގެ ނުރައްކަލަކީ ކޮބައިކަން އަދި ކަށަވަރު ނުވާ ކަމަށާއި، އެހެންކަމުން  އިތުރު ދިރާސާތައް ކޮށް، ބަލި ފެތުރޭ ހަލުވި މިންވަރާއި، މި ވޭރިއަންޓުގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިކަމަށް ހަފްތާއެއް ހޭދަވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި ވޭރިއަންޓް ފުރަތަމަ ފެނުނީ ނޮވެމްބަރު 24 ގައި ސައުތު އެފްރިކާއިން ނެވެ. އަދ މިހާރު ބޮޓްސްވާނާ، ބެލްޖިއަމް، ހޮންގްކޮންގް އަދި އިޒުރޭލުން ވެސް މި ވޭރިއަންޓް ފެނިފައިވާ ކަމަށް ކަމާ ބެހޭއިދާރާތަކުން ވަނީ ބުނެފަ އެވެ.

މި އާ ވޭރިއަންޓް ފެނުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ދެކުނު އެފްރިކާއަށް އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ނިންމައިފަ އެެވެ. އެގޮތުން އިނގިރޭސިވިލާތުން ވަނީ، ސައުތު އެފްރިކާ، ނެމީބިއާ، ޒިމްބާބުވޭ، ބޮޓްސްވާނާ، ލެސޮތޯ އަދި އެސްވަޓީނީ އިން ދަތުކުރާ ފަރާތްތަކުގެ ތެރެއިން އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނަށް ނޫނީ އެ ގައުމަށް ވަނުން މަނާކޮށްފަ އެވެ.

އީޔޫއިންވެސް ވަނީ ސައުތު އެފްރިކާ، ބޮޓްސްވާނާ، ޒިމްބާބުވޭ، ނެމީބިއާ، ލެސޮތޯ، އެސްވަޓީނީ، މޮޒަމްބީގު އަދި މަލާވީއިން އަންނަ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ. އަދި އެމެރިކާއިން ވެސް ވަނީ އަންނަ ހޯމަދުވަހުން ފެށިގެން ހަމަ މި ގައުމުތަކާ އެކު ވައިގެ ދަތުރުތައް މެދުކަނޑާލަން ނިންމައިފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ