ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮންގެ އަލާމާތްތަކުގެ އަސަރު އެހާ ސީރިއަސް ނޫންކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް، އެ ވޭރިއަންޓް އެންމެ ފުރަތަމަ ދެނެގަތް ދެކުނު އެފްރިކާގެ ޑޮކްޓަރު ބުނެފިއެވެ.
ދެކުނު އެފްރިކާގެ މެޑިކަލް އެސޯސިއޭޝަންގެ ޗެއާމަންކަންވެސް ކުރައްވާ ޑރ. އެންޖެލީކް ކޮއިޓްޒީ ބުނީ، އޭނާއަށް ކޮވިޑްގެ އާ ވޭރިއަންޓް ފުރަތަމަ ފާހަގަކުރެވިގެން ދެކުނު އެފްރިކާގެ ވެކްސިން އެޑްވައިޒަރީ ކޮމިޓީއަށް އެކަން އެންގީ އޭނާގެ އަމިއްލަ ކްލިނިކުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ކިބައިން، އާއްމުކޮށް ކޮވިޑް ޖެހިފައިވާ މީހުންގެ ފަރާތުން ފެންނަ ފަދަ ކޮވިޑްގެ އަލާމާތްތައް ނުފެންނާތީ ކަމަށެވެ.
ކޮއިޓްޒީ ބުނީ، އެމީހުންގެ ފަރާތުން ފެނުނީ ވަރުބަލިވުމާއި ބޮލުގައި ރިއްސުންފަދަ ކުދި ކުދި އަލާމާތްތައް ކަމަށެވެ. އަދި ކޮވިޑް ޖެހުނު ބައެއް މީހުންގެ ކިބައިން ފެނުނު ރަހަ ނުލުމާއި ވަސް ނުދުވުން ފަދަ ކަންކަން މިވޭރިއަންޓް ޖެހުނު މީހުންގެ ކިބައިން ނުފެންނަ ކަމަށް ޑރ.އެންޖެލިކާ ވިދާޅުވިއެވެ.
ނަމަވެސް ކޮއިޓްޒީ ބުނީ، ކޮވިޑް ބަލިޖެހުމުން ބޮޑުވަރު ވާ މީހުން ނުުވަތަ ހައި ރިސްކް ގެ މީހުންނަށް މި އާ ވޭރިއަންޓުގެ ސަބަބުން ކުރާ އަސަރުގެ ސީރިއަސްކަން ދެނެގަންނަން އަދި ވަގުތު ނަގާނެ ކަމަށް ޑޮކްޓަރު ބުންޏެވެ.
ސައިތު އެފްރިކާއިން މި ކޮވިޑްގެ ވޭރިއަންޓު ފެނުމާއެކު ގިނަ ގައުމުތަކުން ވަނީ ސައުތު އެފްރިކާއަށް އެގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައެވެ. މި ކަމުގެ ސަބަބުން ބައެއް ސިއްހީ މާހިރުންނާއި އަދި ސައުތު އެފްރިކާގެ ހެލްތް މިނިސްޓަރުވެސް ވަނީ މިއީ ރަނގަޅު ނިއްމުމެއް ނޫންކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބޯޑަރު ބަންދުކުރި ގައުމު ތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި، އިޒްރާއިލް އަދި ސިންގަޕޫރުވެސް ހިމެނެ އެވެ. އަދި އެހެން ގައުމުތަކުންވެސް މިހާރު މި އާ ވޭރިއަންޓުގެ ކޭސްތައް ވަނީ ފެނިފައެވެ.




