މޯލްޑިވްސް އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ ސެޕްޓެމްބަރު މަހު 960 ޕާސްޕޯޓު ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު މުޅި ރާއްޖެއިން ޖުމްލަ 3،884 ޕާސްޕޯޓު ދޫކޮށްފައިވެއެވެ.
ގްރޭޓަރ މާލެ ސަރަހައްދުން ދޫކުރި ޕާސްޕޯޓުތަކުގެ ތެރޭގައި މާލެއިން 2،115 ޕާސްޕޯޓާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓާއި، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓާއި، ވިލިމާލެއިން 36 ޕާސްޕޯޓު ހިމެނެއެވެ.
އަތޮޅުތަކުގެ އޮފީސްތަކުން އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ ސ. މަރަދޫއިން ކަމަށްވާއިރު، އެރަށުން 146 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ޕާސްޕޯޓު ދޫކޮށްފައިވަނީ ހދ. ކުޅުދުއްފުށި ސިޓީން ކަމަށްވާއިރު، އެރަށުން 144 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. އަދި ލ. ފޮނަދޫއިން 122 ޕާސްޕޯޓާއި، ގދ. ތިނަދޫ ސިޓީން 111 ޕާސްޕޯޓު ދޫކޮށްފައިވެއެވެ.
މީގެއިތުރުން މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓު ދޫކޮށްފައިވާއިރު، މިދިޔަމަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓުކުރެވިފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ފަށާފައެވެ. މިކަމުގެ ސަބަބުން އަތޮޅުތެރެއިން މާލެއަށް ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރަންޖެހުނު ދަތުރުތައް ވަނީ ނިމުމަކަށް އައިސްފައެވެ.