ސައުދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވަރސިޓީ ފޮރ ސެކިއުރިޓީ ސައިންސަސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން ރާއްޖޭގައި ފިކުރީގޮތުން ހައްދު ފަހަނައެޅުމާއި ޓެރަރިޒަމް ހުއްޓުވުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފެށި މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ފިކުރީގޮތުން ހައްދު ފަހަނައެޅުމާއި ޓެރަރިޒަމް ހުއްޓުވުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ގައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޅެކެވެ.

ތިން ދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީނު ފައްޓަވައި ދެއްވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުއެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ ވާހަކަފުޅުގައި މި ކަމުގެ ބޭނުންތެރިކަމާއި، ފިކުރީގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ހުއްޓުވުމަށް އާ ވިސްނުނަތަކާއި، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައި ލެއްވިއެވެ.

މި ތަމްރީނުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން ދާއިރާތަކުން 62 ބޭފުޅުން ބައިވެރިވެލެއްވިއެވެ.