ކުރުމުއްދަތެއްގައި މިފްކޯ ހަމައަކަށް އެޅޭނެ

މިފްކޯއަށް ދިމާވެފައިވާ ވަސީލަތްތަކުގެ ދަތިކަން ސަރުކާރާއި ގުޅިގެން ކުރިއަށް އޮތް ދެތިން އަހަރުތެރޭގައި ހައްލުކޮށް މިފްކޯ ހަމައަކަށް އަޅުވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ފައުޒީން މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ 60 މިނެޓް ގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ފައުޒީ ވިދާޅުވީ މި ދުވަސްވަރު އުތުރުގައި މަސްވެރިކަން ރަންގަޅު ވެފައިވާތީ ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް މަސްވެރިން ފާދިއްޕޮޅަށް ޖަމާވެފައިވާކަމަށާއި، އެހެން ކަމުން ކޮންމެވެސް ވަރެއްގެ ލަސްކަމަކާއި ދަތިތަކެއް މަސްވެރިންނަށް ދިމާވެފައިވާ ކަމަށެވެ. ފާއިތުވި ދިހަ ވަރަކަށް އަހަރު އުތުރުގެ މަސްވެރިކަން މިވަރަށް ރަނގަޅުވެފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގިނަ އަދަދެއްގެ މަސްވެރިން މިފްކޯއަށް ގިނަ އަދަދުން މަސްކިރަން އަންނާތީ، މިފަދަ ދަނޑިވަޅެއްގައި ފެލިވަރުގައި މަސްގަނެ މަސް ހޭންޑަލް ކުރެވޭނެ ވަޞީލަތްތައް ޤާއިމްކުރެވިފައި ނުވާތީ، ދެކުނުގައި މަސް ގަތުމަށް ހަރަކާތްތެރިވާ މިފްކޯގެ ބޯޓްތައް ފެލިވަރު ބަނދަރުގައި މަސްގަތުމުގައި ހަރަކާތްތެރިވަމުން ދާކަމަށްވެސް ފައުޒީ ވަނީ ވިދާޅުވެފައެވެ.

އެދުވަހެއްގައި ގެންނަމަސް އެދުވަހު ނުކިރޭޓީވެ ވިދިގެން އަންނަ ދުވަހަށް ކިޔުނަންބަރު ދޫކޮށް އެއްވެސް ދޯންޏެއް ދޫކޮށްނުލާ މަސްކިރަމުންދާކަމަށާއި އެގޮތުން ފެލިވަރު ހިމެނޭ ސަރައްދުން ދުވާލަކަށް 200 ޓަނުގެ މަސް ލިބޭ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިންނަށް މިވަގުތު ދަތިތަކެއް ހުރި ކަމުގައިވީނަމަވެސް ކުރިއަށް އޮތްތާނުގައި މަސްވެރިންނަށް އުފާވެރި ޚަބަރުތަކެއް ލިބިގެން ދާނެކަމުގައި ފައުޒީ ވިދަޅުވިއެވެ.

މަހުގެ އަގު މިހާރު ހުރި ގޮތުން ދުވަހުން ދުވަހަށް އަގު ދިނުމުގައި ދަތިތަކެއް ހުރިކަން ވެސް ފައުޒީ ވަނީ ފާހަގަ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ