ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވަފިއެވެ.

އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތައުލީމީ، އަސްކަރީ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި މިގުޅުންތައް އިތުރަށް ފުޅާވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި އެމްބަސީ ރަސްމީކޮށް ހުޅުވުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވަމުންދާކަމުގެ ނިޝާނެއްކަމަށާއި، ބެންކޮކްގައި ހުޅުވުނު މިއެމްބަސީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކޮށް، ތައިލެންޑަށް ޒިޔާރަތްކުރާ އަދި އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް ފުޅާވެގެންދާނެކަމުގައި ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމުގައިވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވާފައި މިވަނީ ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ