ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުންދާކަމަށް ކުއްޖަކު ކިޔައިދޭ އޯޑިއޯ އެއް މީސް މީޑިއާގައި ދައުރުވަމުންދާއިރު މިކަމާއިގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުން ދަނީ ތަހްގީީގު ކުރަމުން ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު މި މައްސަލާގައި ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވި އެވެ.
މީގެ 2 ދުވަސްވަރު ކުރިން މީސް މީޑިއާގައި ދައުރުވާންފެށި މި އޯޑިއޯގައި އެކުއްޖާ ވަނީ އެކުއްޖާގެ ބައްޕަ އެންމެ ފުރަތަމަ އެކުއްޖާއަށް ޖިންސީ ގޯނާ ކުރުމަށް މަސައްކަތްކުރީ ރަށުގެ ފަޅު ގޯއްޗަކަށް ގެންގޮސްކަމަށް އެކުއްޖާ ބުނެއެވެ. އަދި އެ ދުވަހު ކާމިޔާބު ނުވުމުން އެންމެ ފަހުން އެކަން ކުރީ "މަންމަ އާއި ދޮންތަ" މަރާލާނެ ކަމުގެ އިންޒާރު ދީފައި ކަމަށްވެސް އެކުއްޖާ ވަނީ އެ އޯޑިއޯގައި ބުނެފައެވެ.
މިކަން ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގަ އެވެ. އެ ހާދިސާއާ ގުޅޭ އޯޑިއޯގައި އަންހެން ކުއްޖާ އެ ވާހަކަތައް ކިޔައި ދެނީ އާއިލާގެ އެހެން މެމްބަރަކަށެވެ. ނޭނގި ހުއްޓާ ބޮޑުކަމުދެވެން ފެށުނީ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވާން ފެށި ފަހުން ކަމަށް އެ ކުއްޖާ ވަނީ އެ އޯޑިއޯގައި ބުނެފައެވެ.
މިކުއްޖާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.