ހިތުގައިވޭ ތި ނަން (ފުރަތަމަ ބައި)

(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ހަވީރުގެ އެންމެ ހިތްފަސޭހަ ވަގުތެވެ. އަހަރެން އިނީ ހަތަރު އަހަރުގެ ދަރިފުޅު މާއިން ގޮވައިގެން އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައެވެ. އޭރު މާއިން ވެއްޔާ ކުޅުމައިގެން އަވަދިނެތި އުޅެއެވެ. ދަރިފުޅު ލައިގެން ހުރި ރީތި ހެދުން ހަޑިވާކަން އެނގޭއިރުވެސް އަހަރެން އެކަމާ އަޅައެއް ނުލަމެވެ. ސަބަބަކީ މިކަހަލަ ފުރުޞަތެއް ލިބެނީ މަދު ފަހަރަކު ކަމުގައިވާތީއެވެ. ދަރިފުޅު ލިބުނުފަހުން ކޮންމެ އަހަރަކުވެސް ބޮޑު ޗުއްޓީގައި އަހަރެމެން ރާއްޖެތެރޭގެ ކޮންމެވެސް ރަށަކަށް ދަމެވެ. ހުސް އެކަނި ދަރިފުޅުގެ އުފަލަށްޓަކައެއް ނޫނެވެ. އަހަރެމެންގެ ހިތްހަމަޖެހުމަށްޓަކައިވެސްމެއެވެ. ދެމަފިރިން އުޅެންޖެހިފައިވާ އަވަދިނެތި ދިރިއުޅުމުގެ ސަބަބުން ގިނަފަހަރު ދެމީހުން އެކަކު އަނެކަކަށް ދޭންވާ ވަގުތު އޮންނަނީ ނުދެވިފައެވެ. އެހެންކަމުން މިގޮތަށް އަންނަ ދަތުރުތަކުގައި އަހަރެމެން އެބައި ފޫބެއްދޭތޯ ބަލަމެވެ.

ދަރިފުޅު ދުވެދުވެފައި ކުޅެން އުޅޭ މަންޒަރަށް ބަލަން ގެއްލިފައި އިންދާ ކުއްލިއަކަށް އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ގޮނޑުދޮށުގެ ރާޅު ޖަހާ ހިސާބުން ހިނގާފައި ދިޔަ އަންހެން ކުއްޖަކާއި ފިރިހެންކުއްޖަކަށެވެ. ފެންނަފެނުމަށް އެކުދިންގެ އުމުރުން އަދި ވާނީ ފަނަރަ ވަރަކަށް އަހަރެވެ. ދެކުދިން އަތުގުޅުވާލައިގެން ތިބެ ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ހީވާގޮތުން އެއީ ދެ ލޯބިވެރިންނެވެ. ވަށައިގެންވާ މާޙައުލުގައި ހިނގަމުންދާ އެއްވެސް ކަމަކަށް އެކުދިންގެ ފަރުވާލެއް ނެތެވެ. އެމީހުން ތިބީ އެމީހުންގެ އަމިއްލަ ދުނިޔެއެއްގައެވެ. އެއީ އެއް އިރެއްގައި އަހަރެންވެސް ދެކުނު ހުވަފެނެކެވެ. އެންމެ ލޯބިވާ މީހާޔާއެކު ރީތި ގޮނޑުދޮށެއްގެ ރާޅު ޖަހާ ހިސާބުގައި ހިނގާލުމެވެ. ހަނދުވަރުދޭ ރެޔެއްގައި ތުނޑިމަތީގައި ލޯބިވެރިޔާގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ވަޢުދާއި އަހުދުވުމެވެ. އެކަކު އަނެކަކަށް ތަޢުރީފުކޮށް، ހީ ސަމާސާ ކުރުމެވެ. ނަމަވެސް އަހަންނަށް މީހަކާ އިންނަންޖެހުނީ އެ ހުވަފެން ސީދާ ނުވެ އުޅެނިކޮށެވެ. އަހަރެންގެ ފިރިމީހާ މާއިޝްއަކީ އަހަރެން ލޯބިވެގެން އިން މީހެއް ނޫނެވެ. އެއީ މަޖުބޫރުން ކުރެވުނު ކައިވެންޏެއްވެސް ނޫނެވެ. އަހަރެން މާއިޝްއާ އިނީ އަމިއްލަ ރުހުމުގައެވެ. އަހަރެން ލޯބި ނުވި ނަމަވެސް މާއިޝް އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެން އުފަލުގައި ބެހެއްޓޭތޯ މާއިޝް އަބަދުވެސް މަސައްކަތްކުރެއެވެ. މާއިޝްއާ އިންނަން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ އެޔެވެ. އެހެންނަމަވެސް އެކަމުގައި ފޮރުވިފައިވާ އެހެން ސަބަބެއްވެސް އޮތެވެ.

ފުރާވަރުގައި އަހަރެންވެސް ކުއްޖަކު ދެކެ އިންތިހާއަށް ލޯބިވީމެވެ. ނަމަވެސް ތަޤުދީރުގައި އަހަރެންގެ ނަމާއިއެކުގައި ލިޔެވިފައި ވަނީ އެ ނަމެއް ނޫނެވެ. އަހަރެން އޭނާ ދެކެވީ ގޮތް ނޭނގޭ، ފުން، ލޯތްބެކެވެ. އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެންގޮސްފައި ވީނަމަވެސް އެ ލޯބީގެ އިޙުސާސް އަދިވެސް އަހަރެންގެ ހިތުގެ ކަނެއްގައި ފޮރުވިފައި ވެއެވެ. އޭނާއާ އަހަންނާ ބައްދަލުކުރުވީ ތަޤުދީރެވެ. އަދި ވަކި ކުރުވީވެސް ހަމަ އެ ތަޤުދީރެވެ.

އެއީ މީގެ ސާދަ އަހަރު ކުރިއެވެ. އޭރު އަހަރެން އުޅުނީ ރަށު ސްކޫލް ގްރޭޑް އެގާރައިގައެވެ. އެއީ މޯބައިލް ފޯނު އެހާ ޢާންމު ދުވަސްވަރެއް ނޫނެވެ. ގޭގައިވެސް ގެންގުޅެނީ އެންމެ ފޯނެކެވެ. އެއީ ދައްތަގެ ފޯނެކެވެ. ނަމަވެސް އޭގެން އަހަރެމެން އެންމެންވެސް ބޭނުންކުރަމެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން ދައްތަގެ ފޯނުން ގޭމެއް ކުޅެން އޮއްވާ ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. ފޯނަށް އަރާފައި އޮތީ ވަރަށް ދިގު ނަންބަރެކެވެ. އެހެންކަމުން އެއީ ރާއްޖެއިން އަންނަ ކޯލެއް ނޫންކަން އަހަންނަށް އެނގުނެވެ.

"ހަލޯ." ފޯނު ނަގާފައި އަހަރެން ވާހަކަދައްކަން ފެށީމެވެ.

"ހަލޯ. ހާޝިމް އުޅޭތަ؟" އެކޮޅުން އިވުނީ ވަރަށް ބަރު، ފިރިހެންވަންތަ އަޑެކެވެ. ވާހަކަދެއްކީ ދިވެހި ބަހުންނެވެ.

"މިގެޔަކު ނޫޅޭ ތިނަން ކިޔާ މީހެއް." އަހަރެން ޖަވާބު ދިނީމެވެ.

"އެހެންތަ؟ ސޮރީ. އެހެންވިއްޔާ ނުބައި ނަންބަރަކަށް ކަންނޭނގެ މި ގުޅުނީ." އޭނާ ބުންޏެވެ.

"އިޓްސް އޯކޭ." އަހަރެން ރައްދުގައި އެހެން ބުނެލުމަށްފަހު އެކޮޅުން އިތުރަށް ވާހަކަ ނުދެއްކުމުން ފޯނު ބޭއްވީމެވެ.

އޭގެ ފަސްވަރަކަށް މިނެޓްފަހުން ހަމަ އެ ނަންބަރުން ދެން އައީ މެސެޖެކެވެ.

"އަހަރެންގެ ނަމަކީ ހިޒާމް. އަސްލުވެސް ހަމަ އޮޅިގެން ގުޅުނީ. އަހަރެން އުޅެނީ ގްރީސްގަ. މިކޮޅުގަ ވަޒީފާގަ އަހަރެން އުޅެނީ. ތިހާ ހިތްހެޔޮކޮށް ވާހަކަ ދެއްކީމަ ހަމަ މެސެޖްކޮށްލާ ހިތްވީ. ޝުކުރިއްޔާ." މެސެޖް ކިޔާލުމަށްފަހު އަހަރެންވެސް ރައްދުގައި އެއްޗެއް ލިޔެލާ ހިތްވިއެވެ. އެހެންކަމުން އަހަރެންގެ ނަމާ، އުމުރާ، އުޅެނީ ކޮންތާކުކަން އަދި މިއީ ދައްތަގެ ފޯނެއްކަން ހާމަކޮށް މެސެޖެއްގައި ލިޔެފައި އެ ނަންބަރަށް ފޮނުވާލީމެވެ. އަދި އިތުރު މެސެޖެއް އަންނާނެ ކަމަށް އިންތިޒާރުގައި އޮތީމެވެ. އަހަރެން ހީކުރިގޮތަށް އަނެއްކާ މެސެޖެއް އަޔެވެ.

"އަދިވެސް ވަރަށް ވާހަކަދައްކާލާ ހިތްވޭ. މާދަން ހަވީރު ހަތަރާއި ފަހަކާ ދޭތެރޭ ފޯނު ހިފައިގެން ހުންނައްޗޭ. އަހަރެން ގުޅާނަން. ބައި."

ކޮންމެއަކަސް އޭނާގެ ބަސްމަގު ހުރިގޮތުންނާއި، ރީތި އަޑުގެ ސަބަބުން އަހަރެންވެސް އޭނާއާ ވާހަކަ ދައްކާލާ ހިތްވިއެވެ. އޭރު އަހަންނަކީ ފުރާވަރުގެ ކުއްޖެކެވެ. އަހަރެންގެ ގިނަ ރައްޓެހިންގެ ބޯއީ ފްރެންޑް ތިބެއެވެ. ނަމަވެސް އޭރު އަހަރެން ހުރީ ހުސްކޮށެވެ. އެ އުމުރުގެ ގިނަ ކުދިންނެކޭ އެއްފަދައިން އަހަރެންވެސް ޕްރިންސް ޗާރމިންގއަކަށް ދިޔައީ އިންތިޒާރުކުރަމުންނެވެ. އެހެންކަމުން އިއްތިފާޤުން ނަމަވެސް މި ބައްދަލުވި ފަރާތާއިމެދު އަހަރެންގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. އުމުރުގެ ގޮތުން ކަމުގައިވެސް ވެދާނެއެވެ.

ޖެހިގެން އައި ދުވަހު އިރު އެރީއްސުރެ އަހަރެން ހުރީ ގަޑިއަށް ބަލާލަބަލާލައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ހިތް ހުރީ އަވަސްވެފައެވެ. ހިޒާމް ގުޅާނެ ކަމުގެ ޔަޤީންކަމެއްވެސް އޭރު ނެތެވެ. ނަމަވެސް އަހަރެންގެ ހިތް ބުނަމުން ދިޔައީ އޭނާ ދޮގު ނުހަދާނެކަމުގައެވެ. ހަވީރު ހަމަ ހަތަރެއް ޖެހުމާއެކު ފޯނު ހިފައިގެން އަހަރެން ކޮޓަރިއަށް ވަނީމެވެ. އަދި އެނދުގައި ހަމަޖެހިލުމަށްފަހު ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އޮތީމެވެ. ނަމަވެސް ބައިގަޑިއިރު ވެގެންދިޔައިރުވެސް ހިޒާމްގެ އިޝާރާތެއް ނުވިއެވެ. އެހެންކަމުން އަހަރެން ކުޑަކޮށް މާޔޫސްވާގޮތްވިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

3 Responses

  1. Hishamath

    Haadha kurey

  2. Haikal

    Vaahaka maa kureee

  3. ފާތުމަ

    ލިޔުންތަކުގައި އަކުރުތައް އެކުވެފައި ހުންނާތީ ކިޔަން ވަރަށް އުނދަގޫ… މިކަން ރަނގަޅު ކޮށް ދީބަލަ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ