ބަހަންދިން ކަދުރު ނުލިބޭކަމުގެ ސަކުވާއަށް މަޙްލޫފް ރައްދު ދެއްވައިފި

ބަހަންދިން ކަދުރު ނުލިބޭކަމުގެ ސަކުވާއަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ރައްދު ދެއްވައިފި އެވެ.

ސައުދީއަރަބިއްޔާ ގެ ސަރުކާރުން ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ދިވެހިރާއްޖެ އަށް ހަދިޔާކުރި ކަދުރު މިފަހަރު ބަހާފައިވަނީ ޔޫތު މިނިސްޓްރީގެ ވޮލިންޓިއަރުންގެ ޓީމަކުންނެވެ.

ރޭގައި މިނިސްޓަރ މަޙްލޫފް ވަނީ އިސްލާމިކް މިނިސްޓްރީއިން ހަވާލުކުރި އެންމެ ނިކަމެތިންގެ ލިސްޓަށް ކަދުރު ބަހާނިމިފައިވާ ކަމަށާއި އަދި މިކަދުރު ބަހާފައިވަނީ ސައުދި އަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކަދުރުގެ ގޮތުގައި ކަމަށް ވިދާޅުވެ ޓްވީޓެއް ކޮށްފައެވެ.

"ސައުދީ އިން ފޮނުވި ކަދުރު ބަހާ ނިމުނުއިރު ގިނަބަޔަކަށް ނުލިބޭ ކަމުގެ ސަކުވާ" މި ސުރުހީގެ ދަށުން ދިޔަރެސް އޮންލައިން އިން ލިޔެފައިވާ ހަބަރަކަށް ރައްދު ދެއްވަމުން މަޙްލޫފު ވިދާޅުވެފައިވަނީ ކަދުރު ބަހަން ހަވާލުކުރީ މާލޭގެ ފަގީރުންގެ ލިސްޓަށް ކަމަށާއި އެއީ 436 ގޭބިސީ ކަމަށެވެ. އެއީ ރޯގާގެ ސަބަބުން އެހީވުމަށް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފު އިތުރަށް ވިދާޅުވީ އާއްމު އުސޫލަކީ އައިޑީ ކާޑު ހިފައިގެން ދިޔައީމާ ކަދުރު ދޫކުރުން ކަމަށާއި ނަމަވެސް ރޯގާގެ ސަބަބުން އެކަން މިވަގުތު ވާކަށް ނެތް ކަމަށެވެ. ކައުންސިލްތަކާއި އެކީ ރައްޔިތުންނަށްވީ ކަދުރު ހަވާލުކުރުމަށް މަސައްކަތްކުރަމުން ދާކަމަށްވެސް މަޙްލޫފު ވިދާޅުވިއެވެ.

ސައުދީން މިއަހަރުގެ ރަމަޟާންމަހާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށްޓަކައި ފޮނުވީ ކިހާ އަދަދެއްގެ ކަދުރެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން މިފަހަރު ކަދުރު ބެހުމަށް ނިންމައިފައިވަނީ ފަގީރުންގެ ގޮތުގައި މިިދިޔަ އަހަރު ރަޖިސްޓަރީ ވެފައި ތިބި ފަގީރުންގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުންނެވެ. ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ