ލޮކްޑައުންގެ އަމުރާ ޚިލާފުވި 13 މީހަކު ހައްޔަރުކޮށް 177 މީހުން ޖޫރިމަނާކޮށްފި

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން އިއްޔެވެސް ގިނަ ބަޔަކު ހައްޔަރުކޮށް އެތައް ބަޔަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ، އިއްޔެ އެކަނިވެސް ލޮކްޑައުންގެ އަމުރާ ޚިލާފުވި 13 މީހަކު ހައްޔަރުކޮށް، 177 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެއިން ހައްޔަރުކުރި 12 މީހުންނާއި ހުޅުމާލެއިން ހައްޔަރުކުރި މީހެއް ކަމަށާއި، ޖޫރިމަނާ ކޮށްފައިވަނީ މާލެއިން 159 މީހުންގެ އިތުރުން ހުޅުމާލެއިން 17 އަދި ވިލިމާލެއިން މީހަކު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން މިހާތަނަށް ޖުމްލަ 153 މީހުން ހައްޔަރުކޮށް، 2674 މީހަކު ޖޫރިމަނާ ކުރެވިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ޖޫރިމަނާކޮށްފައިވާ 2674 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާކުރެވުނު 2289 މީހުންނާއި، ހުޅުމާލެއިން 322 މީހުން އަދި ވިލިމާލެއިން ޖޫރިމަނާކުރެވުނު 63 މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން ހައްޔަރުކޮށްފައިވާ 153 މީހުންގެ ތެރޭގައި ހިމެމެނީ މާލެއިން ހައްޔަރުކުރި 144 މީހުންގެ އިތުރުން ހުޅުމާލެއިން ހައްޔަރުކުރި 9 މީހުންނެވެ.

ލޮކްޑައުންގެ އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ހައްޔަރު ކުރަމުން ދިޔަ ނަމަވެސް، އަމުރާ ޚިލާފުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ނަަމަވެސް މިއީ މި ބަލިން ސަލާމަތްވުމަށް އެތައް ބަޔަކު ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ