ޑިމޮކްރަސީ އިން ލިބޭ އެންމެ ބޮޑު ފިލާވަޅާކީ، ކުއްކުރުމާއި ޖަރީމާ ހިންގުމުގެ ލައިސެންސް ވަކި ބަޔަކަށް ލިބުން ކަމުގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
ޢަލީ ރަމީޒު މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޑިމޮކްރަސީގެ ބާޠިލް ނިޒާމުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކުއްކުރުމާއި ޖަރީމާ ހިންގުމުގެ ލައިސެންސް ވަކި ބަޔަކަށް ލިބިގެންވާ ކަމެވެ. "އެ ބުނާ ޤާނޫނުގެ ދިގު އަތް އެމީހުންނާއި ހަމައަށް ނުފޯރާނެކަން" ޢަލީ ރަމީޒްގެ ޓްވީޓްގައި ބުނެފައިވެއެވެ.
އަލީ ރަމީޒް މި ޓްވީޓް އިޝާރާތް ކުރައްވާފައި އެވަނީ ސިދާ ކޮންކަމަކަށް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން ވަނީ ހުޅުމާލޭގައި ޓުވަރިސްޓުންތަކަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ބަޔަކު ދޫކޮށްލި މައްސަލަ އެއް ފެންމަތިވެފައެވެ. އެމީހުން ދޫކޮށްލާފައި ވަނީ ޕީޖީ އޮފީހުން، ފުލުހުންގެ ތަހުގީގައް ހޯދާފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗައް ދައުވާކުރެވެންނެތްކަމަށް ނިންމުމާއި ގުޅިގެން ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝާހީމް ޢަލީ ސައީދުވެސް ވަނީ އެ މީހުން ދޫކޮށްލީ ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެ ރާވައިގެން ކަމުގައި ތުހުމަތު ކުރައްވާފައެވެ.




