ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ވާރޗުއަލް ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މިބައްދަލުވުމުމަކީ، ދިވެހިރާއްޖެ ކޮމަންވެލްތާއި ގުޅުމަށްފަހު ދިވެހިރާއްޖެއިން ބައިވެރިވެ ވަޑައިގަންގަވާ ފުރަތަމަ ބައްދަލުވުމެވެ. އަދި މިބައްދަލުވުމަކީ ކޮމަންވެލްތްގެ ހެލްތް މިނިސްޓަރުން ފުރަތަމަ ފަހަރަށް ވާރޗުއަލްކޮށްބާއްވާ ބައްދަލުވުމެވެ. މިއަދުގެ ބައްދަލުވުމުގައި ދުނިޔޭގެ ކޮމަންވެލްތް 57 މެންބަރު ޤައުމުގެ ތެރެއިން 27 ޤައުމެއްގެ ހެލްތް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާއްމުގޮތެއްގައި ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބޭއްވޭ ވޯލްޑް ހެލްތް އެސެމްބްލީގެ ކުރިން ޖެނީވާގައި ބާއްވާ ބައްދަލުވުމެކެވެ. އެހެނަސް މިފަހަރު ކަންދިމާކުރިގޮތުން، މިބައްދަލުވުމުގައި ޤައުމުތަކުން ބައިވެރިވެ ވަޑައިގެންނެވީ އެބޭފުޅެއްގެ އަމިއްލަ ޤައުމުން ވާރޗުއަލްކޮށެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް އޮނަރަބަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވާހަކަފުޅުދައްވަކަވުމުން މިވަގުތަކީ ހުރިހާ ޤައުމުތަކުންވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ހަމައެހެންމެ ފްރަންޓްލައިންގައި މަސައްކަތްކުރުމުގެ ތެރޭގައި މި ދުނިޔެދޫކޮށްދިޔަ ފަރާތްތަކުގެ ހަނދާނުގައި 1 މިނެޓްގެ ސުކޫތެއް ގެނެވުނެވެ.
މިބައްދަލުވުމުގައި ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއާސަސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި ޕްރައިމަރީ ހެލްތް ކެއާރއަށް ޤައުމުތަކުން ދެއްވާ އަހަމިއްޔަތު މިއަށްވުރެ ބޮޑަށް ހަރުދަނާކުރައްވަން ޖެހިއްޖެކަމަށް ވިދާޅުވެ، ޤައުމުތަކުން ޕަބްލިކް ހެލްތްގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތަށް ދެމެހެއްޓޭނޭގޮތަށް ކަންކަން ބައްޓަންކުރައްވައި، މިކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް އޮނަރަބަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވި ވާހަކަތަކަށް އަލިއަޅުވާލައްވައި، މިދަނޑިވަޅަކީ، ޤަޢުމުތަކުގެ މެދުގައި ގުޅުން ހަރުދަނާކުރުމަށް ބާރުއަޅަންޖެހޭ ވަގުތެއްކަމާއި އަދި ހަމައެހެންމެ، ޤައުމުތަކުގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ނައްތާލައި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހިފައިވާ ވަގުތެއްކަން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމް "Delivering a coordinated commonwealth COVID-19 response " އާ ގުޅުވައިގެން މިނިސްޓަރ އަބްދުﷲ އަމީން ވާހަކަފުޅު ދެއްވެވިއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމަންވެލްތް ޤަޢުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންނާ މިދަނޑިވަޅުގައި ބައްދަލުކުރުމަށް ލިބިވަޑައިގެންނެވީތީ އުފާވާކަމަށް ވިދާޅުވެ، މިބައްދަލުވުން އިންތިޒާމްކޮށްދެއްވިކަމަށްޓަކައި ޗެއާރކުރެއްވި ގެމްބިއާގެ ހެލްތް މިނިސްޓަރަށް ޝުކުރުއަދާކުރެއްވިއެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ކޮމަންވެލްތް މެމްބަރ ޤައުމުތަކުން ގުޅިގެން ކޯވިޑް-19އަށް ހައްލުހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަމަށްޓަކައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ގޮވައިލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މީސްކޮޅު ނިސްބަތުން މަދުނަމަވެސް ރަށްތަށް ބެހިފައި ހުންނަގޮތުން ތަފާތު ގޮންޖެހުންތަކެއް ދިމާވާކަން ފާހަގަކޮށް، ދިވެހިރާއްޖޭއިންވެސް މިކަމަށް ހައްލުހޯދުމަށް އެހެން ޤައުމުތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދެގަޑި އިރެއްހާއިރަށް ކުރިއަށްދިޔަ މިބައްދަލުވުން ނިމިގެންދިޔައީ، ޤަޢުމުތަކުގެ ހެލްތް މިނިސްޓަރުން އެއްބަސްވާ އެއްބަސްވުމެއް ހުށަހަޅާފައެވެ. މިއެއްބަސްވުމުގައި ކޯވިޑް-19އާ ގުޅިގެން ޤަމުމުތަކުން ކުރަމުންދާ މަސައްކަތާބެހޭ މަޢުލޫމާތު ބަދަލުކުރުމާއި، ކޯވިޑް-19އާއި ގުޅިގެން ވަލްނަރަބަލް ގްރޫޕްސްތަކަށް އިތުރު އަޅާލުން ފޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ދިގުމުއްދަތަށް ބޭސްކުރަމުންދާ އެކިއެކި ފަރާތްތަކަށް އިތުރު ސަލާމުކަމެއް ދިނުމަށް އަލިއަޅުވާލާފައި ވެއެވެ. ޑަބްލިޔު. އެޗް.އޯ އިން ކޯވިޑް-19ގައި ފޯރުކޮށްދެއްވަމުންގެންދަވާ ޓެކްނިކަލް ގައިޑަންސް ފާހަގަކޮށް، މަލްޓި ސެކްޓޯރަލް އެޕްރޯޗެއްގައި މަސައްކަތް ކުރުން މުހިއްކަން ފާހަގަކުރައްވައި ޤައުމުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ފޯރުކޮށްދެވޭނެގޮތަށް ކަންކަން މަގުފަހިކޮށްދިނުމަށް ހުށަހަޅާފައިވެއެވެ.
ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އެންމެފަހުން ބައިވެރިވެ ވަޑައިގެންނެވީ 2016ގައި ޖެނީވާއިގައި ބޭއްވުނު ބައްދަލުވުމުގައެވެ.



