(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)
އެ ގޭގައި އުޅެނީ ބޭބެއާއި، ބޭބެގެ އަންހެނުން އަދި އޭނާ ކަމުގައި ހިޒާމް ބުންޏެވެ. އަހަރެންގެ ޢާއިލާއާ ހިޒާމް ބައްދަލުކޮށްފައިވާތީ އަހަރެންވެސް ހުރީ ހިޒާމްގެ ޢާއިލާއާ ބައްދަލުކުރާ ހިތުންނެވެ. ނަމަވެސް އެ ގެއަށް ވަދެވުނު އިރު އެ ގޭގައި ރަސްކަންކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ. އެކަމާ އަހަރެން ސުވާލުކުރުމުން އެވަގުތު ގޭގައި އެއްވެސް މީހަކު ނޫޅޭކަމުގައި ހިޒާމް ބުންޏެވެ.
އިތުރު މީހަކު ގޭގައި ނެތުމުން ހިޒާމްގެ ކޮޓަރިއަށް ވަންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހިޒާމްވެސް އެކަމަށް ބާރެއް ނާޅައެވެ. އެހެންކަމުން އަހަރެމެން މަޑުކުރީ ސިޓިންގ ރޫމްގައެވެ. އެކައުންޓްސް އިން ހިޒާމްއަށް އޮޅުންއަރާ ތަންތަނުން ސުވާލު ކުރުމުން އަހަންނަށް އިނގޭ މިންވަރަށް ބުނެދިނީމެވެ. އެއަށްފަހު ދެން ދިރިއުޅުމުގެ އެކި ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
"ޝެލީ ތީ އަސްލު ވަރަށް ރަނގަޅު ކުއްޖެއް. އަހަރެން ވަރަށް އުފާވޭ ތިފަދަ ރައްޓެއްސެއް ހުންނާތީ." ވާހަކައިގެ މެދުތެރެއިން ހިޒާމް ބުނެލިއެވެ.
" އެހެންތަ؟ ތެންކްސް." ހިނިތުންވެލާފައި އަހަރެން ބުނެލީމެވެ. އަހަންނާމެދު ހިޒާމް ދެކޭގޮތް ހާމަކުރުމުން ވަރަށް އުފާވިއެވެ.
"ޝެލީ ބޭނުންވޭތަ ވަރަށް އަވަހަށް މެރީކޮށްގެން ދިރިއުޅުމެއް ފަށަން؟" މަޑުމަޑުން އަހަރެން ބޭނުންވާ މިސްރާބަށް މަޢުޟޫ ދާންފެށިއެވެ.
"އާނ. މިހާރު މިވަގުތުވެސް ބޭނުން މެރީކުރަން." އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ.
"އެކަމަކު އަހަރެން އަދި އެހާ އަވަހަށް މީހަކާ އިންނަ ޚިޔާލެއް ނުކުރަން. އެއްވެސް ކުއްޖަކާއެކު ސީރިއަސް ރިލޭޝަންއެއްގަ އުޅޭކަށްވެސް އަދި ބޭނުމެއްނޫން. މިހާރު އަހަރެންގެ މެއިން ޓާގެޓަކީ ކިޔަވައިގެން ކެރިއަރ ބިލްޑްކުރުން. މެރީކުރަން ވިސްނާނީވެސް އޭގެ ފަހުން. އެހެންވީމަ އަދި ބަލަމާ ފަސް ވަރަކަށް އަހަރު ވެދާނެކަމަށް." އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ހިޒާމް ރާވާފައިވާ ގޮތް ހިއްސާކުރަމުން ދިޔައެވެ.
އެވަގުތު އަހަރެންގެ ހިތުގައި އަޅަމުން ދިޔަ ވޭން ހިޒާމަށް އަންދާޒާވެސް ކޮށްނުލެވޭނެއެވެ. މިއޮއްހާ ދުވަހު އަހަންނަށް ހީވެފައި އޮތީ އަހަރެން ފަދައިން ހިޒާމްވެސް އަހަންނާމެދު ރަޙުމަތްތެރިއަކަށްވުރެ ގާތްކޮށް ދެކޭކަމުގައެވެ. ނަމަވެސް އެއީ ކުށް ހީ އެއްކަން މި އެނގުނީ އަދި ކިރިޔާއެވެ. ނުވާން އޮތް ކަމަކަށް އިންތިޒާރުކޮށް ޙަޔާތުން ނަގާ މިލެވުނީ ބޭކާރު ދުވަސްތަކެކެވެ. ހިތަށްވީ އުނދަގުލުން ވަގުތުން އެތަނުން ދާން ބޭނުންވިއެވެ.
"އެގާރަ ޖެހީ ދޯ. މިހާރު ވަރަށް ލަސްވެއްޖެ. ދެން ދަނީ އިނގޭ." ގަޑިއަށް ބަލާލުމަށްފަހު އަހަރެން ތެދުވީމެވެ. އަހަރެން ހީކުރީ ހިޒާމް އަހަރެން ގެއަށް ލައިދޭން ދާނެކަމުގައެވެ. ނަމަވެސް އެންމެ ކުޑަމިނުން އެކުގައި ދާންވީތޯވެސް އަހާނުލައެވެ. ވީ ދެރައިން ގެއަށް ދިޔަ މަގުމަތީގައި އަހަންނަށް ރޮވުނެވެ. ހިޒާމްގެ ފަރާތުން ފެހި ސިގްނަލެއް ލިބޭތޯ ހާދަ ދުވަހަކު އަހަންނަށް އިންތިޒާރުކުރެވިއްޖެއެވެ. ނަމަވެސް އޭނާގެ ނަޒަރުގައި އަހަރެންނަކީ ހަމައެކަނި ރަޙުމަތްތެރިއެކެވެ.
އެދުވަސްވަރު އަހަރެން ދިޔައީ ވަޒީފާއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އިންޓަވިޔުކޮށްފައިވާ ތަނަކުން، ޖެހިގެން އައި ހަފްތާގައި ވަޒީފާ ހަމަޖެހުނުކަން އެއީ ހަމަ ނަސީބެކޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ ހިޒާމް ކަންތައްކުރިގޮތާމެދު ވިސްނާ ވިސްނާ އަހަރެން މޮޔަވީހެވެ. ނަމަވެސް އެކަމުގައި އަހަރެން އޭނާ ކުށްވެރިއެއް ނުކުރަމެވެ. ހިޒާމްގެ ފަރާތުން އިތުރު ގުޅުމަކަށް އެދިގެން އިންތިޒާރުކުރީ ޚުދު އަހަރެންނެވެ. އޭނާއަށް އެކަން ނުވެސް އެނގޭނެއެވެ. އެހެންކަމުން ހިޒާމްގެ ޚިޔާލުތަކާ ދުރަށް ދިއުމަށްޓަކައި އަހަރެން އޭނާއާ ފޯނުން ގުޅުން ހުއްޓާލީމެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އޭނާ ގުޅައެވެ. އެކަމަކު އަހަރެން މާ ގިނަ ވާހަކައެއް ނުދައްކަމެވެ. ވާހަކަ ދެއްކި ވަރަކަށް ހިތުގައިވާ ޒަޚަމްތައް އިތުރަށް ފުންވުން ނޫންކަމެއް ނުވާނެތީއެވެ.
ވަޒީފާއަށް ނުކުތުމާއެކު އަހަންނަށް އައު ރައްޓެހިން ލިބެން ފެށިއެވެ. ދުނިޔޭގެ މާޙައުލަށް ރަނގަޅަށް ލޯ ހުޅުވެންފެށީ އެހިސާބުންނެވެ. އަހަންނާ މާއިޝް ބައްދަލުވީ އެދުވަސްވަރެވެ. އެންމެ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެންވެސް މާއިޝް އަހަންނާމެދު ޚާއްޞަ ގޮތެއް ބަހައްޓާކަން ފާހަގަކުރެވުނެވެ. އަހަންނަށް ކަމުދަނީ ކޮން ކަންތައްތަކެއްތޯ ބަލާ އެކަމެއް ކޮށްދެވޭތޯ އޭނާ ބަލައެވެ. އެންމެ ފަހުން ގަޔާވާކަންވެސް މާއިޝް ހާމަކުރިއެވެ. ތިމާ ލޯބިވާ މީހާއަށްވުރެ ތިމާދެކެ ލޯބިވާ މީހަކާއެކު ގިނަ ދުވަހު އުޅެވޭނެއޭ މީހުން ބުނާތީ އަހަމެވެ. އެހެންކަމުން ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު އެންމެފަހުން އަހަރެން މާއިޝްގެ ހުށަހެޅުން ޤަބޫލުކުރީމެވެ. މާއިޝް އަހަންނާ ހެދި އުޅޭ ގޮތަށް އުޅޭނެ އިތުރު މީހަކު ދެން ނުވާނެއޭ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އެވަރުންވެސް މާއިޝްގެ ކިބައިން އަހަރެން ހޯދޭތޯ ބެލީ ހިޒާމްގެ ސިފަތަކެވެ. އެ ރީތި ހިނިތުންވުމެވެ. ވާހަކަދައްކާއިރު އަޑުގައިހުންނަ އޯގާތެރިކަމެވެ. ބަލާލާ ލޯބިވެތި ގޮތެވެ. ނަމަވެސް ދުވަސްވީވަރަކަށް އަހަރެންގެ ސިކުނޑި ދިޔައީ އެއީ ނުވާނެކަމެއްކަން ހިތަށް ވިސްނައިދެވޭތޯ މަސައްކަތްކުރަމުންނެވެ.
ދެއަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކައިވެންޏާ ހަމައަށް ދިއުމަށް އަހަރެމެން ނިންމީމެވެ. އެ ގުޅުން އެހިސާބަށް ގެންދެވުނީ މާއިޝް އަހަރެންދެކެވާ އިންތިހާ ލޯބީގެ ސަބަބުންނެވެ. ނަމަވެސް އޭރުވެސް އަހަރެންގެ ހިތުން ލޯތްބާ ގުޅުވިފައިވަނީ ހިޒާމްގެ ނަމެވެ.
ކުރިންވެސް ބުނި ފަދައިން ހިޒާމް ދޭތެރެ ދޭތެރެއިން ގުޅައެވެ. ނަމަވެސް އަހަރެންގެ ޙަޔާތުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް ހިއްސާއެއް ނުކުރަމެވެ.
ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔަ ދުވަސްވަރު ހިޒާމްގެ ކޯލުތައް އައުން އިތުރުވިއެވެ. ދުވާލަކު އެއް ފަހަރު ކަހަލަ ގޮތަކަށް ގުޅަންފެށިއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އޭރުވެސް އަހަރެން ހުރީ ހިޒާމްގެ ލޯތްބަށް އެދި ފެން ބޮވައިގަނެފައެވެ.
ކައިވެނިކުރަން މަހަކަށް ވެފައިވަނިކޮށް އެއްދުވަހަކު ހިޒާމް ގުޅާފައި ރޭގަނޑުގެ ކެއުމަށް ދަޢުވަތު ދިނެވެ. ކުރިއެކޭވެސް އެއްފަދައިން އަހަރެން ވަގުތުން އެއްބަސްވީމެވެ. އެއީ ރަނގަޅު ފާލެކޭ ހިތައެވެ. ސަބަބަކީ އޭރުވެސް އަހަރެން ޒަވާޖީ ޙަޔާތެއް ފަށަން އެންމެ ބޭނުންވާ ފަރާތަކީ އެއީއެވެ.
އެއްބަސްވިގޮތަށް އެރޭ އަހަރެމެން ބައްދަލުކުރީމެވެ. އޭރު ހިޒާމްގެ ދިރިއުޅުން ގޮސްފައިވާ ހިސާބު ވަރަށް ތަފްޞީލުކޮށް އެރޭ ކިޔައިދިނެވެ. ނަމަވެސް އަހަރެންގެ އެއްވެސް ވާހަކައެއް ކިޔައެއްނުދެމެވެ. ސަބަބަކީ ހިޒާމް ދެއްކި އެއްވެސް ވާހަކަޔަކުން އޭރުވެސް އޭނާ އަހަންނާމެދު ދެކޭގޮތް ބަދަލުވެފައިވާ ކަމުގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ.
ޖެހިގެން އައި ހަފްތާވެސް ހިޒާމްގެ އެދުމުގެ މަތިން އަހަރެން އޭނާއާ ބައްދަލުކުރީމެވެ. ކުރީ ރެއަށްވުރެ ޒާތީ ވާހަކަ އެރޭ އޭނާ ދެއްކިއެވެ. އަހަރެންނަށް އޭނާގެ ކިބައިން އެންމެ ކަމުދަނީ ކޮންކަމެއްތޯއާއި، ކަމުނުދަނީ ކޮންކަމެއްތޯ އެހިއެވެ. އެހިސާބުން އަނެއްކާވެސް އަހަރެންގެ ހިތުގައި އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. ހިޒާމް ދެއްކި ވާހަކައިން އޭނާ އަހަންނާމެދު އަޅާލާކަން ހާމަވިއެވެ. ނަމަވެސް އެކަން ދުލުން ހާމަ ކުރަން ފަސްޖެހެނީ ކީއްވެކަމެއް ނުވިސްނުނެވެ. އޭރު މާއިޝްއާ އަހަރެންގެ ގުޅުން ކޮންމެ ހިސާބެއްގައި އޮތް ނަމަވެސް، ހިޒާމް ބޭނުންކަމުގައިވާނަމަ އަހަރެން ހުރީ އޭނާ ކައިރިއަށް ދާން ތައްޔާރަށެވެ. ނަމަވެސް އެރޭވެސް އޭނާ ވަކިވެގެން ދިޔައީ އަހަރެންގެ ހިތް ރޮއްވާފައެވެ. އަހަރެން ހިޒާމް މަތިން ހަނދާން ނައްތާލަން މަސައްކަތްކުރާ ކޮންމެ ފަހަރަކު އޭނާ އަހަރެންގެ ޙަޔާތަށް އަނބުރާ އަންނަނީ ކީއްވެބާއެވެ؟ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އަނިޔާ ދީފައި ދިޔަކަމުގައި ވީނަމަވެސް އަނެއްކާ އަންނައިރަށް އަހަންނަށް މަރުޙަބާ ކިޔެއެވެ. ހިތަކީ ހާދަ ބަސްނާހާ އެއްޗެކެވެ.
ކައިވެންޏަށް ހަފްތާއަކަށް ވީއިރު އަނެއްކާ ހިޒާމްގެ ކޯލުތައް އައުން އެއްކޮށްހެން ހުއްޓުނެވެ. އެހެންކަމުން ހިޒާމް ގެ ފަރާތުން ލޯބި ލިބޭނެކަމުގެ އުންމީދުކުރުން އަހަރެން މުޅިން ހުއްޓާލީމެވެ. ނަމަވެސް އެހެން ހުއްޓާ އަނެއްކާ އެއްދުވަހަކު އޭނާ ގުޅިއެވެ.
"ޝެލީ ތިއުޅެނީ މެރީ ކުރަންދޯ؟" އަހަރެން ނުބުނަނީސް އޭނާއަށް އެނގުމުން ކުޑަކޮށް ސިހުނެވެ.
"އާނ." ވަރަށް ނުބުނަން ހުރެފައި އަހަރެން ޖަވާބު ދިނީމެވެ.
"ކޮންގްރެޓްސް." އަބަދުވެސް ފޯރިއާއި ޖޯޝުގައި ވާހަކަދައްކާ މީހާގެ އަޑުން ފުރަތަމަ ފަހަރަށް މާޔޫސްކަމާއި ވޭނުގެ އަސަރު ފާހަގަކުރެވުނެވެ. އެވަގުތު އަހަރެންގެ ހިތްވެސް ރޯލިއެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ.
"ތެންކްސް. އިންވިޓޭޝަން ކާރޑް ގެންދާނަން. އަންނަންވާނެ އިނގޭ." އަހަރެން ބުނެލީމެވެ.
"ހޫމްމްމް." އެހިސާބަށް ބުނެލުމަށްފަހު އޭނާ ފޯނު ކަނޑާލިއެވެ. އެއީ ދުވަހަކު ހިޒާމް ވާހަކަދެއްކި ގޮތެއް ނޫނެވެ. ހިޒާމްގެ ހިތުގައި އަހަންނަށް ޚާއްޞަ ޖާގައެއް ދެވިފައިވާނަމަ އެކަން ހާމަ ނުކުރަން އެއުޅެނީ ކީއްވެބާއެވެ؟ ބޭޒާރުވާން ބޭނުންނުވާތީ އަހަރެންވެސް އިތުރަށް އެކަން އޮޅުންފިލުވާކަށް ނޫޅެމެވެ. ކައިވެނީގެ ކާރޑު ދޭން ދިޔަ ދުވަހު އަހަންނާ ބައްދަލުކުރީ މުޅިން އެހެން ހިޒާމެކެވެ. މޫނުމަތިން ފާޅުވީ މާޔޫސްކަމެވެ. މާގިނަ ވާހަކައެއްވެސް ނުދައްކައެވެ. ހަމައެކަނި ބުނިހާވެސް އެއްޗަކީ އަބަދުވެސް އުފަލުގައި އުޅުމަށެވެ.
ކައިވެނީގެ ޙަފްލާއަށް ހިޒާމް އައެވެ. ކުރިން އޭނާގެ ލޮލުން ނުފެންނަ ވޭނީ އިޙުސާސެއް އެރޭ އަހަންނަށް ފާހަގަކުރެވުނެވެ. އަހަރެން މާއިޝްއަށް ހިޒާމް ތަޢާރަފްކޮށްދިނީ ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައެވެ. ޕާޓީގައި މާ ގިނައިރު ހިޒާމް މަޑެއް ނުކުރެއެވެ. ގެނައި ހަދިޔާ ހަވާލުކޮށްފައި ކާއެއްޗެއްވެސް ނުކައި އޭނާ ނުކުމެގެން ދިޔައީއެވެ. ލޯ ކުރިމަތީގައި އެ ހުރިހާ ކަމެއް ހިނގާ ދިޔުމުން އެންމެ ފަހުން ލަދު ކަނޑާލާފައި ހިޒާމްގެ ހިތުގައި އޮތް އެއްޗެއް އޮޅުން ފިލުވަން އަހަރެން މަސައްކަތްކުރީމެވެ.
"މިހާރު ދެން ތިއީ ބޭކާރުކަމެއްނު. ޝެލީ ތިއުޅޭ އުފާވެރި ދިރިއުޅުން ހަލާކުކޮށްލާކަށް އަހަރެން ބޭނުމެއްނޫން. ދެން ކުރިން ގުޅިހެން ގުޅާ ނުހެދޭނެ. ފިރިމީހާ ހިތްހަމަނުޖެހިދާނެ." ހިޒާމްގެ ދުލުން ސީދާ ނުބުނި ނަމަވެސް އެ ހިތުގައި އަހަންނަށްޓަކައި ޚާއްޞަ ޖާގައެއް އޮތްކަން އެދުވަހު އެނގުނެވެ. ނަމަވެސް އޭނާ އެކަމަށް އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ.
-------------------------------------------------------------------------------------------------------------------------------
"މަންމީ ބަލާބަލަ! މިއޮތީ ބިގް ބިގް ޝެލްއެއް." މާޒީގެ ޚިޔާލުތަކުން އަހަންނަށް ނުކުމެވުނީ ދަރިފުޅުގެ އަޑަށެވެ. އޭރު ހުރީ އިރުއޮއްސެން ވަރަށް ކައިރިވެފައެވެ. އެހެންކަމުން ދަރިފުޅު ގޮވައިގެން ގެއަށް ދިއުމަށްޓަކައި އަވަސްވެގަތީމެވެ.
ހިޒާމްއާ އެކުގައި ނުވެވުނު ނަމަވެސް މިހާރު އަހަރެން އުޅެމުން މިދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. މިއީ އަހަރެން އެންމެ ދެކެން ބޭނުންވި ދުވަހެވެ. ލޯބިވާ ފިރިޔަކާއި އުނގު ފަޅުފިލުވާލާނެ ދަރިއެކެވެ. ނަމަވެސް އަދިވެސް ހިތުގައި ހުސްކަމެއްވާކަމުގެ އިޙުސާސް ކުރެވެއެވެ. ލެއްވި ނިޢުމަތަށް ޝުކުރުވެރި ނުވަނީއެއްނޫނެވެ. ނަމަވެސް ބައެއް ކަންތައްތަކަކީ ނަފްސުގެ މައްޗަށް އަމިއްލައަށް ބާރު ފޯރުވޭނެ ކަންތައްތަކެއް ނޫނެވެ. ހިޒާމްގެ ނަން ހިތުން ފިލުވާނުލެވުނު ފަދައިންނެވެ.
(ނިމުނީ)



