އެދުވަހު ބަދޫރާގެ އަރުތެރެއިން އެންމެ ކާއެއްޗެއްވެސް އެތެރެވާގޮތެއް ނުވިއެވެ. ދެދަރިންނަށްޓަކައި ހިތްވަރުކޮށްލާފައި ތެދުވެ ގޭތެރޭގެ ކަންތައްތަކުގައި މަސްޢޫލުވެގެން އުޅުނެވެ. ނަމަވެސް ކެތްކޮށްލެވުނީ ވަކިވަރަކަށެވެ. މެންދުރު ފަސްއަތަށް އަޅައިލިތަނާ އޭނާގެ މޫނު މައްޗަށް އަނދިރިވެގެން ވެއްޓުނެވެ.
ބަދިގެތެރެއަށް ބަދޫރާ ވެއްޓިފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ ބަލްޤިޝްއަށެވެ. އެވަގުތު އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަހަށް ދުވެފައި ގޮސް މަންމަގެ މޫނުގައި ފެން އުނގުޅާ، ހޭއެރުވޭތޯ އުޅުނެވެ. ނަސީބަކުން މާ ގިނައިރެއްނުވެ ބަދޫރާ މަޑުމަޑުން ލޯހުޅުވާލިއެވެ. އެވަގުތު ބަލްޤިޝްއަށް އުފަލުން ރޮއިގަނެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ބައްޕަ ވަޅުލިފަހުން އަދި ސައްވީސް ގަޑިއިރުވެސް ހަމަނުވެއެވެ.
ބަލްޤިޝްއާ ބައްސާމް ވަރަށް އާދޭސްކޮށްގެން ބަދޫރާ ވަރަށް ކުޑަކޮށް ކެޔެވެ. އަދި އެއަށްފަހު ޑޮކްޓަރަށް ދެއްކުމަށްޓަކައި ޞިއްޙީ މަރުކަޒަށް ދިޔައެވެ. ޑޮކްޓަރު ބެލުމަށްފަހު ބުނީ ބަދޫރާގެ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އިތުރު ޓެސްޓްތައް ހެދުމަށްޓަކައި ވީހާ އަވަހަކަށް ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ވެސް ލަފާދިނެވެ.
މަންމައަށާއި ކޮއްކޮއަށް އެހީވާން ހުރީ ހަމައެކަނި ބަލްޤިޝްއެވެ. އެ ދެމީހުންނަކީވެސް ބަލި ދެމީހުންނެވެ. އުމުރުން ކިތަންމެ ކުޑަ ނަމަވެސް މިއަދު ބަލްޤިޝްގެ ބޮލުގައި އެވަނީ ވަރަށް ބޮޑެތި ޒިންމާތަކެއް އެޅިފައެވެ. ކޮއްކޮވެސް އަވަސް އަވަހަށް ލޭ އަޅަން ގެންދަން ޖެހެއެވެ. އެކަމަށްޓަކައި ފައިސާ ބޭނުންވެއެވެ. އަދި ކައިބޮއި ހެދުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ވެސް ޚަރަދުތައް ހިނގާނެއެވެ. އޭނާ ކިޔަވައިގެން މޮޅު މީހަކަށް ވާން ކިތަންމެ ބޭނުންވި ނަމަވެސް ދެން އޭނާއަށް ކިޔެވުން ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތެވެ. މަންމައާއި ކޮއްކޮއަށްޓަކައި އޭނާ ޖެހޭނީ އެ ހުވަފެން ހަމައެކަނި ހުވަފެނެއްގެ ގޮތުގައި ބާއްވާށެވެ. އެކަމާ ކިތަންމެ ދެރަވިނަމަވެސް ކުރާނެކަމެއް ނެތެވެ. ހިތްވަރާއެކު މައްސަލަތަކާ ކުރިމަތިލުން ނޫން ގޮތެއް ނެތެވެ. އެމީހުންނަށް އަޅާލާނެ އިތުރު މީހަކު މި ބޮޑު އުޑުދަށަކު ނުވެއެވެ.
ބައްޕަ ދުނިޔޭގައި އެހީތެރިކަން ފޯރުކޮށްދިން ސަލީމްބެގެ އެހީގައި މަންމަގެ ޓެސްޓްތައް ހެދުމަށްޓަކައި ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ އިންތިޒާމް ބަލްޤިޝްއަށް ހަމަޖެއްސުނެވެ. ކިތަންމެ ހެޔޮ ނަމަވެސް އަބަދު އެމީހުންގެ އިޙުސާންތެރިކަން ވެސް ލިބޭނެކަމަށް އުންމީދުކޮށްގެން ނުވާނެއެވެ. ގެ ކައިރި އަވަށްޓެރިން ވެސް ބޮޑުބެ ދެކެ ގަންނަ ބިރެއްގެ ސަބަބުން ތިބެނީ ގެއަށް ވަދެލަން ވެސް ބިރުންނެވެ.
ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރު ބުނީ ބަދޫރާގެ ލޭގެ ޕްރެޝަރުގެ އިތުރުން ކޮލެސްޓްރޯލް ވެސް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަމަށެވެ. އެހެންކަމުން ކަންކަމާ މާބޮޑަށް ފިކުރުނުކޮށް، ރަނގަޅު ކާނާ ކައިގެން، ކަސްރަތުކޮށް އުޅުމަށް ނަޞޭޙަތްތެރިވިއެވެ. ނޫންނަމަ ސްޓްރޯކެއް ޖެހުމުގެ ބިރު ބޮޑުކަމުގެ އިންޒާރު ދިނެވެ. ޑޮކްޓަރުގެ އެ ބަސްތަކުން ބަލްޤިޝްގެ ހިތުގައި އިތުރަށް ބިރުވެރިކަން އުފެދުނެވެ. ބައްޕަވެސް މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ. އަނެއްކާ މަންމަވެސް އެކަމުގައި ނިމިގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ.
"މަންމާ އަހަރެން ދެން ބޭނުމީ ވަޒީފާއަކަށް ދާން." ގެއަށް އައިސް ހަމަޖެހިލެވުމުން ބަލްޤިޝް ވިސްނާފައިވާ ގޮތް މަންމައާ ހިއްސާކުރިއެވެ.
"އެކަމަކު އޭރުން ދަރިފުޅުގެ ކިޔެވުމަށްވާނީ ކިހިނެއް؟" މަންމަގެ ޖަވާބު އަންނާނީ އެހެންކަން ބަލްޤިޝްއަށް މާކުރިންވެސް އެނގެއެވެ.
"އަހަރެން ދެން ކިޔަވާކަށް ބޭނުމެއް ނޫން. ގޭގެ ޚަރަދުތައް ބެލެހެއްޓޭނީ ދެން ކޮންމެވެސް އެކަކު ވަޒީފާއަކަށް ގޮސްގެންނެއްނު." ބަލްޤިޝް ހުރީ ދޫދޭގޮތަކަށް ނޫނެވެ.
"މަންމަ މިހުރީއެއްނު. މަންމަ ކޮންމެވެސް މަސައްކަތެއް ކޮށްގެން ލާރި ހޯދާނަމޭ. ދަރިފުޅަކީ އަދި ކުޑަ ކުއްޖެއް." ބަލްޤިޝްގެ އެ ނިންމުމާމެދު ބަދޫރާ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނެވެ.
"މިއަދު ޑޮކްޓަރު ދެއްކި ވާހަކަތައް މަންމައަށް އަޑު އިވުނުތަ؟ މަންމައަކީ މިހާރު ބަލި މީހެއް. އަހަރެންގެ މި ނިންމުން ދެން ބަދަލެއް ނުވާނެ." ބަލްޤިޝް ރުޅިއައި ކަމަށް ހެދުނެވެ.
"އެކަމަކު ދަރިފުޅަށް ރަނގަޅަށް ކިޔެވިފަ ނެތީއްޔާ ވަޒީފާ ދޭނީ ވަކި ކާކު؟ އެހެންނޫނަސް މިރަށުގަ ހިނގަނީ ބޮޑުބެގެ ބާރު. މިރަށުން ދަރިފުޅަށް ވަޒީފާއެއް ދޭނެ މީހަކު ނުވާނެ. އޭނާއަށް ވެގެންވަންޏާ އަހަރެމެންގެ ވަސް ވެސް ފޮހެލާނެ." ޙަޤީގަތަކީ އެއީއެވެ. ބަލްޤިޝްއަށް ވެސް އެކަން އެނގެއެވެ. އެހެންކަމުން އެރަށުން ވަޒީފާއެއް ހޯދަން އުޅުމަކީ ފޫނެއް ފަޔަށް ފެން ފުރުންފަދަ ކަމަކަށް ނޫނީ ނުވާނެއެވެ.
ބަލްޤިޝް އެހީތެރިކަމަށް އެދުނީ ރައްޓެހި އާޒިމާގެ ކިބައިންނެވެ. އާޒިމާގެ ބޭބެއަކީ ރަށް ކައިރީގައި އޮންނަ ރިސޯޓެއްގައި އެޗް.އާރު މެނޭޖަރަކަށް މަސައްކަތް ކުރާ މީހެކެވެ. ރިސޯޓުގައި ކުނިކަހާ މީހަކަށް ނަމަވެސް ދާން ބަލްޤިޝް ހުރީ ތައްޔާރަށެވެ.
ނަސީބަކުން އާޒިމާގެ ބޭބެގެ އެހީގައި ބަލްޤިޝްއަށް ރިސޯޓުގެ ސްޕާއިން މަސާޖުކުރާ މީހެއްގެ ވަޒީފާ ހަމަޖެހުނެވެ. މަންމައާ ކޮއްކޮ ނުފެންނަ ހިސާބަށް ދާންޖެހޭތީ ބަލްޤިޝް ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާ އެ ފިޔަވަޅު ކުރިއަށް ނެގީ ދެން ފަހަތަށް ފިޔަވަޅު ނާޅަން ޢަޒުމުކޮށްގެންނެވެ.
އިނގިރޭސި ބަސް އެނގުމުގެ އިތުރުން ތޫނުފިލި ކުއްޖެއްކަމުން، ކަންތައްތައް ދަސްކުރަން ބަލްޤިޝްއަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެތަނުގެ ހުރިހާ މުވައްޒަފުން ވެސް ބަލްޤިޝްއަށް ވަރަށް ހެވެވެ. އެހެންކަމުން ވަރަށް ގަޔާވެގެން މަސައްކަތައިގެން ކުރިއަށް ދާން ފެށިއެވެ.
ދުވަސްތައް އާދައިގެމަތިން ކުރިއަށް ދިޔައެވެ. ލިބޭ އޮފް ދުވަސްތަކުގައި ބަލްޤިޝް ރަށަށް އައިސް މަންމައާއި ކޮއްކޮއާއެކު ވަގުތު ހޭދަކުރެއެވެ. މާބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް ގޭތެރޭގެ ޚަރަދުތައް ހަމަޖައްސާފައި ކޮއްކޮގެ ކިޔެވުމުގެ ކަންތައްތައް ބެލެހެއްޓެއެވެ. އަދި ކޮއްކޮގެ ލޭއެޅުމުގެ ކަންތައްކާއި ބޭހުގެ ކަންތައްތައް ވެސް ދައްޗަކާނުލައި ހަމަޖެއްސެއެވެ. އެކަމާ ބަލްޤިޝް ހުރީ އުފަލުންނެވެ. ނަމަވެސް ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެވެ. އުފަލާއި ހިތާމަޔަކީ އިމްތިޙާނުގެ ބަޔެކެވެ.
ވަޒީފާގައި ފަސް މަސް ހޭދަވީއިރު ބަލްޤިޝް ހުރީ އެ މާޙައުލަށް ރަނގަޅަށް ހޭނިފައެވެ. އާދަޔާ ޚިލާފަށް ކަސްޓަމަރުން ގިނަ ދުވަހެކެވެ. ބަލްޤިޝް ޑިޔުޓީ ނިންމާފައި ކޮޓަރިއަށް ގޮސް ފެންވަރާލައިގެން ކުޑަކޮށް އަރާމުކޮށްލަން އޮށޯވެލިއެވެ. ނިދުނުތާ މާގިނައިރެއްނުވެއެވެ. ކުއްލިއަކަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނަށް އަރާފައި އޮތީ ސަލީމްބެގެ ނަމެވެ.
"ބަލްޤިޝް ވީހާވެސް އަވަހަކަށް ރަށަށް އާދޭ!" ސަލީމްބެގެ އަޑުގައި ހުރި ހާސްކަމުން ނިދި ފިލައި ބަލްޤިޝްއަށް ކޮޅަށް ތެދުވެވުނެވެ.
"ކިހިނެއްވީ؟" ތަފްސީލު ހޯދުމަށްޓަކައި ބަލްޤިޝް ސުވާލުކޮށްލިއެވެ. ނަމަވެސް އެކޮޅުން ޖަވާބު ނުދެނީސް ފޯނު ކެނޑުނެވެ. އެވަގުތު ބަލްޤިޝްގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އަނެއްކާ މަންމައަށް ކަމެއް ވީބާއެވެ؟ ނޫނީ ކޮއްކޮ މާ ބޮޑަށް ބަލިވީބާއެވެ؟ ނުވަތަ ބޮޑުބެގެ އުނދަގުލެއް ޖެހުނީ ކަމަށް ވެސް ވެދާނެއެވެ. ދެރަގޮތެއް މެދުވެރިނުވުމަށް އެދި ހިތާހިތުން ދުޢާ ކުރަމުން ބަލްޤިޝް އަވަހަށް ސުޕަވައިޒަރަށް ގުޅިއެވެ. ނަސީބަކުން ރަށަށް ދިއުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހުނެވެ.
ލޯންޗްގައި އިން އިރުވެސް ބަލްޤިޝް ދިޔައީ ހުއްޓުމެއްނެތި މަންމަޔާއި ސަލީމްބެގެ ފޯނަށް ގުޅަމުންނެވެ. އެގޮތަށް ގުޅަނިކޮށް އެއްފަހަރު ސަލީމްބެ ފޯނަށް ޖަވާބު ދިނެވެ. ނަމަވެސް ލޯންޗް އިންޖީނުގެ އަޑާއި ހެދި އެކޮޅުން ކީ އެއްޗެއް މާބޮޑަށް ސާފުވާގޮތެއް ނުވިއެވެ. ނަމަވެސް ޞިއްޙީ މަރުކަޒަށް އަންނާށޭ ބުނިހެން ހީވިއެވެ.
ފަނަރަ މިނެޓްގެ ދަތުރަކަށްފަހު ރަށަށް ދެވުމާއެކު ބަލްޤިޝް އަވަހަށް މިސްރާބު ޖެހީ ޞިއްޙީ މަރުކަޒާ ދިމާއަށެވެ. ބައެއްފަހަރު ދުވަމުން، އަނެއްބައި ފަހަރު ހިނގަމުން އެތަނުގެ ދޮރުމައްޗަށް ހުއްޓުނުއިރު އޭނާއަށް މާނޭވާ ލެވެއެވެ. އަވަހަށް އެތެރެއަށްވަދެފައި ސަލީމްބެގެ ނަން ބުނުމާއެކު ކައުންޓަރުގައި އިން ނަރުސް ކުއްޖާ އިނގިލިން ދައްކާލި ވޯރޑާއި ދިމާއަށް ބަލްޤިޝް ހިނގައިގަތެވެ. ވޯރޑްގެ ދޮރުން ވަތްއިރު އެނދެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައި ސަލީމްބެގެ އަންހެނުން އިށީނދެ އިންދާ ފެނުނެވެ. އެނދުގައި ބާއްވާފައި އޮތް މީހާގެ މުޅި ހަށިގަނޑު މޫނާއެކު އޮތީ ހުދު ބެޑްޝީޓަކުން ނިވާކޮށްފައެވެ. ބައްސާމް ނޫނީ މަންމަވެސް ކައިރީގައި ފެންނާކަށް ނެތެވެ. އެވަގުތު ކުއްލިއަކަށް ބަލްޤިޝްއަށް ހީވީ އޭނާގެ ދެފައިގައި މީހަކު ހިފެހެއްޓިހެންނެވެ. އެތާ އެ އޮތީ ކާކުބާއެވެ؟ މަންމައާއި ބައްސާމްގެ އިސްކޮޅުވެސް ވާނީ ދާދި އެއްވަރެކެވެ. ކޮންމެ ގޮތެއްވިޔަސް ބަލްޤިޝްއާ ގުޅުން ހުރި މީހެއް ނޫންނަމަ ސަލީމްބެ އެގޮތަށް ގުޅާފައި އޭނާ އެތަނަކަށް ނުގެނައީހެވެ.
ކުއްލިއަކަށް ބަލްޤިޝް ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު އޭނާގެ ކޮޑުގައި އަތް ބާއްވާލުމުންނެވެ. ފަހަތަށް އެނބުރި ބަލާލި ވަގުތު ހީވީ އޭނާގެ ވަށައިގެންވީ މާޙައުލު ވަގުތު ކޮޅަކަށް ހުއްޓުނު ހެންނެވެ. އެ ފޮތިގަނޑު ދަށުގައި އޮތް މީހެއްގެ މޫނު ނުފެނު ނަމަވެސް އެއީ ކާކުކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ.
(ނުނިމޭ)





ހިޔާލު
Varah salhi. Hama neyvaa hifaahtaalaigen mihuree anehkkaa kaakubaa!?