މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިޢުފާ ދެއްވި އާމިނަތު ޢާޠިފާ، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށް ރައިސުލްޖުމްހޫރިއްޔާއާއި ވަޒީރުން ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޢާޠިފާ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ މަސައްކަތްތަކަށް ދެއްވި ލަފައާއި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައިވެސް އެކަމަނާއަށް ރައިސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އެ މަޖިލީހުގައި އެކަމަނާއާ އެކުގައި މަސައްކަތް ކުރެއްވުމަކީ، އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާ އެމަގާމުން އިސްތިޢުފާ ދެއްވީ ޞިއްޙީ ހާލުކޮޅު ހުރިގޮތުން އެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށް ޢުޒުރުވެވަޑައިގަންނަވާތީ ކަމަށްވުމާއެކު، އެކަމަނާއަށް މަޖިލީހުގެ މެންބަރުން އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ.
އަދި، ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި ޢަމަލުކުރެއްވުމަށް ނިންމަވައިފައިވާ ގޮތްތަކާ ގުޅޭގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީގޮތުން ޤައުމު އާރާސްތުކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވެވިއެވެ.



