(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)
އެތާ ހިނގަމުން ދިޔަ އެއްވެސް ކަމެއް އަހަރެމެންނަށް ރޭކާވެސް ނުލައެވެ. ސާހިލް އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން ހުރި ހިސާބުން މަޑު ތުރުތުރެއް އުފެދެމުން ދިޔަކަމުގެ އިޙުސާސް އަހަންނަށް ކުރެވެމުންދިޔައެވެ. އެއީ އޭނާ ފެނުނަސް އަހަންނަށްވާ ގޮތެކެވެ. އޭރު ހިތްވެސް ނެގިނެގިފައި ޖެހެއެވެ. އެވަގުތު އަހަރެންގެ އެހުންނަ ލަދުރަކި މިޒާޖުވެސް ހަނދާންނެތުނުފަދައެވެ.
ހަމަބިމަށް އާދެވުނީ ކަންފަތް ކައިރީގައި މީހަކު އަތްތިލަބަޑި ޖަހައިލި އަޑެށެވެ. ސިއްސައިގެންގޮސްފައި ސާހިލްގެ ލޮލާ ނަޒަރު ވަކިކޮށްލުމަށްފަހު ބަލާލިއިރު އެތާ ތިބި އެންމެންގެ ލޯ އަމާޒުވެފައިވަނީ އަހަރެމެން ދެމީހުންނާ ދިމާއަށެވެ. އޭރު އެއްބަޔަކު ދިމާކޮށްފައި ހެނީއެވެ. އެ މަންޒަރު ފެނުމުން އަހަންނަށް ވީ ގޮތެއްވެސް ނޭނގުނެވެ. ކުއްލިއަކަށް ސާހިލްގެ އަތް ފޮޅުވާލާފައި ދުރަށް ދުއްވައިގަނެވުނެވެ. އެވަގުތު ބިންފަޅާލާފައި އަޑިއަށް ދެވޭނެ ނަމައޭވެސް ހިތަށް އެރިއެވެ. ތަންކޮޅެއް ދުރަށް ގޮސްފައި އަހަރެން ސިއްރުން ބަލާލިއިރު ސާހިލް ރަކި ފާޑަކަށް ހެވިފައި ބޮލުގެ ފުށްކިބައިގައި އަތް ކާއްތާލަ ކާއްތާލަ ހުއްޓެވެ. އޭނާވެސް ހުރީ ރަކިވެފައެވެ.
އެރޭ ދެން ކުޅެ ނިމެންދެންވެސް އަހަރެން ބެލީ ސާހިލްއާ ދުރުން އުޅެވޭތޯއެވެ. ނަސީބަކުން ކުޅުމުގެ ފޯރި ގަދަވުމާއެކު މާގިނައިރެއްނުވެ އެންމެން އެކަން މަތިން ހަނދާން ނެތުނެވެ. އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަ ކުރުމަށް ފަހު އެރޭވެސް އެންމެން ވަކިވެގެން ދިޔައީ ނިދާ ގަޑި ޖެހުމުންނެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައީ އަހަންނަށް މުޅިން އާ އިޙުސާސްތަކަކާއެކުގައެވެ. ހިތުގައި ވިންދު ޖަހަމުން ދިޔައީ އެހެން ނޫނީ ނުޖަހާ ގޮތަކަށެވެ. ހެނދުނު ހޭލެވުނީއްސުރެ ދެ ލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. ޖަހާ ކޮންމެ ވިންދަކާއެކު ކިޔެމުންދިޔައީ އެންމެ ނަމެކެވެ. ބަދިގޭގައި މަސައްކަތްކުރަން ހުރި އިރުވެސް މީހެއްގެ ހިލަން ވާއިރަށް ސިއްސައިގެން ގޮސްފައި ދޮރާ ދިމާއަށް ބަލާލެވެއެވެ. އަދި އެ މޫނަށް ނުވުމުން ދެރަވެގެން ކަރު އެލުވާލެވެއެވެ. އެކަން ބޮޑުވެގެން މީހަކަށް ފާހަގަކުރެވިދާނެތީވެސް އަހަރެން ހުރީ ބިރުންނެވެ. ނަމަވެސް އެ ނުތަވަސްކަމުގައި ދުވަސް ނިމިގެން ދިޔައިރުވެސް އަހަރެން ދެކެން ބޭނުންވި ސޫރަ ލޮލަށް ފެންނަ ގޮތެއް ނުވިއެވެ. ކުޅޭ ގަޑީގައިވެސް އެރޭ ގިނަ މީހުން ނާދެއެވެ. އެހެންކަމުން ތާސްބައި ކުޅެލާފައި އެރޭ ނިންމައިލީއެވެ.
ޖެހިގެން އައި ދުވަހުވެސް އަހަރެން ހުރީ ނެގި މަޑުވެފައެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވިއެވެ. މިވަނީ ކީއްކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. އެއީ އަހަންނަށް ކުރިން ދުވަހަކުވެސް ކުރެވުނު އިޙުސާސްތަކެއް ނޫނެވެ. ގެއަށް ވަންނަ ދޮރާ ދިމާއަށް ބަލަބަލާ ލޯ ވަރުބަލިވީއިރުވެސް ސާހިލްއަށް އަންނާކަށް ނޭނގުނެވެ. އެކަމާ ޝަކުވާކުރަންވެސް ބޭނުންވިއެވެ. އަދި ހަމައެހެންމެ ބިރުވެސް ގަތެވެ. އެރޭ އެންމެން ދިމާކުރަން ފެށުމުން އަހަރެން އަތް ފޮޅުވާލާފައި ދިޔުމުން ސާހިލް އަނެއްކާ ހިތްހަމަ ނުޖެހުނީބާއެވެ؟ ނޫނީ އަހަންނަށް މި ކުރެވޭ އިޙުސާސް އޭނާއަށް ނުކުރެވެނީ ހެއްޔެވެ؟ މިއީ އަނެއްކާ އެއް އަތް ޖެހުން ކަހަލަ ކަމަކަށް ވެދާނެބާއެވެ؟ އެހެންވެއްޖެނަމަ ހަމަ ޔަޤީނުންވެސް އަޑެއް ނުކިޔާނެއެވެ.
ސާހިލްއާ އަހަރެންގެ ދެމެދުގައި ހިނގާދިޔަ ޚާއްސަ ވަގުތުކޮޅަށްފަހު ދެދުވަސްވެގެން ދިޔައިރުވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ތިންވަނަ ދުވަހު ސާހިލްގެ ބޭބެ ނާއިލްއާ އެ ގްރޫޕްގައި އުޅޭ އިމާދު ބޮޑުބެ ގެއަށް އައެވެ. ނާއިލްއަށް އަހަރެންވެސް ކިޔަނީ ނާއިލްބެއެވެ. އެވަގުތު އަހަރެން އިނީ ވާހަކަ ފޮތެއް ހިފައިގެން ބޭރު ޖޯލިފަތީގައެވެ. އިތުރު މީހަކު އެވަގުތު އެތާކު ނެތެވެ. އެމީހުންވެސް އައިސް ޖޯލިފަތީގައި ޖައްސާލިއެވެ.
"ސާހިލްއާ ވިވާންއާ މިއަދު ކޮބާތަ؟" ނާއިލްބެ ކައިރިން އިމާދު އަހާލިއެވެ. އެމީހުން ދައްކާ ވާހަކަޔާ އަޅާ ނުލާ ފޮތް ކިޔާކަމަށް ހެދިގެން އިންނަމަވެސް އަހަރެންގެ ކަންފަތް ހުޅުވިފައި ހުރީ ނާއިލްބެ ދޭ ޖަވާބެއް އަޑުއެހުމަށެވެ.
"އެމީހުން ނާންނާނެއެއްނު. އެތިބީ ރެސްލިންގ މެޗެއް ދުއްވާލާފަ." ހިތްހަމަ ނުޖެހިފައިވާ އަޑަކުން ނާއިލްބެ ޖަވާބު ދިނެވެ.
"އެއީ އަނެއްކާ ކިހިނެއްވީ؟" އިތުރު ތަފްސީލު ހޯދުމަށްޓަކައި އިމާދު އަހާލިއެވެ.
"ނޭނގެ އަހަންނަކަށްވެސް. ހީވަނީ ކުޑަ ދެކުދިންހެން. ދެމީހުންނަށް އެކަކު ކަމުދިޔައީއޯ." ފާޑަކަށް ނާއިލްބެ ބުންޏެވެ.
"އެއީ ތެދެއް؟ ދެމީހުންނަށް އެއްކުއްޖަކު ކަމުދިޔައީތަ؟" ދިމާކުރާ ފާޑަކަށް ހެވިފައި އިނދެ އިމާދު އަހަރެން ކައިރީ އަހާލިއެވެ. އެވަގުތު އަހަންނަށް ހީވީ މޫނު މައްޗަށް ހޫނު ހަމަލާއެއް އެރިހެންނެވެ. ލަދުންގޮސް މުޅި މޫނު ރަތްވިކަމުގެ އިޙުސާސްކުރެވުނެވެ.
"ހިހިހިހި. އަހަންނަކަށް ނޭނގެ." އެއްވެސް އެއްޗެއް ނުބުނެ އިނދެފިނަމަ އެމީހުން ނުބައި މާނައެއް ނަގައިފާނެތީ އަހަރެން ބުނީމެވެ.
ޙަޤީގަތުގައިވެސް އެދެމީހުންނަށް އަހަރެން ކަމުދިޔައީ ހެއްޔެވެ؟ އެކަމަކު އެހެންވާންވީ ކިހިނެއް ހެއްޔެވެ؟ ވިވާންއަކީ ކުރިން އަހަންނަށް ފެނިދެނިވާ މީހެކެވެ. ނަމަވެސް އޭނާގެ ފަރާތުން އެފަދަ އެއްވެސް އިޝާރާތެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. މާތްކަލާކޯއެވެ! މި ވެއްޓުނީ އަނެއްކާ ކޮންފަދަ އަނދަވަޅަކަށް ހެއްޔެވެ؟ އެދެމީހުންނަކީ ކުޑައިރުއްސުރެ ބެސްޓް ފްރެންޑްސްކަމުގައި ޝައުނާގެ ފަރާތުން ވަނީ އެނގިފައެވެ. ދެން ސާހިލް ހަދާނީ ކިހިނެއްބާއެވެ؟ އަދިވެސް އޭނާ ކުރިން އަހަންނަށް ބެލި ނަޒަރުން ބަލައިފާނެ ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އަހަންނަށް ސާހިލް ކަމުގޮސްފިޔެވެ. އެހެންނަމަވެސް އެކަން އެއްވެސް މީހަކު ކައިރީގައި ބުނާކަށް އަހަރެންގެ މިޒާޖު ތަނެއް ނުދެއެވެ.
އެ ހަފްތާގައި ރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅަ މުބާރާތެއް ފެށުނެވެ. އެހެންކަމުން ރޭގަނޑު ޝައުނާމެން މެޗު ބަލަން ދާންފެށިމެވެ. މީހުން ގިނަ ތަންތަނަށް ދިޔުމަކީ އަހަރެން މާ ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް އެމީހުން ދަނީ ގަދަކަމުން އަހަރެންވެސް ގޮވައިގެންނެވެ. އެގޮތަށް ދިޔަ ދެވަނަ ރެޔެވެ. މީހުންތަކުގެ ތެރޭގައި ހުންނަން ޖެހުމުން އަހަރެން ހުރީ ކުޑަކޮށް ހާސްވެ އުނދަގޫވާގޮތްވެފައެވެ. އެހެން ހުރެފައި އެއްފަހަރަކު ފަހަތަށް އެނބުރި ބަލާލި ވަގުތު ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. ދާދި ގާތުގައި ފަހަތުގައި އެ ހުރީ ސާހިލްއެވެ. ކުއްލިއަކަށް ތަލިން ކުޅު ހިކުނުކަމުގެ އިޙުސާސް އަހަންނަށް ކުރެވުނެވެ. އޭނާ ހުރީ އަހަރެންގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އެދޭތެރެއަށް އެހެން މީހަކަށް ވަދެވޭނެ ޖާގައެއް ނެތެވެ. ހީވަނީ އެހެންމީހުންގެ ކިބައިން އަހަރެން ސަލާމަތްކުރަން އައިސް ހުރިހެންނެވެ. އަހަރެން ބަލާލި ވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އަހަންނަށް އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ. އެ ފުން ދެލޮލުން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. އެހެންކަމުން އެއްވެސް އެއްޗެއް ތަރުޖަމާކުރާކަށް ނޭނގުނެވެ. ކުރިން އޭނާ އަހަންނަށް ބަލާއިރު އެ ހުންނަ އަސަރު އެވަގުތު ނެތްކަން އެނގުމުން ހިތަށް ވީ ނުބައި ގޮތެކެވެ. ތޫނު ތަދެއް އިޙުސާސްވިއެވެ. އެހެންކަމުން ނޭނގި ހުއްޓާ މަޑުމަޑުން ފެންކަޅިވާން ފެށުމުން އަހަރެން އަވަހަށް އަނެއް ފަރާތަށް އެނބުރުނީމެވެ. ކުރިން އެހާ ޚާއްސަ ނަޒަރަކުން ބަލާފައި ކުއްލިއަކަށް އެ އަސަރު ގެއްލެންވީ ކީއްވެހެއްޔެވެ؟ އަހަންނަކީ ހަމަ އަހަރެންނެވެ. އެއްވެސް ބަދަލެއް ނާދެއެވެ.
އަދިވެސް އެއްފަހަރު އެ ސޫރަ ދެކެން ބޭނުންވިނަމަވެސް ދެވަނަ ފަހަރަށް ހިތަށް ތަދުވެދާނެތީ އަހަރެން ހިތްވަރުކުރީ ދެން ފަހަތް ނުބެލުމަށެވެ. މެޗު ނިމުމުން އެންމެން ދާން ހިނގައިގަތުމުންވެސް އަހަރެން ހުރީ އެނބުރެން ބޭނުން ނުވެފައެވެ.
"ސާރާ! ގެއަށް ނުދާންތަ؟" ދެލޯ މަރާ ތަގުޅިކޮށްގެން ހުއްޓާ ފަހަތުން ޝައުނާ ގޮވާލި އަޑު އިވުނެވެ. އެންމެ ފަހުން އަހަންނަށް މަޖުބޫރުވީ އެނބުރޭށެވެ. ވަރަށް ހިތްވަރުކޮށްފައި ދެއަތް މުއްކަވައިގެން ހުރެ މަޑުމަޑުން އެނބުރުނީމެވެ. ނަސީބަކުން އަހަރެންގެ ފަހަތުގައި އެއްވެސް މީހަކު ނެތެވެ. ސާހިލްގެ އެއްވެސް ހިލަމެއް ނެތެވެ. އެކަމާ އަހަރެންވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގުނެވެ.
"އޭ! އަދި އަހަރެން މިހުރީ ހަނދާން ނެތިފައޭ. ސާހިލްބެ ސާރާއަށް ސަލާމްބުނި." ކުއްލިއަކަށް ޝައުނާ ބުނި އެއްޗަކުން އަހަންނަށް ހީވީ ބޭރަށް ލައިލައި ހުރި ނޭވާ އެތެރޭގައި ތާށިވިހެންނެވެ. ބުނާނެ އެއްޗެއް ނޭނގޭތީ އަހަންނަށް ކުރެވުނުހާވެސް ކަމަކީ ޝައުނާއާ ދިމާއަށް ބަލާލުމެވެ. ނަމަވެސް އޭނާއަށް އެއްވެސް ކަމެއްހެންވެސް ހީނުވެއެވެ. އޭނާ ހަމަ ހުރެގެން ކުރިއަށް ހިނގަމުން ދިޔައެވެ. އަޑު އިވޭ ހިސާބުގައި އެވަގުތު އިތުރު މީހަކު ނެތްކަން އެއީ އަހަރެންގެ ނަސީބެވެ. އެއްކޮށް އައި އެހެން މީހުން ތިބީ ތަންކޮޅެއް ކުރީގައި އޮލަ ވާހަކައެއްގައެވެ.
"ތަންކޮޅެއް ކުރިން އެއްދުވަހަކު ވިވާންބެވެސް ބުނި ސާރާ ވަރަށް ރީއްޗޭ. އެކަމަކު އަހަންނަށް ހީވަނީ ސާހިލްބެހެން ބޮޑަށް ސީރިއަސްއީ. އެނގެއެއްނު އެއީ ބެސްޓްފެރެންޑްސް ކަން. ދެން ނޭނގެ. ދެމީހުންނަށް ސާރާ ކަމުގޮސްގެން އަނެއްކާ މައްސަލައެއް ނުޖެހުނީއްޔާ ރަނގަޅު." ޚިޔާލެއް ފިކުރެއް ނެތި އާންމު ވާހަކައެއްހެން ޝައުނާ ކިޔައިދެމުން ދިޔައެވެ. އޭރު އަހަރެންގެ ހިތުގައި ހިނގަމުން ދިޔަ ހައިޖާނު އެނގޭނަމަ އޭނާ އެމޭރުމުން އެވާހަކައެއް ނުދެއްކީހެވެ. ޝައުނާގެ ވާހަކައިން އޭނާއަށް ސާހިލް އާ ވިވާންގެ މެދުގައި ހިނގާފައިވާ ހަމަނުޖެހުން އަދި ނޭނގޭކަން އަހަންނަށް އެނގުނެވެ. ސާހިލްދެކެ ކިތަންމެ ގަޔާވެވުނު ނަމަވެސް އަހަރެންގެ ހޮވުމަކީ ސާހިލްއޭ ބުނާކަށް އަހަންނަކަށް ނުކެރޭނެއެވެ.
ޖެހިގެން އައި ދުވަހު އަނެއްކާ ސާހިލްމެން ބޮޑުބެ ގެއަށް އަންނަން ފެށިއެވެ. ނަމަވެސް ކުރިން އަހަންނަށް ފެނުނު ސާހިލްއާ ފަހުން ފެންނަން ފެށި ސާހިލް ހާސްބައި ތަފާތެވެ. ކުރިން އަހަރެން ފެނިގެން ކަޅި ޖަހާ ނުލާ ބަލަން ހުންނަ މީހާ، ފަހުން އަހަރެން ހަމަ ފެންނައިރަށް އިސްދަށަށް ޖަހަން ފެށިއެވެ. ނޫނީ ކޮންމެވެސް އެހެން ދިމާއަކަށް ނަޒަރު ބަދަލުކުރެއެވެ. ނަމަވެސް އޭނާ ފެނުމުން އަހަންނަށް ކުރެވޭ އިޙުސާސްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހިތުގެ ތެޅުން އަވަސްވެ، ދެއަތާ ދެފައި ފިނިވެއެވެ. އަދި ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް އުފެދެއެވެ. ނަމަވެސް ސާހިލް އަހަރެން ނުފެންނަ ކަމަށް ހަދަން ފެށުމުން ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އަހަރެންގެ ހިތަށް ތަދުކުރުމުގެ ހުއްދަ އޭނާއަށް ދިނީ ކާކުހެއްޔެވެ؟ ވިވާންއާ ދެމީހުންގެ މެދުގައި ޖެހުނު ހަމަނުޖެހުމުން ހުރިހާ ދެރައެއް ލިބުނީ އަހަންނަށެވެ. ކޮންމެ ގޮތެއްވިޔަސް ސާހިލް އަހަންނަށް ސަލާމް ބުނުމުން ދޭހަވަނީ އޭނާގެ ހިތުގައިވެސް އަހަންނާމެދު ކޮންމެވެސް ޝައުޤުވެރިކަމެއް އުފެދުނު ކަމެވެ. އެހެންނަމަ އެ އިޙުސާސްތައް މިހާރު ކޮބައިބާއެވެ؟ އެއީ އެހާ ފަސޭހައިން ހަނދާން ނައްތައިލެވޭ ކަމެއް ހެއްޔެވެ؟ އަހަންނަކަށް ގައިމުވެސް ފަސޭހައެއް ނޫނެވެ.
އޭގެ ފަހުން އަހަރެންވެސް އިޙުސާސްތައް ކޮންޓްރޯލް ކުރެވޭތޯ ބަލަން ފެށީމެވެ. ނަމަވެސް ދޭތެރެއަކުން އެހެން އުޅެލާފައި ސާހިލް ބަލަހައްޓައިގެން ހުންނަތަން ފެނެއެވެ. ކުރިންވެސް ބަލާ ގޮތަށެވެ. ނަމަވެސް އަހަރެން ބަލާލާއިރަށް އޮޅުވާލަން މަސައްކަތްކުރެއެވެ. އެފަދަ ވަގުތުތަކުގައި އަނެއްކާވެސް އަހަރެންގެ ހިތުގައި އުންމީދުގެ ހުޅުކޮޅު ދިއްލެއެވެ. ނަމަވެސް އެންމެން ތާސްބައި ކުޅެން ތިބި ރެޔެއްގައި އިމާދު ބުނި އެއްޗަކުން އަހަންނަށް މިކުރެވެނީ ބޭކާރު ކަމެއްކަން އެނގުނެވެ. އެރޭ ކުޅެން ތިބީ ވިވާން، ސާހިލް، އިމާދު، ނާއިލްބެ، ޝައުނާ އަދި އަހަރެންނެވެ.
"މި ދެމީހުންގެ ރަޙުމަތްތެރިކަމުގެ ގުޅުން ވަރުގަދަ ކަމުގެ ހެއްކަކީ އެއްކުއްޖަކު ކަމުދިޔައީމަވެސް އެތިބެނީ އެކަކު އަނެކަކަށް ދޫކޮށްލައިގެން ވިއްޔަ. މި ގުޅުމަށް ހަމަ މިސާލު ޖަހާލެވޭނެ." ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިން މަޖަލަކަށް ކަމަށް ހަދާފައި އިމާދު ބުނެލި ބަސްތައް، ރުވާފައި ދޫކޮށްލި ތީރުތަކެއް ފަދައިން ސީދާ އައިސް ހެރުނީ އަހަރެންގެ ހިތަށެވެ. ވަގުތުން ހަޅޭލަވައިގަންނަން ބޭނުންވިއެވެ. އަހަރެން މީ އެމީހުން ކުޅެން ބޭނުންކުރާ ކުޅޭ އެއްޗެއް ހެއްޔެވެ؟ ގޮތެއް ނިންމުމުގެ ކުރިން އަހަރެން ދެކޭ ގޮތް ނުވަތަ އަހަންނަށް ކަމުދަނީ ކާކުތޯ ބެލުން މުހިންމެއް ނޫން ހެއްޔެވެ؟
(ނުނިމޭ)




