ދެވަނަ (04)

(ތިންވަނަ އަދަދާއިގުޅޭ)

(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

"އޭނަ އައިސް އެބައުޅޭ. ދެން ދޮންތަ ނުވާނެ އޭނައަށް ގުޅައިގެން." ވަރަށް ހިތްހަމަ ނުޖެހިފައި ޝާއިން ބުނެލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ ބާރަށް ދޮރު ޖަހާފައި ނުކުމެގެން ދިޔައެވެ. އެ ޢަމަލުން ޝާއިން ހިތްހަމަ ނުޖެހިފައި ހުރި ވަރު އަހަންނަށް އަންދާޒާކޮށްލެވުނެވެ. އެކަމަކު އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ސާހިލް ދެކެ ލޯބިވާވަރު ޝާއިންއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އޭނާގެ ވާހަކަ ހުރި ގޮތުން އަހަރެންގެ ނުތަނަވަސްކަން އިތުރުވުން ނޫން ކަމެއް ނުވިއެވެ. ސާހިލްއާ އަހަންނާ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. ރޭގައިވެސް ވާހަކަ ދެއްކީ ނުލާހިކު ލޯބިންނެވެ. ބައްދަލުވާން އުޅޭތީ އުފާވެފައި ހުރި ވަރު ސާފުކޮށް އޭނާ ބުނެދިނެވެ. ދެން ކުއްލިއަކަށް މިވީ ކިހިނެއްބާއެވެ؟

އެރޭ އަހަންނަށް ނުވެސް ނިދުނެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް ބޮލު ތެރޭގައި އެނބުރެމުން ދިޔައެވެ. ހެނދުނު ޑިޔުޓީއަށް ދިޔައީވެސް ނުތަނަވަސްކަންމަތީގައި ހުރެގެންނެވެ. ދުނިޔެއަކީ ހާދަ ހެއްވާ ތަނެކެވެ. އިއްޔެ އަހަރެން އުޅުނީ އުފަލުން، ހެމުން، ނަށަމުންނެވެ. ނަމަވެސް މިއަދު އޭގެ އިދިކޮޅެވެ.

ޑިޔުޓީގައި ހުސް ވަގުތެއް ލިބޭ ކޮންމެ ފަހަރަކު ފޯނު ނަގާ ސާހިލްގެ ނަންބަރަށް ޑައިލްކުރަން އުޅެވެއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް ގުޅަން ކެރުނީ އެންމެ ތިން ފަހަރުއެވެ. ކޮންމެ ގޮތެއް ވިޔަސް ލޯބި ހުށަހެޅީ ސާހިލްއެވެ. މިހާ ދުވަހު ގުޅުން ދެމިއޮތީ ދެމީހުންވެސް ބޭނުންވެގެންނެވެ. އަހަރެން ގަބޫލުކުރާގޮތުގައި ވެގެން އުޅޭ ގޮތެއް އަހަންނަށްވެސް އެނގެން ޖެހޭނެއެވެ. ޙައްލުކުރަން މަސައްކަތްކުރެވޭނީވެސް އޭރުންނެވެ.

ގެއަށް ގޮސް ހަމަޖެހިލާފައި ފަހު ފަހަރު ކަމަށް ނިންމާފައި އަނެއްކާވެސް ސާހިލްގެ ނަންބަރަށް ގުޅީމެވެ. އެފަހަރު ރިންގު ކެނޑެންވާއިރަށް ނުނަގައިފިނަމަ ދެން ނުގުޅުމަށް ޢަޒުމް ކަނޑައެޅާފައެވެ. އޭރު ހިތާއި ސިކުނޑި ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ހިތް ބުނަމުން ދިޔައީ ކޮޅެއްގައި ޖެހެންދެން އަދިވެސް މަސައްކަތްކުރުމަށެވެ. ނަމަވެސް ސިކުނޑިން ސިގްނަލް ދެމުން ދިޔައީ އެއީ ބޭކާރުކަމެއްކަމުގައެވެ. އެވަރަށް ގުޅާއިރު އެންމެ ކުޑަމިނުން ވީގޮތެއް ބުނެލުމަކީ ސާހިލްގެ ޒިންމާއެކެވެ. އޭނާ އަހަރެން ތަޅުވަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ.

"ހަލޯ." ރިންގު ކެނޑެން ކައިރިވެފައި ހުއްޓާ އެކޮޅުން ފޯނު ނެގިއެވެ. ނަމަވެސް އިވުނީ ސާހިލްގެ އަޑެއް ނޫނެވެ. އެއީ ނާއިލްބެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން އިރުކޮޅަކު އިނީމެވެ.

"ސާހިލް އޮތީ ނިދާފަ." ނާއިލްބެ އިތުރަށް ބުނެލިއެވެ.

"އާނ. އޯކޭ." އަހަންނަށް ބުނެވުނީ އެވަރަށެވެ. އަވަހަށް ފޯނު ކަނޑާލީމެވެ. ސާހިލް ހަމަ ގަސްދުގައި އަހަރެންގެ ކޯލުތަކަށް ޖަވާބު ނުދެނީކަން މިހާރު ޔަޤީންވެއްޖެއެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އަހަންނަށް އިޙުސާސް ކުރެވުނީ ސާހިލް ބޭނުން ނުވާއިރުވެސް އަހަރެން މޮޔަވެގެން އޭނާގެ ފަހަތުން ދުވަނީކަމުގައެވެ. ސަލާންޖަހާ ނިކަމެއްޗެއްފަދައިންނެވެ. އެންމެ ކުޑަމިނުން އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނު ނަމަވެސް އެނގޭނީ ބުނީމަތާއެވެ. ދެމީހުންގެ ގުޅުމަށް މިވީ ދުވަސްކޮޅުގައި އަހަންނަށް ސާހިލްގެ ކިބައިން އެންމެ ކަމުދިޔަ އެއް ސިފައަކީ އޭނާ ބުނަން ބޭނުންވާ އެއްޗެއް އެއްވެސް ފޮރުވުމެއް ނެތި ބުނާ ބުނުމެވެ. ސާހިލްއަކީ ވާހަކަ ދައްކަން މޮޅު މީހެކެވެ. އޭނާ ދައްކާ ވާހަކަތައް އަޑު އަހަން އެއްވެސް ފޫހިކަމެއް ނެތި އެތައް އިރަކު އަހަރެން އިންނަމެވެ. ބައެއް ފަހަރު އަހަރެން ޑިޔުޓީގައި އުޅެނިކޮށް މެސެޖަކުން ޙާލު ބަލާލައެވެ. ނޫނީ ހުރީ ކައިގެންތޯއާއި، ކުރަނީ ކީއްތޯ އަހާލައެވެ. ނުވަތަ ލޯބީގެ ފަށުވި ބަސްކޮޅެއް ފޮނުވައެވެ. އެވަރުން އަހަންނާ ހެދި އުޅެފައި މިހާރު ދުރުކޮށްލުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ އެ ހުރިހާ ކަމެއް އެހެން ހުރި އިރު ސަބަބެއް ނުބުނެ އެގޮތަށް ކަންތައްކުރުމުން އަހަންނަށް ވާނެ ގޮތް ސާހިލްއަށް ހަމަ ނޭނގެނީހެއްޔެވެ؟

ދެހަފްތާ ވެގެން ދިޔަ އިރުވެސް އަހަރެން ހުރީ ވާނުވާގައެވެ. ނަމަވެސް އެރޭ ނާއިލްބެ ފޯނަށް ޖަވާބުދިން ފަހުން އަހަރެން ސާހިލްއަކަށް ނުގުޅަމެވެ. ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ރަނގަޅަކަށް ނުކެވެއެވެ. ނިދެނީވެސް ކުޑަ ވަގުތުކޮޅަކުއެވެ. އޭގެ ސަބަބުން މަސައްކަތުގައިވެސް ދޭންވާ ވަރަށް ސަމާލުކަމެއް ނުދެވެއެވެ. ނޭނގި ހުއްޓާ ރޮވެއެވެ. މީހަކު ބުނާ ކުޑަކުޑަ އެއްޗަކުންވެސް ހިތުގައި ޖެހެއެވެ. ފުން މިން ނޭނގޭ އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ވެއްޓެމުންދާކަމުގެ އިޙުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ. ވެއްޓެން ދިމާވި ސަބަބެއް ނޭނގެއެވެ. ވަށައިގެން އެއްވެސް އަލިކަމެއް ނުފެނެއެވެ. އެންމެ ފަހުން ޖަވާބު ލިބޭނެކަމުގެ އުއްމީދު ނެތް ނަމަވެސް ކެތް ނުވެގެން އެއް ރެޔަކު އަހަރެން އަނެއްކާ ސާހިލްއަށް މެސެޖެއް ފޮނުވީމެވެ.

"ވީގޮތެއް ބުނެލާފަ ތިހެން ހެދިނަމަ. ސަބަބު ނޭނގި ތިގޮތަށް ދުރުކޮށްލީމަ އަހަރެންގެ ހިތަށް މިވާ ތަދު އިޙުސާސްކުރެވޭނެ ނަމައޭ ހިތަށް އަރާ. އެކަމަކު އެނގޭ އެއްވެސް ކަމެއް ނުވެ ތިގޮތަށް އަހަންނާމެދު ކަންތައް ނުކުރާނެކަން. ސަބަބު ބަލާލަން އަހަރެން ވަރަށް ބޭނުން. ވަރަށް ހަނދާންވޭ!" ކުރުގޮތަކަށް އަހަރެންގެ ހިތުގައިވާ ޝަކުވާތައް މެސެޖުގައި ލިޔުނީމެވެ. ޖަވާބު ނުލިބޭނެކަމަށް ނިންމައިގެން ހުއްޓާ ސާހިލްގެ މެސެޖެއް ލިބުނެވެ.

"އައި އޭމް ނޮޓް ކްލީން." މެސެޖުގައި އޮތީ ހަމައެކަނި އެހެންނެވެ. އިތުރު ތަފްސީލެއް ނެތެވެ.

ކުރިން ސާހިލްއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުރި މީހެކެވެ. އެއީ އޭނާ ތަންކޮޅެއް ކުޑައިރު އެކީގައި އުޅުނު ރައްޓެހިންތަކެއްގެ ސަބަބުން ކުރެވުނު ކަމެއް ކަމުގައި ސާހިލް އޮތީ ބުނެފައެވެ. ނަމަވެސް ފަހުން އެކަމުން ސަލާމަތްވިކަމުގައި ބުންޏެވެ. އަހަރެން އެކަން ގަބޫލު ކުރީމެވެ. އަދި އަހަންނަށް އެއީ މައްސަލައެއްވެސް ނޫނެވެ. އިންސާނަކަށް ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް ތައުބާވެ، ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރުމަކީ ދުވަހަކު އެކަން ނުކުރާ މީހަކާ އެއްފަދަވާ ކަމެކެވެ. އެއީ އަހަރެމެންގެ ދީނުގައި އޮންނަ ގޮތެވެ. ސާހިލް ބޭނުންނަމަ އެހީވާން އަހަރެން ހުރީ ތައްޔާރަށެވެ. ނަމަވެސް ކަންތައް ކުރިގޮތުން އިތުރަށް އެވާހަކަ ދައްކަން އޭނާ ބޭނުން ނުވާކަމާއި، އަހަރެންގެ އެހީތެރިކަން ބޭނުން ނުވާކަން މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އެކަމަކު އެވަރުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެންކަމުން އިތުރު އެއްޗެއް އެނގޭތޯ ޒައިދުއަށް ގުޅީމެވެ. އަދި ކަންތައް ހިނގާ ދިޔަ ގޮތް ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. އަހަރެން ޒައިދުއާ ގުޅި އިރު ކައިރީގައި ޝާއިންވެސް އިނެވެ.

"އަހަރެން ސާރާ ކައިރީ ކުރިންވެސް ބުނީމެއްނު ތި ގުޅުމާމެދު ސީރިއަސް ނުވާށޭ. އޭނަ މިހާރު އެ ދައްކަނީ ހުސް ބަހަނާ. އޭނަ އަސްލު ލޯބިވަނީ އެހެން ކުއްޖެއްދެކެ....." އެހިސާބަށް ބުނެފައި ޒައިދު ކުޑަކޮށް މަޑުޖެހިލިއެވެ. ހީވަނީ އެ ވާހަކައަށް އަހަރެންގެ ސިކުނޑި ތައްޔާރުކުރުމަށްޓަކައި ވަގުތު ދިނުމަށް ކުރި ކަމެއްހެންނެވެ.

" ސާރާއަށް އެނގެއެއްނު ރަށު ޒައުފާ. އޭނައާ ހެދި ސާހިލް ހުންނަނީ ވަރަށް ކުރިއްސުރެ މޮޔަވެފަ. އެކަމަކު ޒައުފާގެ ބައްޕަމެން އެހާ ގަބޫލެއް ނޫން ސާހިލްއާ ގުޅޭކަށް. އެހެންވެ ޒައުފާ އޭނައާ ދުރުވީ. އެކަމަކު އޭގެ ފަހުންވެސް ސާހިލް ހުންނަނީ އެކުއްޖާއާ ހެދި ދީވާނާވެފަ. ޒައުފާވެސް ސާހިލްދެކެ ވަރަށް ލޯބިވެޔޯ. ދެން ސާރާ ފަހަތުން އޭނަ ދާންވީ ސަބަބެއް އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނޭ. ފަހަރެއްގާ އޭނަ ވަގުތީ ހިތްހަމަޖެހުމެއް ހޯދަން ކުރި ކަމެއް ކަމަށްވެސް ވެދާނެ. އަހަންނަށް ހީވަނީ އަނެއްކާ ޒައުފާގެ ކަންތައް ފެށުނީހެން." ކުރިން ޒައިދު ވާހަކަ ދެއްކި ރޭ ކީ އެއްޗެހި އެވަގުތު އަހަރެންގެ ހަނދާނަށް އަޔެވެ.

އަހަރެން ފޯނު ބޭއްވީ ވާހަކަ ދައްކަން އުނދަގޫވުމުންނެވެ. އޭރު މުޅި މީހާ ތުރުތުރު އަޅައެވެ. ބުނާނެ އެއްވެސް ލަފްޒެއް ދުލަކަށް ނަޔެވެ. ޝާއިންވެސް ކުރިމަތީގައި އިންދާ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށިއެވެ. ޝާއިން އިނީ މާކުރިއްސުރެ އެކަމަށް ތައްޔާރުވެގެންނެވެ. އަހަންނަށް ރޮވެން ފެށުމުން އޭނާ މަޑުމަޑުން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އެވާހަކަތައް ކުރިއްސުރެ ޝާއިންއަށްވެސް އެނގޭކަމުގައި އޭނާ ބުނީ އެވަގުތުއެވެ. ކުރިން ނުބުނީ އަހަރެން ހިތުގައި ޖެހޭނެވަރު އެނގޭތީކަމުގައިވެސް ބުންޏެވެ.

"ދޮންތާ ޕްލީޒް ހުއްޓާލާ! އޭނަ މަތިން ދެން ހަނދާން ނައްތާލާ." އެއީ އަހަންނަށް ކުރަން ކިހާ އުނދަގޫކަމެއްކަން ޝާއިންއަށްވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް އޭނާ އެހެން އެބުނީ އަހަންނަށް ރަނގަޅަކަށްކަން އެނގެއެވެ.

އެރޭ އެއްކޮށް އަހަރެން ހޭދަކުރީ ރުއިމުގައެވެ. ސާހިލް އަހަރެން ދެކެ ލޯބިވާކަމުގައި މިއޮއް ހުރިހާ ދުވަހަކު ބުނަމުން ދިޔައީ އެއްވެސް މާނައެއް ނެތިހެއްޔެވެ؟ ސާހިލްއަކީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އެއީ އަހަރެންގެ ޙަޔާތުގައި ވަރަށް ޚާއްސަ ޖާގައެއް ދެވިފައިވާ މީހެކެވެ. އަހަރެން ލޯބިވާވަރު ސާހިލްއަށް އޮޅިފައެއް ނޯންނާނެއެވެ. އެހެން އެކަން އޮތް އިރުވެސް އޭނާ އަހަރެންގެ އިޙުސާސްތައް އެ ހެދީ ކުޅޭކުޅޭ އެއްޗަކަށެވެ. ބޭނުން ނުވާއިރު ލޯބި ހުށަހެޅީ ކީއްކުރަން ހެއްޔެވެ؟ އެންމެ ކުޑަމިނުން ބަހަނާތަކެއް ނުދައްކާ ތެދަށް ބުނި ނަމަވެސް އަހަރެން ގަބޫލުކުރީހެވެ. އަހަންނަކީ ކެތްކުރަން އެނގޭ މީހެކެވެ. ނަމަވެސް މިހާރު ސާހިލް އެ ކަންތައް ކުރި ގޮތުން އަހަރެންގެ ހިތް މާ ބޮޑަށް ހަލާކުވެއްޖެއެވެ. ދުވަހަކުވެސް ނުފިލާނެވަރުގެ ގަދަ ވޭނެއް ހިތުގައި އުފެދިއްޖެއެވެ. ފުރަތަމަ އޭނާ އަހަރެންގެ ހިތާ ކުޅެފައި ދޫކޮށްލީ ރަޙުމަތްތެރިކަމަށްޓަކައެވެ. މިފަހަރު އެ ދިޔައީ އޭނާގެ ޙަޤީޤީ ލޯތްބަށްޓަކައެވެ. ދެން އަހަންނަކީ ސާހިލްގެ ކާކު ހެއްޔެވެ؟ ކޮންމެ ފަހަރަކު އަހަންނަށް މިހެން ހެދުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު ހެއްޔެވެ؟

ޝަކުވާތަކުން ހިތް ފުރެމުން ދިޔަވަރަކަށް އަހަރެންގެ ޙާލު ދިޔައީ ދަށްވަމުންނެވެ. ކެއުމާއި ދުރުވެ، މީހުންގެ ތެރެއަށް ނުކުމެ އުޅުންވެސްވީ ދަތިކަމަކަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް މީހަކަށް ނާންގާ ވޭތޯ އަހަރެން ދިޔައީ މަސައްކަތްކުރަމުންނެވެ. ހިތަކީ ވަރަށް ހެއްވާ އެއްޗެކެވެ. އެގޮތަށް ސާހިލް ކަންތައްކުރުމުންވެސް އޭނާދެކެ ވާ ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު ދެން އިތުރަށް އަހަރެން ސާހިލް ފަހަތަކުން ނުދުވާނަމެވެ. އެއީ އަހަރެންގެ އުސޫލެވެ. ކިތަންމެ ބޭނުންވިޔަސް ގަދަކަމުން ގުޅުމެއް ކުރިއަށް ގެންދިޔުމަކީ އެއްވެސް ފައިދާއެއް އޮތް ކަމެއް ކަމަކަށް އަހަރެން ނުދެކެމެވެ. ހިތުގައި ކިތަންމެ ވަރަކަށް ވޭން އެޅި ނަމަވެސް ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ މަސައްކަތް ފެށީމެވެ. އެގޮތުން ސާހިލްގެ ނަންބަރުވެސް ފޯނުން ފުހެލާ، ފޮނުވާފައި ހުރި ހުރިހާ މެސެޖެއްވެސް ފުހެލީމެވެ.

އޭގެ އެއް މަސް ފަހެވެ. ޑިޔުޓީ ފެށެން އަދި ވަގުތުކޮޅެއް އޮތުމުން އަހަރެން ދިޔައީ އާދައިގެ ވަރަކަށް ހިނގާލާފައެވެ. އޭޑީކޭ މައި ދޮރުން ވަދެގެން ތަންކޮޅަކަށް ނުދެވެނީސް ފަހަތުން ފިރިހެނަކު އަހަރެންގެ ނަމުން ގޮވާލި އަޑު އިވުނެވެ. އެނބުރި ބަލާލިއިރު އަންހެން ކުއްޖެއްގެ އަތުގައި ހިފަހައްޓައިލައިގެން ހެވިފައި ހުރީ ވިވާންއެވެ. ސާހިލްގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ ފެނުމާއެކު އަހަރެން ހިނިތުންވެލީމެވެ.

"ސާރާ މިތާ ކީއްކުރަނީ؟" ގާތް ރައްޓެއްސަކާ ވާހަކަ ދައްކާފަދައިން ވިވާން ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން މަސައްކަތްކުރަނީ މިތާ ލެބޯޓްރީގަ." އަހަރެން ޖަވާބުދިނީމެވެ.

"އެހެންތަ؟ މިއީ އަހަރެންގެ އަންހެނުން ނީޝާ. ނީޝާ މިއީ ސާރާ. އަހަރެންގެ ރަށު ރައްޓެހި ކުއްޖެއް." ވިވާން ވަރަށް ހަމަޖެހިލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ.

"މިއުޅެނީ އޮޕަރޭޝަނެއް ކުރަންޖެހިގެން. ދީބަލަ ނަންބަރު. މިތަނުން ކަމެއް ނުވެގެން އެހީއަކަށް ބޭނުންވިޔަސް ގުޅާލެވޭނީވެސް އޭރުންނެއްނު." އަހަރެން އެއްގޮތަކަށްވެސް ވިވާންއަށް ނަންބަރު ދޭހިތެއް ނުވިއެވެ. ނަމަވެސް އަވަހަށް އެތަނުން ދާން ބޭނުންވެފައި ހުރުމާއި، އޭނާގެ އަންހެނުން ހީކޮށްފާނެ އެއްޗަކަށް ވިސްނާފައި ނަންބަރު ދިނީމެވެ. ވިވާންވެސް އޭނާގެ ނަންބަރު ދިނެވެ. ގިނަ އިރު މަޑުކުރަން ބޭނުން ނުވާތީ ގަޑި ޖެހެނީކަމަށް ބުނެފައި އަހަރެން އަވަހަށް އެތަނުން ދިޔައީމެވެ.

އޭގެ އިރުކޮޅެއް ފަހުން ވިވާން ގުޅިއެވެ. އަދި ޖެހިގެން އަންނަ ދުވަހު އޮޕަރޭޝަންކުރަން ހަމަޖެހުނުކަމާއި އޭނާއަށް ގޮވާލަން އަންނަންވާނެ ކަމުގައި ބުންޏެވެ. އަހަރެން އެކަމާ އެއްބަސްވީމެވެ. އަހަންނާއި ސާހިލްގެ މެދުގައި ހިނގާފައިވާ ކަންތައްތައް ވިވާންއަށް ނޭނގި ނޯންނާނެކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ޖެހިގެން އައި ދުވަހު ޖެހުނީ ދަންވަރު ޑިޔުޓީއެވެ. ޑިޔުޓީ ނިންމާފައި އަނެއް ދުވަހު ހެނދުނު ގެއަށް ދާން ނުކުތްއިރު ވިވާން ހޮސްޕިޓަލްގައި އޮންނާނެކަން ހަނދާނުގައި ހުއްޓެވެ. ނަމަވެސް ވަރުބަލިވެފައި ހުރިވަރުން އޭނާއަށް ޒިޔާރަތް ނުކޮށް އަހަރެން ދިޔައީ ގެއަށެވެ. ގެއަށްގޮސް ނިދާފައި އޮއްވާ ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ބަލާލިއިރު ގުޅަނީ ވިވާންއެވެ. އޭރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ނަގަން ނުނަގަން އޮވެފައި އަހަރެން އެންމެ ފަހުން ފޯނު ނެގީމެވެ.

"އޭ! ކޮންތާކު ތި ހުރީ؟" ވިވާން އެހިއެވެ.

"ގޭގަ." ބޭކާރު ވާހަކަތަކެއް ދައްކަން ބޭނުންނުވާތީ ވީހާވެސް ކުރުކޮށް ޖަވާބުދެވޭތޯ އަހަރެން ބެލީމެވެ.

"ދޮގު ނުހަދާ. ދެންމެ ކައުޓަރު ކައިރީގަ ހުރިން ދޯ؟" އެއްޗެއް ޔަޤީންކުރަން ބޭނުންވާފަދަ ގޮތަކަށް ވިވާން އަނެއްކާ ސުވާލުކޮށްލިއެވެ.

"ނޫނެކޭ. ހަމަ ގޭގަ މިއޮތީ. ރޭގަ ދަންވަރު ޑިޔުޓީގަ ހުރެފަ ހެނދުނު ގެއަށް އައިސްފިން. ކިހިނެއްތަވީ؟" އަހަރެން އިތުރަށް އޮޅުން ފިލުވައިދިނީމެވެ.

"އެކަމަކު ދެންމެ ކުއްޖަކު ދުވަމުން ދުވަމުން އައިސް ބުނި ސާރާ އެބަހުއްޓޯ ކައުންޓަރު ކައިރީގަ. ފެނުނުނަމަ ތިމަންނަ ގައިގަ ދަނޑިބުރިޔަކުން ޖެހީމުހޯ." ދިމާކުރާ ފާޑަކަށް ހެމުން ވިވާން ކިޔައިދިނެވެ.

"އަހަންނަކީ މީހުން ގައިގަ ތަޅަމުން ދުވާ މީހެއް ނޫން. އެހެންނޫނަސް އަހަރެން ތި ބުނާ މީހަކު ނުދަންނަން." އެ ދައްކަނީ ސާހިލްގެ ވާހަކަކަން އަހަންނަށް ރަނގަޅަށް އެނގުނެވެ. އޭރު ވިވާން ހޭ އަޑު އިވެމުން ދިޔައެވެ.

"އެއީ ސާރާ އެންމެ ލޯބިވާ ކުއްޖާ." ހުނުން ހުއްޓާލާފައި ވިވާން ބުންޏެވެ.

"އެމީހަކު ތިތާ އަޑުއަހަން އިންދަ ދޯ ތި ވާހަކަ ދައްކަނީ." ހިތުގައި ކިތަންމެ ބޮޑަކަށް ވޭން އެޅި ނަމަވެސް އެކަން ފޮރުވަން އަހަރެން މަސައްކަތްކުރީމެވެ. ވާނެ އެއްވެސް ފައިދާއެއް ނެތީމައެވެ.

"ނޫން. އެކުއްޖާ ހިނގައްޖެ." ވިވާން އެހެން ބުނި ނަމަވެސް އެ ހެދީ ކަނޑައެޅިގެން ދޮގެއްކަން އަހަންނަށް އެނގުނެވެ. ނަމަވެސް އިތުރަށް ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް އޮތްކަމަކަށް އަހަރެން ނުދެކެމެވެ. އެހެންކަމުން އޮޕަރޭޝަން ދިޔަ ގޮތާއި، ޙާލު އަހުވާލު އޮޅުން ފިލުވުމަށްފަހު ފޯނު ބޭއްވީމެވެ.

އޭގެ ދެމަސްފަހެވެ. އޭރު އަހަރެން ދިޔައީ މަޑުމަޑުން ޙާލަތަށް ހޭނެމުންނެވެ. ޑިޔުޓީގައި ވަރަށް ބުރަކޮށް އުޅުނު ދުވަހެކެވެ. ކުއްލިއަކަށް ކައުންޓަރު ދޮށަށް އައިސް ހުއްޓުނުތަން ފެނުނީ ސާހިލްއެވެ. އޭނާ އެގޮތަށް ފެނުމުން އަހަރެން ގަނޑުވިކަހަލައެވެ. އިރުކޮޅަކަށް ސިކުނޑި މަސައްކަތްކުރުން ހުއްޓުނެވެ. މީގެ ކުރިން އަހަންނަށް ފިލަން ދުވި މީހާ މިއަދު އައިސް އެ ހުރީ ކުރިމަތީގައެވެ. ސާހިލް އައީ އޭނާގެ ތިމާގެ މީހެއްގެ ލޭގެ ޓެސްޓްތަކެއް ހެދުމަށްޓަކައެވެ. އޭނާ ބަލަމުންދިޔަ ގޮތުން އަހަރެންގެ ހިތުގައި ހުރި ހުރިހާ ޝަކުވާއެއް ވަގުތުކޮޅަކަށް ހަނދާން ނެތުނުފަދައެވެ. އެއީ އަހަރެން އެންމެ ދެކެން ބޭނުންވާ ސޫރައެވެ. އެމީހަކަށްޓަކައި ރެޔާއި ދުވާލު ކަރުނައެޅި ލޯބިވެރިޔާއެވެ.

އެހެން ހުރެފައި ސާހިލް އަތުގައި އޮތް ލެބޯޓްރީ ރިކުޒިޝަން ފޯރމުގައި އެއްޗެއް ލިޔެފައި އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. ބަލާލިއިރު އޭގައި އޮތީ ފޯނު ނަންބަރެކެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުން އަހަރެން އަނެއްކާ ސާހިލްއަށް ބަލާލީމެވެ. އޭރުވެސް އޭނާ ހުރީ ކަޅި ޖަހާ ނުލާ ބަލަހައްޓައިގެންނެވެ. އެއީ އަހަރެން އެނަންބަރަށް ގުޅުމަށްޓަކައި އޭނާ ދިން ސިގްނަލެއްކަމުގައި އަހަންނަށް މާނަކުރެވުނެވެ.

ސާހިލް ދިއުމުން އަހަރެން އެކަމާމެދު ވަރަށް ވިސްނީމެވެ. އެގޮތަށް އަހަންނަށް ނަންބަރު ދިނުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އަހަރެން ގުޅަންވީހެއްޔެވެ؟ ސާހިލް ޙަޤީޤީ ލޯބިވަނީ އެހެން ކުއްޖެއްދެކެކަން ރަނގަޅަށް އެނގޭއިރުވެސް އަހަރެން ކުރިއަށް ފިޔަވަޅު އަޅަންވީހެއްޔެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ