މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ޅ. ނައިފަރު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ނައިފަރުން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނެކެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި އެތަކެތި ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.
މި ހިނގާ ޖޫންމަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަނދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




