އޭރު ކޮޓަރީގައި ދިއްލާފައި ހުރި ނޫކުލައިގެ ނިދާ ބޮކީގެ ފަނޑު އަލިން އޭނާގެ ފައިލާކޮޅުގައި އިށީނދެ މީހަކު އިންދާ ފެނުނެވެ. ކިތަންމެ އަލި ފަނޑު ނަމަވެސް އެތާ އިނީ ކާކުކަން ޔޫނުސްއަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެވަގުތު ޔޫނުސްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނިދިވެސް އެއްކޮށް ފިލިއެވެ. ކުއްލިއަކަށް ޔޫނުސް ތެދުވި ތަން ފެނިފައި އެމީހަކުވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެމީހާ މާ ހުޝިޔާރެވެ. ޔޫނުސްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އައި ގޮތަށް އައިސް ޔޫނުސްގެ އަނގަ މަތީގައި އަތް އެޅިއެވެ.
"އެއްވެސް އަޑެއް ބޭރުކޮށްގެން ނުވާނެ! އެންމެ އެއްޗެއް އަނގައިން ބުންޏަސް މަރާލާނަން!" ދެލޯ ބޮޑުކޮށްލާފައި ޒާހިދު ބުންޏެވެ. އެއީ ޔޫނުސްގެ މިހާރުގެ ބަލަދުވެރިޔާއެވެ. އެމީހަކަށް ޔޫނުސް "ބައްޕަ" ގެ ނަމުން މުޚާޠިބުކުރަން އެންމެ ފުރަތަމަ ފުރުސަތު ލިބުނު ފަރާތެވެ. އަދި ހިމާޔަތް ދޭން އެއްބަސްވެގެން އޭނާ ގެނައި އެކަކެވެ. އެފަދަ މީހަކަށް ބައްޕައެއްގެ ލަޤަބު ދެވިދާނެ ހެއްޔެވެ؟
ޖިންސީ ގޯނާގެ ސިލްސިލާ ފެށުނީ އެހާ ހިސާބުންނެވެ. ޒާހިދު ބޭނުންވާ ރޭރޭ ޔޫނުސް ނިދަން ބާއްވަނީ އެ ކޮޓަރީގައެވެ. ޒާހިދުގެ އެ ނުބައި ޢަމަލުން އެކުއްޖާއަށް ވަރަށް އަނިޔާ ލިބެއެވެ. ވޭން އަޅައެވެ. ނަމަވެސް ގަސްދަކާނުލާ އަނގައިން އަޑެއް ބޭރުވިޔަސް އެކަމުގެ އަދަބު ދެއެވެ. އަނިޔާ ދެނީ ހަށިގަނޑުގައި އެހެން މީހުންނަށް ފެންނަން ނުހުންނަ ހިސާބުތަކަށެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތް ތަނެއްގައި އެހީއަކަށް އެދި އޭނާ އާދޭސްކުރާނީ ވަކި ކާކު ކައިރީގައި ހެއްޔެވެ؟ ގޭގައި މަސައްކަތްކުރަން އުޅެނީ ރާއްޖެއިން ބޭރު ދެމީހުންނެވެ. އެމީހުންނަކީވެސް ޒާހިދު ދިނީމައި ކައިގެން އުޅޭ ބަޔެކެވެ. ކަމެއް އެނގުނު ނަމަވެސް އެމީހުންނަށް ދެވޭނެ އެއްވެސް އެހީއެއް ނޯންނާނެކަން ޔޫނުސްގެ ޅަ ސިކުނޑިއަށްވެސް ވިސްނެއެވެ.
އެކަންތައްގަނޑު ފެށުނު ފަހުން ޔޫނުސް ހުންނަނީ އަބަދުވެސް ބިރުން ސިހިސިހިއެވެ. މީހެއްގެ ހިލަމެއް ކިރިޔާ ވެލިޔަސް އޭނާއަށް ހީވަނީ ޒާހިދު އައީ ހެންނެވެ. ކުރިންވެސް މާ ގިނަ ވާހަކަތަކެއް ދައްކާ އުޅޭ ކުއްޖެއް ނޫންކަމުން ސްކޫލްގެ ރައްޓެހި ކުދިންނަށްވެސް ޔޫނުސްއަށް އައު ބަދަލެއް އައި ކަމެއް ދެނެގަންނާކަށް ނޭނގުނެވެ. ޒާހިދު ގޭގައި ނޫޅޭ ރޭރޭވެސް ޔޫނުސްއަށް ހަމަ ނިދި ނުލިބެއެވެ. ހީވަނީ ހަމަ ލޯ މެރިލާއިރަށް ޒާހިދު އައިސް އެދުން ފުއްދަން އުޅެފާނެ ހެންނެވެ. އަނިޔާއެއް ކޮށްފާނެ ހެންނެވެ. އެކަންކަމާ ހެދި ކެއުމާއި ދުރުވެ، ކިޔެވުމަށްވެސް ބުރޫ އަރަން ފެށިއެވެ. ޔޫނުސްއަކީ ކުރިން ކްލާހުގައި އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ނަމަވެސް މި ދިމާވި ކަންތައްގަނޑާ ހެދި ގިނަ މާއްދާއިން ފާސްވެސް ނުވާން ފެށިއެވެ. އެކަމާ ޓީޗަރުން ސުވާލު ނުކުރީ އެއީ ޔޫނުސްގެ މަންމަގެ ކުއްލި މަރުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ނިންމާފައެވެ. އަދި އެމީހުންނަށް ޔޫނުސްގެ ކުރީގެ ދިރިއުޅުންވެސް އެނގޭތީއާއެކު އިތުރަށް ސުވާލުތަކެއް ކުރުމުން ޔޫނުސްގެ ހިތަށް ބޮޑަށް އަސަރުކޮށްފާނެކަމަށްވެސް ވިސްނާފައެވެ.
ދުވަސްތައް ވޭނާއި ހިތާމައިގައި ކުރިއަށް ދިޔައެވެ. ޔޫނުސްއަށް ދިޔައީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެތައް އަނިޔާއެއް ލިބެމުންނެވެ. ނަމަވެސް އޭނާއަށް އަންނަމުންދާ ބަދަލުތައް ފާހަގަ ކުރެވޭ އެކަކުވެސް ނެތެވެ.
އެއްދުވަހެއްގެ މެންދުރު ފަހުގެ ވަގުތެވެ. ޔޫނުސް އިނީ ސްކޫލުން އައިސް ކާށެވެ. އެވަގުތު ގޭގައި އެކަކުވެސް ނޫޅެއެވެ. ކުއްލިއަކަށް އިވުނީ ގޭ ބެލް ޖެހި އަޑެވެ. އެވަގުތު ޔޫނުސް ދިޔައީ ސިއްސައިގެންނެވެ. ދޮރު ކައިރިއަށް ގޮސް ބޭރު ބަލަން ހާއްސަކޮށްފައި ހުންނަ ތަންކޮޅުން ބަލާލިއިރު ބޭރުގައި ހުރީ ގޭ ކުނި އުކާ މީހާއެވެ. އެއީ ރާއްޖޭ މީހެކެވެ. ބަލާ ބެލުމަށް އަދި ވާނީ ފަންސަވީހަކަށް އަހަރެވެ. ކުރިންވެސް ޔޫނުސްއަށް ވަނީ އެ މީހާ ފެނިފައެވެ. އެހެންކަމުން ޔޫނުސް ދޮރު ހުޅުވިއެވެ. އަދި ގޮސް އަނެއްކާ ކެއުމައިގެން މަސްއޫލުވިއެވެ.
"ކޮއްކޯ! ގޭގައި އެހެން މީހަކު ނޫޅެނީތަ؟" ބަދިގޭގައި ހުރި ކުނި ކޮތަޅުތައް ނަގަމުން އެމީހާ ސުވާލު ކުރިއެވެ.
އެ ސުވާލަށް ޔޫނުސް ޖަވާބު ދިނީ ބޮލުންނެވެ.
"ކޮއްކޮ ކީއްވެތަ އަބަދު ދެރަވެފަ ތި އިންނަނީ؟ ބޭބެ މިހެން އައިސް އުޅޭއިރު ވަރަށް ގިނައިން ކޮއްކޮ ފެނޭ. މިގޭ ދައްތަ ނިޔާވިފަހުން ކޮއްކޮ އަބަދުވެސް ފެންނަނީ ވަރަށް ދެރަވެފަ އިންދާ." ޔޫނުސްގެ ކުރިމައްޗަށް ހުއްޓިލަމުން އެމީހާ ވާހަކަދެއްކިއެވެ.
"ކަމެއް ނުވޭ." އިސްދަށަށް ޖަހާލަމުން މާޔޫސްވެފައިވާ އަޑަކުން ޔޫނުސް ޖަވާބު ދިނެވެ.
"ބޭބެއަށް އެނގޭ ކީއްވެގެންކަން. އެ ޒާހިދުގެ ގޮތް ބޭބެއަށް ވަރަށް ރަނގަޅަށް އެނގޭ. އެއީ ވަރަށް ނުބައި މީހެއް. މިގޭ ދައްތައަށްވެސް ވަރަށް ފަހުން އޭނާގެ ފަތިފުށް ފަޅާ އެރީ. އެކަމުގެ ހިތާމައިގަ ކަންނޭނގެ އެ ފަކީރު އެ ނިމި ދިޔައީވެސް." ހިތްހަމަ ނުޖެހިފައި ހުރެ އެމީހާ ވާހަކަ ދައްކަމުން ދިޔައެވެ.
އެވާހަކަތަކުން ޔޫނުސްއަށް ލިބުނީ އިތުރު ހިތާމައެވެ. އެހީއަކަށް އެދެން އޭނާ ވަރަށް ބޭނުމެވެ. ނަމަވެސް އެއްވެސް ލަފްޒެއް ދުލާ ހަމައަކަށް ނަޔެވެ. އަދި ހުރިހާ ކަމެއް އެއްފަހަރާ ހަނދާންވުމުން ލޮލުން ފައިބަންފެށީ ކަރުނައެވެ.
"ކޮއްކޮ ހިނގާ ބޭބެއާއެކު ދާން. ބޭބެ އުޅެނީ ވަކިން ކޮޓަރިއެއްގަ. އުނދަގޫކުރާނެ މީހަކު ނުހުންނާނެ. ބޭބެއަށް އެނގޭ ކޮއްކޮއަކީ ކޮންތާކުން ގެނެސްފައި ހުރި ކުއްޖެއްކަން. އަދި އަޅާލާނެ އިތުރު މީހެއް ނެތްކަންވެސް. ބޭބެއަށް މިގޭގަ ހުރިހާ ފުރިހަމައަށް ކަންތައްތައް ކޮށް ނުދެވިދާނެ. އެކަމަކު ކޮއްކޮވެސް ބޭބެއަށް ބައެއް ކަންކަމުގައި އެހީތެރިވެދެނިކޮށް ހަމަޖެހިލައިގެން އުޅެވިދާނެ. ހަމަ ޔަޤީނުންވެސް ބޭބެ އެއްވެސް އަނިޔާއެއް ނުކުރާނަން." ވަރަށް އޯގާތެރި އަޑަކުން އެމީހާ ވާހަކަދެއްކިއެވެ.
"އަހަރެން ބޭނުން ކިޔަވަން." ވަރަށް ހިތްވަރުން ރުއިން ހުއްޓާލާފައި ޔޫނުސްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
"އަމިއްލަ ސްކޫލެއްގައި ފީ ދައްކައިގެން ކިޔަވައިދޭހާ ފެންވަރެއް ބޭބެގެ ނެތް. އެކަމަކު ސަރުކާރު ސްކޫލަކަށް ލައިގެން ނަމަވެސް ބޭބެ ކޮއްކޮއަށް ކިޔަވައިދޭނަން." އެމީހާ ބުންޏެވެ.
މިހާރު މީހުންނަށް އިތުބާރު ކުރަން ޔޫނުސްއަށް ވަރަށް އުނދަގުލެވެ. އެހެންކަމުން އެ ބޭބެގެ އެދުމަށް ވަގުތުން ޖަވާބުދޭން ފަސްޖެހެވުނެވެ.
"ކޮއްކޮ މިކަމާމެދު ވިސްނާލާ. ބޭބެއަށް އެނގޭ ނުދަންނަ މީހަކު މިހެން އައިސް ދާން ބުނީމަ ވަގުތުން ދާން އުނދަގޫވާނެކަން. އެކަމަކު ބޭބެ ބޭނުން ކޮއްކޮއަށް އެހީވާން. ކޮއްކޮއަށް އަނިޔާ ލިބޭކަން ބޭބެއަށް ވަރަށް ރަނގަޅަށް އެނގޭ. އެހެންވީމަ މާދަން ބޭބެ މިގަޑީގައި އަންނަންވާއިރަށް ވިސްނާލާފަ ބާއްވާ. ކޮއްކޮ ބޭނުމިއްޔާ ބޭބެއާއެކު ގެންދާނަން." ވަރަށް އޯގާތެރިކަމާއެކު ޔޫނުސްގެ ބޮލުގައި ފިރުމާލާފައި އެމީހާ ނުކުމެގެން ދިޔައެވެ.
ޔޫނުސްއަށް އެވަގުތު ޖަވާބެއް ނުދެވުނު ނަމަވެސް އިޙުސާސްވީ ކަނޑުވެގެން އޮޔާ ދަނިކޮށް ސަލާމަތްވާނެ ގޮތެއް ފެނުނުހެންނެވެ. އެކަމަކު އެއީވެސް ނުދަންނަ މީހެކެވެ. އަނެއްކާ އެމީހާއަށް އިތުބާރުކޮށްފައި ގޮސްގެން އިތުރު ދެރައެއް ލިބިދާނެއެވެ. ނަމަވެސް އޭނާއަށް ޔަޤީންވާ އެއް ކަމެއް އެބައޮތެވެ. ކުރިން އޭނާ އައި މާޙައުލަށް އަލުން އެނބުރިދާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
އެރޭވެސް ވީ ޔޫނުސްއަށް ބިރުވެރިކަމުން ފުރިގެންވީ ރެޔަކަށެވެ. ޒާހިދުގެ ވަކިތަކުން އެ ކުޑަކުޑަ ހަށިގަނޑަށް އެތައް އަނިޔާއެއް ލިބުނެވެ. އަޑު ބޭރުވެދާނެތީ އެތެރެއަށް ރުއިމުގެ ސަބަބުންނާއި ލިބެމުން ދިޔަ ވޭނުން އެފަކީރު އޮތީ ގައިން އެއްކޮށް ހަކަތަ ހުސްވެފައެވެ. އެ ނުބައި ނުލަފާ މީހާ އަމިއްލަ އެދުން ފުދުމުން އަނެއް ފަރާތަށް އެނބުރި ފުން ނިދީގެ ތެރެއަށް ގެނބުނެވެ. އޭރު ޔޫނުސް އޮތީ ފުރޮޅިލާނެ ވަރުވެސް ނެތިފައެވެ. ގިނަ އިރު ރުއިމުގެ ސަބަބުން އޭނާއަށް ގިސްލެވެއެވެ. އެގޮތުގައި އޮވެ އެކި ގޮތް ގޮތަށް ވިސްނުމަށް ފަހު ޔޫނުސް ވަރަށް ބޮޑު ނިންމުމެއް ނިންމިއެވެ. ދެން އެ ވޭނަށް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. ކޮންމެ ގޮތެއް ވީނަމަވެސް އޭނާ ދެން އެ ހުރަ ގޭގައި ހުންނާކަށް ބޭނުމެއް ނޫނެވެ. ކުނި އުކަން އަންނަ ބޭބެ ދިއްކޮށްލި އެހީގެ އަތުގައި ހިފުމަކުން ގޯހެއް ނެތެވެ. ހަމަ ޔަޤީނުންވެސް ދެން މިއަށްވުރެ ބޮޑު މުސީބާތެއް ޖެހޭނެހެންނެއް ހިޔެއް ނުވެއެވެ. ކޮންމެ ދަތިކަމަކާއެކު ލުޔެއްވާކަމުގައި އޭނާއަށް މަންމަ ވަނީ ބުނެދީފައެވެ. އެހެންކަމުން ދެން އޮތީ ލުޔެއް ކަމުގައިވެސް ވެދާނެއެވެ.
ޖެހިގެން އައި ދުވަހު ކުނި އުކަން އަންނަ މީހާއާއެކު ޔޫނުސް އެމީހާގެ ގެޔަށް ދިޔައެވެ. އެމީހާގެ ނަމަކީ ޝާންއެވެ. ލާން ގެންގުޅޭ ހެދުންތަކާއި ބޭނުންކުރާ ބައެއް ސާމާނު ކުޑަ ފޮށްޓަކަށް އެޅުމަށް ފަހު ފޮތްތައް ސްކޫލް ދަބަހަށް އަޅައިގެން ޔޫނުސް ނިކުތްއިރު ނަސީބަކުން ގޭގައި އެއްވެސް މީހަކު ނޫޅެއެވެ. ޒާހިދު އައިސް ޔޫނުސް ހޯދާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ޔޫނުސް ދިޔައީ ޒާހިދަށް އެޑްރެސްކޮށް ކުރު ސިޓީއެއް ލިޔެ ކޮޓަރި މޭޒުމަތީގައި ބާއްވާފައެވެ. އަޅާލާނެ އެއްވެސް މީހެއް ނެތި ލޯތްބަށް ފެން ބޮވައިގަނެފައި ހުއްޓާ އޭނާ އެމީހުންގެ ހިމާޔަތުގެ ދަށަށް ގެނަސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދިން އަޅާލުމާއި ލޯތްބަށް ފަށްފަށުން ޝުކުރުވެރިވާކަމުގައި އޭނާ އެސިޓީގައި ލިޔުނެވެ. ނަމަވެސް ދެން އޭނާ ހޯދަން މަސައްކަތް ނުކުރުމަށް އެދުނެވެ.
ޝާން ބުނިފަދައިން އޭނާ އުޅެނީ އާދައިގެ ކުޑަކުޑަ ކޮޓަރިއެއްގައި އެކަނިމާ އެކަންޏެވެ. ކައްކާ ކާން ޖެހެނީވެސް އެތަންކޮޅުގައެވެ. ކޮޓަރީގައި ބަހައްޓާފައި ހުރީ އާދައިގެ ދެބުރި އެނދެކެވެ. އަދި އެއްޗެހި އަޅަން ހުރީ ދެ ދޮރުފަތް ލީ އަލަމާރިއެކެވެ. އޭގެ އިތުރުން ކުޑަ މޭޒަކާއި ގޮނޑިއެއް ކޮޓަރީގެ އެއް ކަނެއްގައި ބަހައްޓާފައި ހުއްޓެވެ. ކޮޓަރީގެ އެކި ހިސާބުގައި ޝާން ލާން ގެންގުޅޭ އަންނައުނުތައް ވަކި ތަރުތީބެއް ނެތި އުކާފައި ހުއްޓެވެ. ކޮޓަރީގައި ވަރަށް ނުބައި ވަހެއްވެސް ހަރުލާފައި ހުއްޓެވެ. ކުރިން ޔޫނުސް އުޅެފައި އައި ގޭގައި އޭނާ އުޅުނު ކޮޓަރި މި ކޮޓަރިއަށްވުރެ ދެގުނަ ބޮޑެވެ. ނަމަވެސް ބޯ ހިޔާކޮށްލާނެ ތަންކޮޅެއް ލިބުނުކަމަށްޓަކައިވެސް ޔޫނުސް ޝުކުރުވެރިވެއެވެ.
"މިހާރު ތިހުރީ ވަރަށް ވަރުބަލިވެފަ ދޯ. އެއްޗެހިތައް ބަހައްޓާފަ އިހަށް ޖައްސާލާ. ޔޫނުސް ނިދާނީ މަތީ އެނދުގަ. އުނދުންމަތީގަ ހުރި ތެލީގަ ހުންނާނެ ކާ އެއްޗެހި. ބަނޑު ހައިވީމަ އަޅައިގެން ކާލާ. ބޭބެ އަކީ ވަރަށް ގިނަ މަސައްކަތް ކުރާ މީހެއް. އެހެންވީމަ ވަރަށް ބިޒީވާނެ." ފޯނަށް އައި މެސެޖަކަށް ބަލާލާފައި ވަރަށް އަވަހަށް ހުރިހާ އެއްޗެއް އެއް ނޭވާއިން ކިޔައިދީފައި ޝާން ނުކުމެގެން ދިޔައެވެ.
(ނުނިމޭ)



