އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގެ ގާބިލްކަމާމެދު ސުވާލުކުރުމުގެ ޖާގައެއް އަދިނެތް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާލުވެއްޖެ އެވެ.
އުޝާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާލުވެފައުވަނީ އިކޮނޮމިކް މިނިސްޓަރު ގެ ގާބިލްކަމާމެދު ސުވާލުކުރުމުގެ ޖާގައެއް އަދިނެތް ކަމަށާއި ހީވާ ގޮތުގައި މި އުޅެނީ ކޮންމެވެސް އެހެންކަމެއް ކަމުގައެވެ. ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ހާލަތުގައި ޤައުމު އަދި ސަރުކާރު ހަލަބޮލިވާ ޒާތުގެ ކަންކަމުން ދުރުހެލިވެގެން ތިބުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އުޝާމް ވިދާޅުވިއެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީ މެންބަރުންތަކެއް އިސްވެ މަސައްކަތް ކުރައްވަމުންދަނީ ވައުދުވި ބައެއް ކަންކަން ފުއްދުމުގައި ފެއިލްވެފައިވާ ކަމަށް ބުނެއެވެ.
އިކޮނޮމިކް މިނިސްޓަރު @faya_i ގެ ގާބިލްކަމާމެދު ސުވާލުކުރުމުގެ ޖާގައެއް އަދިނެތް. މި އުޅެނީ ކޮންމެވެސް އެހެންކަމެއްހެން ހީވަނީ. ގައުމުގެ އިގްތިސާދު މިހާރު މިއޮތް ހާލަތުގައި ގައުމު އަދި ސަރުކާރު ހަލަބޮލިވާ ޒާތުގެ ކަންކަމުން ދުރުހެލިވެގެން ތިބުން ބުއްދިވެރި. https://t.co/k6LAJ8aWrt
— Ahmed Usham (@a_usham) August 12, 2020
ނަމަވެސް އިތުބާރު ގެއްލޭ އެއްވެސް ކަމެއް މިހާތަނަށް މި ސަރުކާރުގައި ހުންނަވައިގެން ކުރައްވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިއްޔެ ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ފައްޔާޒު ވިދާޅުވީ، އޭނާ ނިސްބަތްވާ ޕާޓީއިން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުންދާއިރު އޭގެން އެނގިގެން ދަނީ ޑިމޮކްރަސީ އޮތްކަން ކަމަށާއި އެކަމާ އުފާ ކުރައްވާކަމަށެވެ.
ވަޒީރެއްގެ އިތުރުބާރު ނެތް މައްސަލައެއް މަޖިލީހަށް ވެއްދުމަށް ބޭނުންވާނީ ދިހަ މެމްބަރުން ސޮޔެވެ. އެކަމަކު ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު 65 މެމްބަރުންނާއެކު އެމްޑީޕީއަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.



